ކައުންސިލަރުންގެ އަދަދު މަދުނުކުރެވިގެން އުޅެނީ ފައިސާގެ ދަހިވެތިކަމުގައި: ނާޒިލް

އެމްޑީޕީން ބެއްވި ހަރުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުނުކުރެވިގެން އުޅެނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް -- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރުން ކައުންސިލަރުންގެ އަދަދު މަދުނުކުރެވިގެން އުޅެނީ، އެ ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާގެ ދަހިވެތިކަމުގައި ކަމަށް، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިރޭ ވިދާޅުވެއްޖެއެވެ.

ނާޒިލް މިފަދައިން ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުގެ މެންބަރުން ދައްކަވާ ވާހަކަފުޅަށް ރައްދު ދެއްވައެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމަށް އެއްބަސްވެއެވެ. ނަމަވެސް ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުމާ ދެކޮޅެވެ.

މިރޭ އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، މި ސަރުކާރުން ރަށްރަށުގެ ކައުންސިލުތަކުން "އޮބަހައްޓާ ނަގަހައްޓާ" ކައުންސިލަރުން "ސައިޒުކުރަން" އުޅެނީ ކީއްވެގެންކަން ވަރަށް ރަނގަޅަށް ސާފުވެއްޖެ ކަމަށެވެ.

އެއީ ކައުންސިލްތަކަށް ލިބޭ ފައިސާއާއި ގްރާންޓްގެ އެކްސެސް ސަރުކާރަށް ނޯންނާތީވެ، އޭގެ ދަހިވެތިކަމުގައި ކަމަށް ދޭހަވާ މޭރުމަކުން ނާޒިލް ވަނީ ތުހުމަތުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ލޯކަލް ގަވަނަންސް އޮތޯރިޓީ (އެލްޖީއޭ) އޮއްވާ ކައުންސިލްތައް ބާރުވެރިކުރުވުން ނަމުގައި ލޯކަލް ގަވަނެންސް މިނިސްޓްރީއެއް އުފެއްދީ އެހެންވެ ކަމަށެވެ.

ކައުންސިލްތަކަށް މި ލިބޭ ފައިސާއާއި ގްރާންޓްގެ އެކްސެސް ސަރުކާރަށް ނޯންނާތީ. މިނިސްޓްރީއެއް ހެއްދެވީ އެހެންވީމަ. މިހާރު ކައުންސިލަށް ލިބޭ ބަޖެޓު ދެން ލިބޭނީ މިނިސްޓްރީއަށޯ. މިނިސްޓްރީން ކޮންމެ މަހަކު ކައުންސިލަށް ބޭނުންވާ ލާރިކޮޅު ފޮނުވަދޭނީ މިނިސްޓްރީންނޯ. މިނިސްޓަރޯ ފޮނުވާނީ. މިކަން ނުކުރެވިގެން، މި ފައިސާކޮޅާ ނުކުޅެވިގެން ކައުންސިލްތައް ކުޑަނުކުރެވިގެން ކައުންސިލުތަކާ ކުޅެން މިއުޅެނީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ނާޒިލް ވިދާޅުވީ، ސަރުކާރަށް އަތް ނުލެވޭ 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކުގައި އެބަހުރި ކަމަށެވެ. އަދި އެއީ ރަނގަޅު ވާހަކައެއް ކަމަށާއި އެ ފައިސާގައި ސަރުކާރު އަތްލަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ކަމަކަށް އެ ފައިސާގައި ސަރުކާރުން އަތްލަންވީ ކީއްކުރަންތޯ ސުވާލު އުފައްދައި ނާޒިލް ވިދާޅުވީ އެއީ ރައްޔިތުންނަށް ޚިދުމަތްތަކެއް ދޭން، ކައުންސިލުތަކާ ހަވާލުވެފަ ހުރި ރައްޔިތުންގެ ފައިސާ ކަމަށެވެ.

ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭކަށް ނޫން. އެއީ އެމީހުން ބޭނުންވާ ކަންކަން ނުކުރެވިގެން މުޅި ނިޒާމަށް ބަދަލު ގެންނަން އެ އުޅެނީ. މިއަދު މި އުޅެނީ އޮޅުވާލަން. ކުޑަކުޑަ ރަށެއްގަ ފަސް ކައުންސިލަރުން ތިބޭތީ މިބޭފުޅުންނަށް އެބަ އުނދަގޫވޭ. އެއްކަލަ ފައިސާއާ ނުކުޅެވޭތީ ވާ އުނދަގޫ މިއީ. ކޮންމެހެން ފަސް ކައުންސިލަރުން ތިބީމައެއް ނޫން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވާ ގޮތުގައި ޚަރަދު ކުޑަކުރުމުގެ ގޮތުން ހަމައެކަނި މަދުކުރަންވީ މަޖިލިސް މެންބަރުން އެކަންޏެއް ނޫނެވެ. ކައުންސިލަރުން ވެސް މަދުކުރާންވީއެވެ. ކުދި ކުދި އާބާދީއަށް ކޮންމެހެން ފަސް ކައުންސިލަރުން ބޭނުމެއް ނުވާނެއެވެ.

https://sun.mv/193839

އޭގެ ބަދަލުގައި ރަށްރަށުގައި ކައުންސިލްގެ ރައީސަކާއި ނައިބުރައީސެއް ހުރުމަށްފަހު ސަރުކާރުގެ އެހެން އިދާރާތަކުގެ އިސްވެރިން ހިމެނޭ ސިޓީ ކައުންސިލެއް އެކުލަވާލުމަށް ވެސް ބައެއް މެންބަރުން ވަނީ ހުށަހަޅާފައެވެ.

ނަމަވެސް އެމްޑީޕީން އަންނަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ ބައްދަލުވުމުގައި އެލްޖީއޭއިން މީގެ ކުރިން ވަނީ މިހާރު ވެސް ރަށްރަށުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކަމަށް ބުނެފައެވެ.

comment ކޮމެންޓް