ދިވެހި ބަހާއި ސަގާފަތާއި ތަރިކައަށް ސްކޫލު ކުދިންގެ މެދުގައި ޝައުގުވެރިކަން އެބަހުރި ކަމަށާއި އެ ކުދިންގެ ފެންވަރުގައި ބަސް ދިރުވައި އާލާކުރުމަށް މަސައްކަތްކުރާ ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިބަހުގެ އެކަޑަމީއަށް 13 އަހަރު ފުރުމާ ގުޅިގެން 'ސަން'އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. އަޝްރަފް ވިދާޅުވީ، ސުކޫލު ކުދިންގެ ކިޔެވުމުގެ މަރުހަލާތައް ރޭވިފައި ހުރި ގޮތުން ދިވެހި ބަހަށް ދެވެނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށެވެ.
އެގޮތުން، ކިޔަވާ ދަރިވަރުން ކިޔެވުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ފޮތާއި ދިވެހި ތާރީޚާއި ދިވެހި ވެށްޓާ ގުޅުންހުރި ފޮތްތައް ވެސް ލިޔެވިފައި ހުރީ އިނގިރޭސި ބަހުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކުދިން ކިޔަވާ ސްކޫލުގެ މާހައުލުގައި ދިވެހިބަހުން ކިޔަވައިދެވޭ ހަމައެކަނި މާއްދާއަކީ ދިވެހި ބަހުގެ މާއްދާއާއި އިސްލާމް މާއްދާ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.
ވީއިރު، ދިވެހި ބަހާ ދުރު އެފަދަ ތައުލީމީ ނިޒާމެއްގެ ތެރޭގައި އުޅެމުން، ދިވެހި ބަހާމެދު އެ ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން ކުޑަނޫން ކަމަށާއި ދިވެހި ބަސް ދެކެ އިންތިހާއަށް ލޯބިވާ ދަރިވަރުންނާއި ސަގާފަތާއި ތަރިކައަށް ލޯބިކުރާ ކުދީން ތިބިކަން ޑރ. އަޝްރަފް ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ބައެއް ސުކޫލުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި "އަދަބީ ފޯވަހި" ނުވަތަ "ދިވެހި ފޯވަހި" ފަދަ ނަންނަމުގައި ދިވެހި ބަހަށް ޚާއްސަ ހަރަކާތްތައް ސުކޫލުތަކުން ކުރިއަށް ގެންދާ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކަޑަމީން އޮންލައިންކޮށް ސެޝަނެއް ބާއްވައިފިއްޔާ އޭގަ ބައިވެރިވާ ކުދިންގެ އަދަދު ހާހުން ދެހާހަށް އަރާ. އެހެން އެކަން އެ ވަނީ، އެ އިސްކޫލުތަކުގެ ވެރިންނާ ޓީޗަރުންނާއި ދަރިވަރުން ވެސް ދިވެހި ބަހަށް ހުރި ޝައުގުވެރިކަން ބޮޑުވީމާ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެ ކުދިންގެ ފެންވަރުގައި އެ ކުދިންގެ ހަޔާތަށް ބޭނުންވާ މިންވަރަށް އެކުދިން ޝައުގުވެރިކަން ވެސް އެބަ ހުރި. މަސައްކަތް ވެސް އެބަ ކުރޭ.
އިތުރަށް ވާހަކަދައްކަވަމުން، އެކަޑަމީގެ ރައީސް ޑރ. ޢަޝްރަފް ވިދާޅުވީ، މިހާރު ހުރި ގޮންޖެހުންތަކާއެކުގައި ވެސް ދިވެހި ބަހަށް ސްކޫލު ކުދިން ކުރަމުންދާ މަސައްކަތް ރަނގަޅު ކަމަށެވެ.
ދިވެހި ބަސް ދިރުވާ އާލާކުރަން ބޭނުންވާ ކުދިން އިހުގެ އަދަބީ ފޮތްތަކާއި ވާހަކަ ފޮތްތަކާ "ރައްޓެހިވުމަށް" އިލްތިމާސްކުރައްވައި، ޑރ.އަޝްރަފް ވިދާޅުވީ އިނގިރޭސި ބަސް ނޭނގުމުން ލަދުގަންނަ ފަދައިން، ދިވެހި ބަހުން ވާހަކަދައްކަން ނޭނގުމުން ލަދުގަންނަ މިންވަރު މާ ބޮޑުވާން ޖެހޭނެ ކަމަށެވެ.
މިސާލަކަށް، އަޅުގަނޑު ލަދެއް ނުގަނޭ ފަރަންސޭސި ބަސް އަޅުގަނޑަށް ނޭނގޭތީއެއް. އަޅުގަނޑު ލަދެއް ނުގަނޭ އަރަބި ބަސް އަޅުގަނޑަށް ނޭނގޭތީއެއް. އެކަމަކު އަޅުގަނޑު ލަދުގަނޭ އަޅުގަނޑަށް ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކަން ނޭނގެންޏާ. މި ވިސްނުން ދިވެހި ކިޔަވާކުދިންގެ ސިކުނޑިތަކަށް ވިސްނޭތޯ މަސައްކަތް ކުރަން އެބަ ޖެހޭ. އާންމުކޮށް ކޮންމެ ދިވެއްސަކަށް މި ވިސްނުން ވިސްނެން އެބަޖެހޭ.
ދިވެހިބަހުގެ އެކަޑަމީއަކީ ދިގު ތާރީޚަކާ ގުޅިފައިވާ މުއައްސަސާއެކެވެ. އެގޮތުން މި މުއައްސަސާ އެންމެ ފުރަތަމަ އުފެދިފައި ވަނީ، "ދިވެހިބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލިސް"ގެ ނަމުގައި 28 ޖެނުއަރީ 1979ގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅުގައެވެ. އޭގެފަހުން، ހަމަ އެ އަހަރުގެ 22 ފެބުރުއަރީގައި "ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތް ކުރާ މަޖިލިސް" އުފެއްދެވިއެވެ.
ފަހުން އެ ދެ މަޖިލިސް އެއްކޮށްލެއްވުމަށްފަހު ވަކި މުއައްސަސާއެއްގެ ގޮތުގައި "ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު"ގެ ނަމުގައި އެ މުއައްސަސާ ހިންގަވައިފައިވެއެވެ. އޭގެ ފަހުން، އެ މުއައްސަސާއަށް ތަފާތު ބަދަލުތަކެއް ގެނެވި، 8 އޮގަސްޓު 2011ގައި "ގައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު" ގެ ދަށުން ދިވެހިބަހުގެ އެކެޑަމީ އުފަންވިއެވެ.
އެގޮތުން، ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަން އެންމެ ފުރަތަމަ ކުރެއްވީ އަޝްރަފް އަލީއެވެ. އެ އެކަޑަމީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ބަހުގެ ދިރާސާތައް ކުރުމާއި ތަރީޚާއި ސަގާފަތާ ގުޅުންހުރި ކަންތައްތައް ދިރާސާކޮށް ބެލެހެއްޓުމާއި، ދިވެހިބަސް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިމެނެއެވެ.
އެގެތޭރޭގައި، ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ވާހަކަދެއްކުމުގެ މުބާރާތްތަކާއި މަޒުމޫނު ލިޔުމާއި ކުރުވާހަކަ ލިޔުމާއި ޅެން ހެދުމުގެ މުބާރާތްތައް ބާއްވާއިރު، ބަހުގެ ގަވައިދު އެކުލަވައިލުމާއި ބަސްފޮތް އެކުލަވައިލުމުގެ މަސައްކަތްތައް ވެސް ކުރެވެއެވެ.
ދިވެހިބަހުގެ އެކަޑަމީއަށް 13 އަހަރު ފުރުމާ ގުޅިގެން، މިއަދު އެކަން ފާހަގަކުރުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. ހެނދުނު ނާސްތާއަކާއި ކޭކުފެޅުމުގެ ހަރަކާތެއް އެކެޑަމީގައި ކުރިއަށް ގެންގޮސްފައިވެއެވެ. ކޭކު ފަޅުއްވައިދެއްވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަން ކުރައްވައިފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބުރާހީމެވެ.