ފައުޒިއްޔާއާއި ރަޝީދާ ޖަލަށްލީ އިންޑިއާ ފުލުހަކު ހުށަހެޅި ނަހަމަ ގުޅުމަކަށް ނޫނެކޭ ބުނުމުން

ފައުޒިއްޔާއާއި މަރިޔަމް ރަޝީދާ ހައްޔަރުކުރުން: އިންޑިއާ ފުލުހަކު އެ ދެ މީހުން ފްރޭމްކުރީ ނަހަމަ ގުޅުމަކަށް ނޫނެކޭ ބުނުމުން --

މީގެ 30 އަހަރު ކުރިން އިންޑިއާގައި މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ހަސަންއާއި އޭނާގެ އެކުވެރިޔާ މަރިޔަމް ރަޝީދާ ހައްޔަރުކުރީ އިންޑިއާގެ ފުލުހަކު ނަހަމަ ގުޅުމެއް ބާއްވަން އެދި ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހެދުމުން ކަމަށް އެ މައްސަލަ ބެލި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އިން ބުނެފިއެވެ.

އެ މައްސަލައިގައި ދައުވާ ކުރުމަށް ކެރެލާގެ ތުރިވަނަންތަޕޫރަމްގެ ޗީފް ޖުޑިޝަލް މެޖިސްޓްރޭޓްސް ކޯޓަށް ސީބީއައިއިން ހުށަހެޅި ލިޔެކިޔުންތަކުގައި ވަނީ އެ މައްސަލައިގައި ޝާމިލުވާ ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ. އެ ލިޔެކިޔުންތަކުގައި ކެރަލާ ޕޮލިސް އޮފިސަރުން ކަމަށްވާ އެސް ވިޖަޔަން، ސިބީ މެތިއުސް، ކޭ ޖޯޝުއާ، ޕީއެސް ޖަޔަޕްރަކާޝް އަދި އިންޓެލިޖެންސް ބިއުރޯގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އާރުބީ ސްރީކުމާރުގެ ނަން ހިމަނައިފައިވެއެވެ.

އޭގެ ތެރެއިން ވިޖަޔަން އޭރު ހުރީ ކެރަލާ ސްޓޭޓް ޕޮލިސްގެ ސްޕެޝަލް ބްރާންޗް އޮފިސަރެއްގެ ގޮތުގައި ކަމަށްވާއިރު، ފައުޒިއްޔާއާއި ރަޝީދާ ފްރޭމް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އޭނާ ކަމަށް ސީބީއައި އިން ބުނެފައިވެއެވެ. އެ މައްސަލަ ރެޖިސްޓާކުރީ ސެޕްޓެމްބަރު 20، 1994ގައެވެ.

އެ ތަހުގީގުން ދެއްކި ގޮތުގައި ތުރިވަނަންތަޕޫރަމްގެ ހޮޓަލެއްގައި ވިޖަޔަން، ރަޝީދާއާ ނަހަމަ ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް އޭނާ ގާތުގައި ބުންޏެވެ. ނަމަވެސް ރަޝީދާ އެކަމަށް ދެކޮޅު ހެދުމުން އޭނާ ހޮޓެލުން ނުކުމެގެން ގޮސް، ރަޝީދާ އާއި ފައުޒިއްޔާއާ ގުޅޭ މައުލޫމާތު ހޯދިއެވެ. އެގޮތުން ހޮޓެލްގެ ރެކޯޑުތަކެއް ހޯދުމުން، އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ)ގެ ސައިންސުވެރިއެއް ކަމަށްވާ ޑީ ސަސީކުމަރަންއާ އޭނާ ފޯނުން ވާހަކަދައްކާކަން ވިޖަޔަންއަށް އެނގުނެވެ.

އެހާ ހިސާބުން ރަޝީދާގެ ޕާސްޕޯޓާއި ޓިކެޓު އަތުލައި، ވިސާގެ މުއްދަތު ހަމަވުމުން ވެސް އޭނާ ފުރުވުން ހުއްޓުވި ކަމަށް ސީބީއައިއިން ބުނެފައިވެއެވެ. އެއަށްފަހު ފުލުހުން ރަޝީދާއާއި ފައުޒިއްޔާއާ ދެކޮޅަށް ފުރަތަމަ މައްސަލައެއް ރެޖިސްޓާކުރީ ވިސާ ހަމަވުމުން ވެސް އިންޑިއާގައި ތިބި ކަމަށް ބުނެއެވެ. ނަމަވެސް އެ ދެ މީހުން ޕާކިސްތާނަށް ޖާސޫސުކޮށްދިން ކަމަށް ތުހުމަތުކޮށް ފަހުން ދައުވާކުރީއެވެ.

ސީބީއައިއިން ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން ފައުޒިއްޔާއާއި ރަޝީދާ ހައްޔަރުކުރަން އެންގީ އެ މައްސަލައިގައި ހިމެނޭ ކެރެލާ ޕޮލިސްގެ އޭރުގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް މެތިއުސް އެވެ. އެ މައްސަލަ އޭރު އިންޓެލިޖެންސް ބިއުރޯއިން ބެލިއިރު ދެ އަންހެނުންނަށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާކުރަން މެތިއުސް ފުރުސަތު ދިން ކަމަށް ވެސް ސީބީއައިއިން ބުނެފައިވެއެވެ.

މީގެ އިތުރުން ފައުޒިއްޔާއާއި ރަޝީދާއާ ސުވާލުކުރުމަށް ފަހު އެކުލަވާލި ކަމަށް ބުނާ ސައްހަ ނޫން ރިޕޯޓުތަކެއް ފުލުހުން ހަދައި، އެ މައްސަލައާ ގުޅިގެން އެހެން މީހުން ހައްޔަރުކުރި ކަމަށް ވެސް ތަހުގީގުން ހާމަވިއެވެ.

އެ މައްސަލައިގައި އެއިރޯސްޕޭސް އިންޖިނިއަރެއް ކަމަށްވާ ނަމްބީ ނަރަޔަން ވެސް ހައްޔަރުކޮށް 50 ދުވަހަށް އޭނާއަށް އަނިޔާކޮށްފައިވެއެވެ.

ފައުޒިއްޔާ އިންޑިއާގެ ނޫހަކަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު ރޭޕްކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީ، ކުށަށް އިއުތިރާފު ވާން މަޖުބޫރު ކުރި ކަމަށް ބުނެފައެވެ.

އެ މައްސަލައިގައި ފައުޒިއްޔާ ޖަލުގައި ތިން އަހަރު ހޭދަކުރިއެވެ.

މިދިޔަ އޮގަސްޓު މަހު ފައުޒިއްޔާ ނިޔާވިއިރު، އެ މައްސަލައިގައި އޭނާއަށް ލިބެން ޖެހޭ ބަދަލު އިންޑިއާއިން ލިބިދީފައިނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް