ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ހައްލުކުރުން އަވަސްކުރުމާ ގުޅޭ ގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އާ އެކު މަޝްވަރާކޮށްފިއެވެ.
އިޖުތިމާއީ ވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ކުރި ޒިޔާރަތްތަކުން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތައް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން އެ ވުޒާރާއިން ވަނީ އައިޖީއެމްއެޗާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި، މިފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހަމައެއާ އެކު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވުޒާރާއިން ދަނީ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ އެހެނިހެން މައްސަލަތަކަށް ހައްލު ހޯދާ، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް ބޭސްފަރުވާއާ ގުޅުންހުރި މައްސަލަތަކަށް އަވަސް ހައްލުތައް ހޯދަން އެ ވުޒާރާއިން އަންނަނީ ހުޅުމާލެ ހޮސްޕިޓަލް އަދި އެންސްޕާއާ އެކު ވެސް ގާތުން މަސައްކަތް ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޑޮކްޓަރަށް ދެއްކުމަށްޓަކައި ކިއޫގައި ވަރަށް ގިނައިރު ހޭދަކުރަންޖެހެއެވެ. ޚާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރަކަށް އެޕޮއިންޓްމަންޓެއް ހޯދުމަށްޓަކައި އެތައް ދުވަހެއް ކިއޫގައި މަޑުކުރަންޖެހޭ ފަހަރު ގިނައެވެ.
މިއީ އާންމު ރައްޔިތުންގެ ޝަކުވާ ބޮޑު، އެހެންނަމަވެސް ހައްލެއް މިހާތަނަށް ލިބިފައިނުވާ މައްސަލައެކެވެ.