ކައުންސިލަރުންގެ އަދަދު މަދުކަމަށް އެލްޖީއޭއިން ބުނި ނަމަވެސް މެންބަރުން ދެކޮޅު

ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް މަޖިލީހުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު ކަމަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެކަމާ ދެކޮޅު ހަދައިފިއެވެ.

މެންބަރުން މި ވާހަކަތައް ދައްކަވާފައި ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކޮންމެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އިތުރުވުމަށް ހައްލެއް ގެނައުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވައެވެ.

މެންބަރުން ވިދާޅުވާ ގޮތުގައި ޚަރަދު ކުޑަކުރުމުގެ ގޮތުން ހަމައެކަނި މަދުކުރަންވީ މަޖިލިސް މެންބަރުން އެކަނި ނޫން ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

އެގޮތުން އެމްއެންޕީގެ ލީޑަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ މަދުކުރަން ޖެހެނީ މަޖިލިސް މެންބަރުންގެ އަދަދު އެކަނި ނޫން ކަމަށެވެ. އެގޮތުން ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދުތައް ވެސް މަދުކުރަން ޖެހޭ ކަަމަށް ނާޒިމް ވިދާޅުވިއެވެ.

މިދިޔަ ދައުރުގަ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އިތުރުކޮށް ކައުންސިލްތަކަށް އެހެން ވަޒީފާތައް އިތުރުކުރުމާ ގުޅިގެން މާލީ ބުރަދަން ބޮޑުވެގެން ދިޔަ. އެހެންވީމަ ކައުންސިލްތަކުގެ މުސާރައާއި ކައުންސިލްތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ވާހަކަވެސް ދައްކަންޖެހޭ، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު -- ފޮޓޯ/ މަޖިލިސް

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ވަނީ ކޮންމެ ރަށެއްގައި ފަސް ކައުންސިލަރުން ތިބެންޖެހޭތޯއާއި އެއީ ރާއްޖޭގެ އާބާދީއަށް ބަލާއިރު އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދާފައެވެ.

އަދި އެކަންކަމާ މެދު ފުންކޮށް ވިސްނާ އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމުގެ ގާނޫނަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ހުސްނީ ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ދިރާސާތަކެއް ވެސް ކުރަންޖެހޭ ކަމަށް ހުސްނީ ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާއިރު އެއީ މި ގައުމުގެ މާލީ ހާލަތާ އިގްތިސާދީ ހާލަތަށް ބަލާއިރު ނަތީޖާތަކެއް ނެރެވޭތޯ؟ ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް ފަންކްޝަން ކުރި ނަމަވެސް އަނެއް ބައި ކައުންސިލްތަކުން މީގެ ކުރިން ކަތީބުން ތިބޭ ޒަމާނުގަ ކަންކަން ކުރާ ގޮތަށް މަސައްކަތްތައް ކުރާތަން އަޅުގަނޑުމެންނަށް ފެނިގެން ދަނީ، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު

ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ 200 އަށް ވުރެ ދަށުން އާބާދީ އޮންނަ ރަށްތަކުގައި ފަސް ކައުންސިލަރުން ތިބެން ނުޖެހޭނެ ކަމަށެވެ. އަދި ރަށްރަށުގައި ތިބޭ އެސްޖީންނަކީ އެއްވެސް ގޮތަކަށް ސިވިލް ސާވިސްގެ ދަށުން އޮންނަންޖެހޭ މަގާމެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރަށް ހުރަސްއެޅުމުގެ ގޮތުން މަސައްކަތްތައް ކުރައްވާ ކަމުގެ ތުހުމަތުތައް ވެސް އޭނާ ކުރެއްވިއެވެ.

ގިނަ މެންބަރުން ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ރައީސަކާއި ނައިބު ރައީސަކު އައްޔަނުކުރުމުން ފުދޭނެއެވެ. ނަމަވެސް މިހާރު މިއޮތީ ކައުންސިލަރުން އައްޔަނުކުރުމުގައި ވެސް ހައްދުފަހަނައަޅައި ގޮސްފައި ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ކޮމިޓީގެ 4 ވަނަ ބައްދަލުވުން: އެލްޖީއޭއިން ވަނީ މިހާރު ވެސް ރަށްރަށުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކަމަށް ބުނެފައި -- ފޮޓޯ/ މަޖިލިސް

މިދިޔަ ބުދަ ދުވަހު އޮތް ލާމަރުކަޒީ ކޮމިޓީ ބައްދަލުވުމުގައި އެލްޖީއޭއިން ވަނީ މިހާރު ވެސް ރަށްރަށުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކަމަށް ބުނެފައެވެ. ނަމަވެސް ކައުންސިލަރުން އިތުރުކުރިޔަސް މިހާރު މުސާރަ ދޭ ގޮތަށް އެކަން ކުރަން ތާއީދު ނުކުރާ ކަމަށް އެލްޖީއިއިން އޭރު ބުންޏެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، ލޯކަލް ގަވަނެންސަކީ ޚަރަދު ބޮޑު އަދި އާއްމުންގެ ބޮޑު ބައިވެރިވުމާ އެކު ހިންގާ ނިޒާމެއް ކަމަށެވެ. އެހެންކަމުން ދެ ކައުންސިލަރުން ވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ބޮޑުވާ ވަރަކަށް ލޯކަލް ގަވަނެންސް ރަނގަޅު ވާނެ ކަމަށާއި މެމްބަރުންގެ އަދަދު މަދުވާ ވަރަކަށް ރައްޔިތުންގެ ބައިވެރިވުން ކުޑަކުރެވޭ ކަމަށެވެ.

https://sun.mv/193716

މީގެ ކުރިން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އޮތީ ވަރަށް ޅަފަތުގައި ކަމަށާއި، އެ ނިޒާމަށް ބަދަލުގެނެސް ހަރުދަނާ ކުރާނީ ދިރާސާކޮށް އޭގެ މައްޗަށް ތަޖުރިބާކާރުންނާއި އާންމުންގެ ޚިޔާލު ހޯދައިގެން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވެސް ވަނީ ވިދާޅުވެފައެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

comment ކޮމެންޓް