ސިކުނޑިއަށްޖެހޭ ނުރައްކާތެރި ބައްޔެއް ކެރެލާގައި ފެތުރެނީ، ދިވެހީން ސަމާލުވާން އެދިއްޖެ

އިންޑިއާގެ ކެރެލާ--- ފޮޓޯ/ ގޫގުލް

އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ އެ ސްޓޭޓުގައި ދިރިއުޅޭ ދިވެހީންނާއި ދަތުރުކުރާ ދިވެހީން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު ބަޔާނެއްގައި ވަނީ ސިކުނޑިއަށް ޖެހޭ ބައްޔެއްކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން"އަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

ބްރެއިން އީޓިން އެމީބާ ބައްޔަކީ ކަންފަތް ނުވަތަ ނޭފަތުން ހަށިގަނޑުގެ އެތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނޭރުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސްވިމިން ޕޫލަށް އެރޭ ނަމަ ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް ކަންފަތު އުނގުރި ޖަހައި 'ނޭސަލް ކްލިޕް' ފަދަ ތަކެތި ބޭނުން ކުރުމަށްވެސް ކޮންސިއުލޭޓުން ވަނީ އެދިފައެވެ.

ކޮންސިއުލޭޓުން ބުނީ މި އިންފެކްޝަންގެ އަމާލާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ހޮޑުލެވުމާއި ވާނުވާ ނޭނގުމުގެ އިތުރުން ފިޓު ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކެރެލާއިން ވަނީ އެ ބަލީގެ ފަސް ކޭސް ފެނިފައެވެ. އެ ބަލި އެންމެ ފަހުން ޖެހިފައިވަނީ ތިސޫރު ޑިސްޓްރިކްޓުގެ 12 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށް ދަ ހިންދޫ ނޫހުގައިވެއެވެ.

comment ކޮމެންޓް