ފަތުރުވެރިކަން ކުރިއަރުވަން ހަވާލުވާންވީ އާ ޖީލު، ނަމަވެސް ބާނީން އެކަހެރިކުރެވޭކަށް ނެތް

ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރުމުގައި އިސްކޮށް އުޅުއްވި ކުރީގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، ޔުނިވާސަލްގެ ވެރިޔާ މުހައްމަދު އުމަރު މަނިކު އަދި ކްރައުން ކުންފުނީގެ ޑިރެކްޓަރު ހުސައިން އަފީފް -- ފޮޓޯ/ ރައީސް އޮފީސް

އެންމެ 22 މެހުމާނުންނާ އެކު ރާއްޖެއިން ފަށައިގަތް ފަތުރުވެރިކަމުން މިހާރު އަހަރަކު ހަތަރު ބިލިއަން ޑޮލަރު ވައްދައިދެއެވެ. ފާއިތުވި ބައިގަރުނު ތެރޭ މި ސިނާއަތް ތަރައްގީކޮށްދިނުމުގައި އިސް ދައުރެއް އަދާކުރީ މިހާރު ވެސް އެ މަސައްކަތުގައި ދެމިތިއްބެވި ބާނީންނެވެ. އެ ޒިންމާއާ ޒުވާން ޖީލުން ހަވާލުވާން ޖެހިފައިވާއިރު ބާނީންގެ ތަޖުރިބާއާއި ލަފާ ދޫކޮށްލެވޭކަށް ނެތެވެ.

ރާއްޖެ ބައިނަލްއަގުވާމީ ބާޒާރަށް ހުޅުވާލުމާ އެކު އުފެދިގެން އައި 'ލަގްޒަރީ' ފަތުރުވެރިކަމުގެ އިތުރުން މިހާރު މެދު ފަންތީގެ ފަތުރުވެރިކަން ވެސް ކުރިއަރަމުން އަންނައިރު، ސަރުކާރުން އަންނަނީ މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

އެ ގޮތުން، މިހާރު ޓޫރިޒަމް މިނިސްޓްރީން ވަނީ ޓްރެވެލް އޮޕަރޭޓަރުންނާއި އޭޖެންސީތަކަށް ޚާއްސަކޮށް ގާނޫނެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފައެވެ.

އެ މަސައްކަތުގެ ތެރެއިން، 'ދަތުރު ރާވައި ހިންގުމުގެ ބިލް'އާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިނިސްޓްރީން ހިއްސާކުރިއިރު، ރާއްޖެއަށް އެންމެ ބޮޑަށް އިންވެސްޓްކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ، ކްރައުން ކުންފުނީގެ ޑިރެކްޓަރު ހުސައިން އަފީފް އިސް ސަފުގައި ހުންނެވި މަންޒަރު ފެނެއެވެ.

އެ ފޮޓޯތަކާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެ ބައްދަލުވުމުގައި އިސްކަންދޭންވީ ޓްރެވެލް އޭޖެންޓުންނާއި ޓްރެވެލް އޭޖެންޓުންނާ ގުޅުންހުރި އެސޯސިއޭޝަންތަކަށް ކަމަށް ބުނެފައެވެ. އަދި، ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ގިނަ ދުވަސްވީ ބޭފުޅުން އިސްކޮށް ތިއްބަވާ ޓޫރިޒަމް އެސޯސިއޭޝަން (މަޓީ)ގެ ބަދަލުގައި އާ ލީޑަރުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ބައްދަލުވުމަށް ޓްރެވެލް އޭޖެންސީތަކާއި އެސޯސިއޭޝަންތަކަށް ވެސް ދައުވަތު ދިނެވެ. އޭގެ ތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އާއި އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް (އާޓާ) ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް 46 ފަރާތަކުން އެންގިއިރު އޭގެ ތެރޭގައި ގިނަވާނީ ޓްރެވެލް އޭޖެންޓުން ކަމަށް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްފައިވާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން އެ ބައްދަލުވުމުގައި މަޓީން ވެސް ބައިވެރިވިއެވެ. އެ ޖަމިއްޔާއަށް ކުރިމަތިކުރި އެއް ތުހުމަތަކީ ރިޒޯޓުތަކުން ދިވެހި ޓުއާ އޭޖެންސީތަކުގެ ކުރިއެރުމަށް ފުރުސަތު ނުދޭ ކަމެވެ.

އެކަމަކު، އަފީފް ވިދާޅުވި ގޮތުގައި އެއީ ހަގީގަތާ ޚިލާފު ވާހަކައެކެވެ. އެ ގޮތުން، ކްރައުން އެންޑް ޗަމްޕާއިން މިހާރު ވެސް ދިވެހި 35 ޓުއާ އޭޖެންސީއަކާ އެކު ކޮންޓްރެކްޓު ހަދައިގެން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަން މިހާރު ކުރިއަރުވަން ތިބީ ޒުވާނުންކަމާއި އެ ކަމުގެ ގާބިލުކަން އެ މީހުންނަށް ލިބިފައިވާ ކަމަށް މީގެ ކުރިން އަފީފް ވިދާޅުވިއެވެ. އާ ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތަކަށް ހިތްވަރުދެއްވައިފައިވެއެވެ.

ފަތުރުވެރިކަން ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކުރެއްވި، ޔުނިވާސަލްގެ ވެރިޔާ އަދި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވެސް ވަނީ ފަތުރުވެރިކަން އިތުރު ހަރުފަތްތަކަށް ގެންދަން ޒުވާން ޚިޔާލު މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ.

ކޮންމެ ދާއިރާއެއްގެ ވެސް ކުރިއެރުން ގުޅިފައިވަނީ ތައުލީމާއި ތަޖުރިބާއާއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މާޒީއާއި މުސްތަގުބަލު ގުޅުވައިދޭން އެ ސިނާއަތުގެ ބާނީން ތިއްބެވީ ތައްޔާރަށެވެ. އެހެންކަމުން، ދާއިރާގެ ބާނީން އެކަހެރިކުރުމުގެ ބަދަލުގައި، ޒަމާނީ ގޮންޖެހުންތަކަށް ވެސް އެ ބޭފުޅުންގެ ވިސްނުމާއި ޚިޔާލު ހޯދައި، ހައްލުތައް ހޯދޭނެއެވެ.

ފަތުރުވެރިކަމުގެ އިސް ސަފަށް ޒުވާނުން ނުކުންނަން ޖެހެއެވެ. އެކަމަކު، ބާނީން އެއްފަރާތްކޮށްފައެއް ނޫނެވެ.

comment ކޮމެންޓް