ފޭސްބުކާއި އިންސްޓަގްރާމުން ޓްރަމްޕުގެ އެކައުންޓުތަކަށް އެޅި ފިޔަވަޅުތައް އުވާލައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާގެ އެކައުންޓުތައް ވަނީ އިޔާދަކޮށްފައި -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް ބޭނުންނުކުރެވޭ ގޮތަށް އެޅި ހުރަސްތައް މެޓާއިން ނަގައިފިއެވެ.

ފޭސްބުކް އަދި އިންސްޓަގްރާމްގެ މައި ކުންފުނި މެޓާއިން ބުނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އަޅާފައިވާ ހުރަސްތައް މިހާރު ނައްތާލާފައިވާ ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ އަޑު އެމެރިކާގެ ރައްޔިތުންނަށް އިވުމަށް މަގުފަހިކުރުމަށް ކަމަށް މެޓާއިން ބުނެފައިވެއެވެ.

މެޓާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޓްރަމްޕްގެ މައްޗަށް އިތުރު ހުރަސްތަކެއް މެޓާގެ ޕްލެޓްފޯމްތަކުގައި މިހާރު ނޯންނާނެ ކަމަށެވެ. މެޓާއިން ބުނެފައިވާ ގޮތުގައި މި ހުރަސްތައް އެޅީ "އާދަޔާ ޚިލާފު އަދި ނުރައްކާތެރި ހާލަތްތަކެއް"ގައެވެ.

ކުރިން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ކެޕިޓަލްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕްގެ އެކައުންޓްތައް ވަނީ ބަންދުކޮށްފައެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު މެޓާއިން އިއުލާންކުރީ ޓްރަމްޕްގެ އެކައުންޓްތައް އަލުން ހުޅުވާލާނެ ކަމަށެވެ. ނަމަވެސް، ކުރިން ހިނގި ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އިތުރު ހުރަސްތަކެއް އަޅާނެ ކަމަށް އޭރު ބުނެފައިވެއެވެ.

މެޓާގެ ގްލޯބަލް އެފެއާޒްގެ ރައީސް ނިކް ކްލެގް ހުކުރު ދުވަހު ލިޔުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ އެމެރިކާގެ ރައްޔިތުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ އަޑު އެއް ހަމައެއްގައި އިވެންޖެހޭނެ ކަމަށެވެ.

މެޓާގެ މި ނިންމުމާ މެދު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކެމްޕޭން ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ޓްރަމްޕްގެ ފަރާތުން މި ކަމާ ގުޅިގެން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް