ހުޅުމާލެ ބީޗް ސައިޑުން 11 ބިމެއް ވިއްކަނީ، 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ފުރުސަތު

ހުޅުމާލެ: ހުޅުމާލެ ބީޗް ސައިޑުން 11 ބިމެއް ވިއްކަނީ، 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ފުރުސަތެއް ----- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ ބީޗު ސައިޑުން ބީލަމުގެ އުސޫލުން 11 ބިމެއް ވިއްކައި ގަންނަން ބޭނުންވާ ފަރާތްތަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިދިޔަ މޭ މަހުގެ ނުވަވަ ނަ ދުވަހު އެޗްޑީސީން ވަނީ ބީލަމުގެ އުސޫލުން ހުޅުމާލެ ބީޗު ސައިޑުން 13 ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ. ނަމަވެސް، އެޗްޑީސީން ވަނީ އެ އިއުލާނަށް އިސްލާހު ގެނެސް އަލުން ބިމަށް ކުރިމަތި ލުމަށް ހުޅުވާލާފާއެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ, އެ ބިންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ. އެ ބިންތަކުގެ ބޮޑު މިނުގައި ހުންނާނީ 1،230.11 އާއި 1،502.36 އަކަފޫޓާ ދެމެދު ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލެ ބީޗް ސަރަހައްދު: ހުޅުމާލެ ބީޗް ސައިޑުން 11 ބިމެއް ވިއްކަނީ، 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ފުރުސަތެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވަނީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ މަރުހަލާތައް:

  • މަރުހަލާ 1: ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވެލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން
  • މަރުހަލާ 2: އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑް ކުރުން

އެޗްޑީސީން ބުނީ ބީޗް ސައިޑްއިން ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000 ރުފިޔާ ކަމަށެވެ.

މީގެއިތުރުން، ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ. އެހެންވެ، ޕޯޓަލްގައި ރަޖިސްޓަރީކޮށް މިއަދުން ފެށިގެން ބީލަށް ހުށަހެޅޭނެ ކަމަށާއި އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516އިން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް