އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދިޔަ ކޯސް ނިންމާލައިފި

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދިޔަ ކޯސް ނިންމާލައިފި: ކޯސް ކުރިއަށް ގެންދިޔައީ ދިވެހި ބަހުގެ އެކެޑަމީއާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން -- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށްޓަކައި ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދިޔަ ކޯސް ނިންމާލައިފިއެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެންނެވެ.

ބަހުގެ އެކެޑަމީން ބުނީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދިޔަ، ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް، މިފަހަރު ކުރިއަށް ގެންދިޔައީ ސިވިލް ސާވިސް ކޮމިޝަނުގެ އެދުމުގެ މަތީން ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން 10 ގަޑިއިރަށް އެ ކޮމިޝަނުގައި ކުރިއަށް ގެންދިޔަ މި ކޯހުން ޖުމްލަ 60 ބައިވެރީން ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށް އެކެޑަމީން ބުންޏެވެ.

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދިޔަ ކޯސް ނިންމާލައިފި: ކޯސް ކުރިއަށް ގެންދިޔައީ ދިވެހި ބަހުގެ އެކެޑަމީއާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން -- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

އެކެޑަމީން ބުނީ މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި، ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި، އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތުގެ އިތުރުން ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތައް ކަމަށެވެ.

މި ފަހަރުގެ ކޯސް ކުރިއަށް ގެންދިޔައީ މި ހިނގާ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ދެ ދާރިސުން ކަމުގައިވާ އަޒީޒާ އަފީފާއި ޝިއުނާ އަހުމަދެވެ.

comment ކޮމެންޓް