ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް އެމްއޭސީއެލް މެރިޓް އެވޯޑު ހަވާލުކޮށްފި

އެވޯޑު ލިބުނު ދަރިވަރުން ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް ޒުހުދުލް (ވ) އެމްޑީ ޝަރީފް (ކ) ----- ސަން ފޮޓޯ/ މޫސާ ނަދީމް

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ގްރޭޑް 11 ގައި ކިޔަވާ އެންމެ ރަނގަޅު ހަތަރު ދަރިވަރަކަށް އެމްއޭސީއެލް މެރިޓް އެވޯޑު މިއަދު ދީފިއެވެ.

މި އެވޯޑު ލިބުނު ދަރިވަރުންނަކީ ޔަޝާ ޝާފީ ޝަފީގާއި އަހުމަދު ރާއިފް ނަސީމާއި ނިޝްރާ ވަހީދުގެ އިތުރުން އަލީ މާއިޒްއެވެ. އެ ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ، އެމްއޭސީއެލް އަކީ މީހުން ބިނާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ.

އެމްޑީ ޝަރީފް: ސީއެޗްއެސްއީގެ ގްރޭޑް ހަތަރު ދަރިވަރަކަށް އެމްއޭސީއެލް މެރިޓް އެވޯޑު ވަނީ ހަވާލުކޮށްފައި ---- ސަން ފޮޓޯ/ މޫސާ ނަދީމް

އެމްއޭސީއެލްއާ ސީއެޗްއެސްއީ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށާއި އެ ކުންފުނީގައި ދަރުވަރުން ޝައުގުވެރިވާ ގިނަ ދާއިރާތަކެއް ހުންނާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

ވަޒީފާ ހޯދަން ބޭނުންވާ ދަރިވަރުންނާއި މީހުންނަށް އެކުންފުނީގެ ދޮރު ހުންނާނީ ހުޅުވާފައި ކަމަށް އެމްޑީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެކުންފުންޏަކީ އިޖުތިމާއީ ޒިންމާ ވަރަށް 'ސީރިއަސް'ކޮށް ނަގައި، ސީއެސްއާރުގެ ދަށުން މީހުން ބިނާކުރުމަށް ގިނަ ދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށެވެ.

ދަރިވަރަކަށް އެމްޑީ ޝަރީފު އިނާމު ހަވާލުކޮށްދެއްވަނީ: މި އެވޯޑު އިތުރު ތިން ދަރިވަރުންނާ ވަނީ ހަވާލުކޮށްފައި ---- ސަން ފޮޓޯ/ މޫސާ ނަދީމް

އަޅުގަނޑުމެންގެ އުންމީދަކީ ދަރިވަރުން، އެމްއޭސީއެލްގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތާ ގުޅޭ ރިސާޗްތައް ހެދުން، އަޅުގަނޑުމެން އަބަދުވެސް ތި ދަރިވަރުން ރިސާޗެއް ހަދަންޏާ އަޅުގަނޑުމެން ތެރެއިން ފެސިލިޓީސްގެ އެހީތެރިކަން ފޯރުކޮށްދޭނެ. ތި ދަރިވަރުން ތި ހަދާ ރިސާޗްގެ ތެރެއިން އެމްއޭސީއެލްގައި މަސައްކަތް ކުރުމަށް ޝައުގު އުފެދި، އެމްއޭސީއެލްއާ ގުޅެމުންދާ ތަން ފެނުމީ އަޅުގަނޑުގެ އެންމެ ބޮޑު އެއް އުންމީދުއެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް

ދަރިވަރުންނާ މުޚާތަބު ކުރައްވައި ހުޅުވާމާލޭ ސީއެޗްއެސްއީގެ ޕްރިންސިޕަލް ޒުހުދުލް ހައްގު ވިދާޅުވީ ދަރިވަރުންގެ ކިޔަވަމުން އަންނަނީ ވަރަށް ވާދަވެރި ކަމާއެކު ކަމަށެވެ. އަދި މި އެވޯޑުގެ ސަބަބުން ކިޔެވުމަށް ދަރިވަރުން އިތުރަށް މަސައްކަތް ކުރާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ.

މި އަހަރަކީ ސީއެޗްއެސްއީގެ ގްރޭޑް 11ގެ އެންމެ މޮޅު ހަތަރު ދަރިވަރުންނަށް އެމްއޭސީއެލް އިން މެރިޓް އެވޯޑު ދޭ ދެވަނަ އަހަރެވެ.

comment ކޮމެންޓް