އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާއެކު، އިތުރު އެއާލައިންތަކާއި ފަތުރުންވެރިން ރާއްޖެ ގެނައުމަށް ފަހިވި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފިއެވެ.
ކުންފުނީގެ ޑީއެމްޑީ މުޖުތަބާ ލަތީފް މިފަދައިން ވިދާޅުވީ، ކޮންގްރެސްގެ ކާމިޔާބީތަކާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، އޭވިއޭޝަންގެ ހަޔާތުގައި މިހާ ކާމިޔާބު އިވެންޓަކަށް އާދެވުނީ ފުރަތަމަ ފަހަރަށް ކަމަށާއި އެމްއޭސީއެލް ޚިދުމަތަށް ކޮންގްރެސްގައި ބައިވެރިވި ފަރާތްތަކުން ޝުކުރު އަދާކުރި ކަމަށެވެ.
މި ކޮންގްރެސްގައި މި ދާއިރާގެ ގިނަ ފަރާތްތަކެއް ބައިވެރިވި ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ފަރާތްތަކުގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި މި އިވެންޓު ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުން އަންނަ ކަމަށެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ އެއާޕޯޓާއި ރާއްޖެ އިޝްތިހާރު ވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ސަބަބުން ރާއްޖެއަށް އެހެން އެއާލައިންތައް އެޓްރެކްޓް ކުރުމުގައި އަޅުގަނޑުމެންނަށް ޓެޕްނުކުރެވި ހުރި މާކެޓްތަކުގެ އެއާލައިންތައް ގެނައުމުގަޔާއި ޕެސެންޖަރުން އަދި، އިންޑިވިޖުއަލް ޕެސެންޖަރުން ނުވަތަ ގެސްޓުންނަށް ބެލި ކަމުގައި ވިޔަސް އެޓްރެޓްކުރުމުގައި ވަރަށް ބޮޑަށް ކާމިޔާބީ އިވެންޓެއް ނިމިގެން މިދިޔައީ.މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑީއެމްޑީ މުޖުތަބާ ލަތީފް
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް، ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ 150 އަށްވުރެ ގިނަ މަންދޫބުންނާއެކު އެ ކޮންގްރެސް ބޭއްވީ ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައެވެ.
ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންތަކާއި ނިންމުމުގެ ހަފުލާ ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ. އަދި ސައި ލެގޫންގައި ވަނީ ނެޓްވޯކިން އިވެންޓްތައް ބާއްވައިފައެވެ.
މި ހަރަކާތްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އިތުރުން، ރާއްޖޭގެ ވައިގެ ޚިދުމަތް ދެމުންދާ ކުންފުނިތަކުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެ ފަރާތްތަކުން ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.
ކޮންގްރެސްގެ ބައިވެރިންނަށް ރާއްޖޭގެ ވައިގެ ސިނާއަތް ކުރިއަށްދާ ގޮތުގެ މައުލޫމާތާއި އެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް މި ހަރަކާތްތަކުގެ ތެރެއިން ވަނީ ދީފައެވެ.