އެއާ ސާވިސް ކޮންގްރެސްއިން ދާއިރާ ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިވި: އެމްއޭސީއެލް

އެއާ ސާވިސް ކޮންގްރެސްގެ ތެރެއިން: އެއާ ސާވިސް ކޮންގްރެސްއިން ދާއިރާ ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިވި ކަމަށް އެމްއޭސީއެލްއިން ބުނި -- ފޮޓޯ/ އެމްއޭސީއެލް

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއިން ވައިގެ ޚިދުމަތުގެ ދާއިރާ ތަރައްގީކުރަން ފުރުސަތުތައް ފަހިވި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހުން މިއަދުގެ ނިޔަލަށް، ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ 150އަށް ވުރެ ގިނަ މަންދޫބުންނާއެކު އެ ކޮންގްރެސް ބޭއްވީ ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައެވެ.

ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ އެ ހަރަކާތް ބޭއްވީ އެމްއޭސީއެލްއާ ގުޅިގެންނެވެ.

އެ ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ މެދުގައި، ނެޓްވޯކިންއާއި ވިޔަފާރި ކުރިއެރުވުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

އެއާ ސާވިސް ކޮންގްރެސްގެ ތެރެއިން: އެއާ ސާވިސް ކޮންގްރެސްއިން ދާއިރާ ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިވި ކަމަށް އެމްއޭސީއެލްއިން ބުނި -- ފޮޓޯ/ އެމްއޭސީއެލް

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންތަކާއި ނިންމުމުގެ ހަފުލާ ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ. އަދި ސައި ލެގޫންގައި ވަނީ ނެޓްވޯކިން އިވެންޓްތައް ބާއްވައިފައެވެ.

މި ހަރަކާތްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އިތުރުން، ރާއްޖޭގެ ވައިގެ ޚިދުމަތް ދެމުންދާ ކުންފުނިތަކުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެފަރާތްތަކުން ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.

ކޮންގްރެސްގެ ބައިވެރިންނަށް ރާއްޖޭގެ ވައިގެ ސިނާއަތް ކުރިއަށްދާ ގޮތުގެ މައުލޫމާތާއި އެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް މި ހަރަކާތްތަކުގެ ތެރެއިން ވަނީ ދީފައެވެ.

މިއާއެކު މި ކޮންގްރެސްގެ ސަބަބުން މިދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ފުރުސަތުތަކެއް ފަހިވި ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ވިޔާފާރީގެ ގުޅުންތައް އުފެދި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތުތައް ބައިވެރިންނަށް ލިބުނު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރެވެ.

comment ކޮމެންޓް