ވެން ނިސްޓެރޯއީ، ޔުނައިޓެޑްގެ ކޯޗިން ޓީމާ ގުޅިއްޖެ

ކުރީގެ ފޯވަޑް ރޫދު ވެން ނިސްޓެރޯއީ، އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓްގެ ކޯޗު އެރިކް ޓެން ހާގުގެ ކޯޗިން ޓީމާ ގުޅިއްޖެއެވެ.

ވެން ނިސްޓެރޯއީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑާ އެކު ވަރަށް ކާމިޔާބު ފަސް ސީޒަން ހޭދަކޮށްފައެވެ. މި ގޮތުން، 2001 ވަނަ އަހަރު އެ ޓީމާ ގުޅި، ފަސް ސީޒަން ތެރޭ އޭނާވަނީ 150 ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައެވެ.

ވެން ނިސްޓެރޯއީ އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ ނެދަލަންޑްސްގެ ވީއެސްވީ އެއިންދުހޯވެންއަށެވެ. ނަމަވެސް، އޭނާ ވަނީ 2022-2023 ވަނަ އަހަރުގެ ސީޒަން ނިމެން ގާތްވެފައިވަނިކޮށް އޭނާ ގެންގުޅޭ ގޮތްތަކާ މެދު ކުޅުންތެރިން ހިތްހަމަ ނުޖެހޭތީ މަގާމުން ވަކިވެފައެވެ.

އެ ސީޒަންގައި އޭނާވަނީ ވީއެސްވީއަށް ޑަޗް ކަޕް ކާމިޔާބު ކޮށްދީފައެވެ.

އުމުރުން 48 އަހަރުގެ ވެން ނިސްޓެރޯއީ ޔުނައިޓެޑްގައި ހަރަކާތްތެރިވާނީ އެސިސްޓަންޓް ކޯޗުގެ ހައިސިއްޔަތުންނެވެ.

މީގެ އިތުރުން، ކުރީގެ ގޯ އެހެޑް އީގަލްސްގެ ކޯޗު ރެނޭ ހޭކް ވެސް ވަނީ ޓެން ހާގުގެ ކޯޗިން ޓީމާ ގުޅިފައެވެ. ދެ ކޯޗުން ވެސް ވަނީ ޔުނައިޓެޑާ އެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޓެން ހާގު ބުނީ، ރެނޭއާއި ރޫޑް ޔުނައިޓެޑާ ގުޅެން ނިންމުމުން ވަރަށް އުފާކުރާ ކަމަށެވެ.

ޓެން ހާގުގެ ކޯޗިން ޓީމުން ވަކިވެފައިވަނީ އަމިއްލަ ކެރިއާއެއް ބިނާކުރަން ބޭނުންވެގެން ވަކިވި މިޝޭލް ވެން ޑަ ގާގާއި ފޯވަޑުންނާ ގުޅޭ ކޯޗު ބެނީ މެކާތީއެވެ. ޓެން ހާގުގެ ޓީމުގައި ސްޓީވް މެކްލެރެން އަދިވެސް ސީނިއާ ފަސްޓް ޓީމު ކޯޗުގެ ގޮތުގައި ދެމިހުންނާނެއެވެ. އަދި، ޑެރެން ފްލެޗާވަނީ ޓެކްނިކަލް ޑިރެކްޓާގެ މަގާމުން ފަސްޓް ޓީމުގެ ކޯޗިން ޓީމާ ގުޅިފައެވެ.

comment ކޮމެންޓް