އަމާސް ކިޗަން ނުވަތަ އަމާގެ ބަދިގެއޭ ބުނުމުން މިއީ ބަދިގެއެއް ނުވަތަ ކެއުމަށް ޚާއްސަ ތަނެއްކަން އެނގެއެވެ. ނަމަވެސް، އަމާގެ ބަދިގެއޭ ބުނުމުން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެނީ މި ނަމަށެވެ. ތަފާތެވެ.
ފަސް ތަރީގެ ރިސޯޓެއްކަމަށްވާ ލަކްސް ސައުތު އަރި އެޓޯލުގައި ހުންނަ އަމާގެ ބަދިގޭގެ އެންމެ ތަފާތު ކަމަކީ ނަމެއް ނޫނެވެ. އަމާގެ ބަދިގޭގެ އެންމެ ތަފާތު ކަމަކީ މިތަނުން ގެސްޓުންނަށް ދޭ ތަޖުރިބާއެވެ.
މި ބަދިގޭގެ ހަތަރު ފާރު ތެރެއިން ފަތުރުވެރިން ގެންދަނީ ދަރު އުނދުނާއި ޖިފުޓި ބަދިގޭގެ އެވޭލާ ޒަމާނަކަށެވެ. ފެންނަނީ އެންމެ ކުރީޒަމާނުގައި ލިބާސް ލައިގެން ބަދިދޭގައި ކައްކަން އުޅޭ މަންމައެއް ނުވަތަ އަމައެކެވެ. ކެވެނީ އޭނާ ތައްޔާރުކުރާ ދިވެހިވަންތަ ކެއުންތަކެވެ.
މިއީ ކިހިނެއް ވުޖޫދުވި ބަދިގެއެއް؟
ލަކްސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކޮންމެ އަހަރަކު ވެސް މުވައްޒަފުންގެ މެދުގައި މުބާރާތެއް ބާއްވައެެވެ. މި މުބާރާތުގައި ސްޓާފުންގެ ފަރާތުން ތަފާތު ޚިޔާލުތައް ހުށަހަޅާއިރު، އަމާގެ ބަދިގެއަކީ މިދިޔަ އަހަރު ހުށަހެޅި ޚިޔާލެއްގެ ތެރެއިން ވުޖޫދުވި ބަދިގެއެކެވެ.
"މި ރިސޯޓުގައި ކުރިން ވެސް ގެސްޓުންނަށް އޮފާ ކުރެވުނު މާސްޓާ ޝެފް ކިޔާ އެއްޗެއް. ދެން މާސްޓާ ޝެފްގެ އިތުރަށް ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އެ ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ ބަަލައި އެފްއެންބީ ސްޓާފުންގެ ފަރާތުން އައި ޚިޔާލެއް މި ޚިޔާލަކީ،" އަމާގެ ބަދިގެ ވުޖޫދުވީ ގޮތް ލަކްސް ރިޒޯޓްސް ހޮޓެލްގެ ރީޖަނަލް ޑިރެކްޓަރު ހުސައިން އަފީފް ކިޔައިދެއްވިއެވެ.
މި ބަދިގޭގެ ބޭނުމަކީ ރާއްޖޭގެ ރަށެއް ނުވަތަ ރާއްޖޭގެ އެވޭލާ ޒަމާން ފަސްތަރީގެ ރިސޯޓަކުން ފަތުރުވެރިންނަށް ތަޖުރިބާކޮށްދިނުމެވެ. މި ބަދިގޭގައި އުޅެނީ ކޮންމެ ހުކުރު ދުވަހަކު ކައިރި ރަށަކުން އައިސް ކައްކާ "އަމާ"އެކެވެ. ބަދިގެއަށް ދީފައިވާ ތަފާތު ނަމަކީ ވެސް މިކަމަށް ވިސްނައި ދީފައިވާ ނަމެކެވެ. އަމާއަށް ކެއްކުމުގައި އަތްގާތްކޮށްދޭން އުޅޭ ސްޓާފުން ވެސް ތިބެނީ ދިވެހި ހެދުމުގައެވެ. މި ބަދިގޭގައި އެ މީހުންނަކީ ވެސް ކަމަނައެވެ. ނުވަތަ ކަތީބެވެ.
ކެއުމުގެ އިތުރުން ދިވެހި ކެއުންތައް ތައްޔާރު ކުރާ ގޮތް ވެސް މި ބަދިގެއިން ގެސްޓުންނަށް ފެންނާނެއެވެ. އެގޮތުން ހުނި ގޭނުމާއި ކިރުފެލުމާއި ރޮށި މޮޑުންފަދަ ހުރިހާ ކަމެއް ގާތުން ބަލައިލުމުގެ ފުރުސަތު މި ބަދިގެއިން ގެސްޓުންނަށް ފޯރުކޮށްދެއެވެ.
"އެ އަމާ ގެސްޓުންނަށް ކިޔައި ވެސް ދޭނެ ކައްކަނީ ކިހިނެއްކަން. މިސާލަކަށް ކާށިން ފަށައިގެން އެ އެއްޗިހި ތައްޔާރުކުރާ ގޮތާ ހުރިހާ އެއްޗެއް ކިޔައިދޭނެ،" އަފީފް ކިޔައިދެއްވިއެވެ.
މި ބަދިގޭގައި ކައްކަނީ ކޮން ކެއުންތަކެއް؟
މި ބަދިގޭގައި ރޮއްޓާއި ގަރުދިޔައިން ފެށިގެން ދިވެހި ކުކުޅު ރިހައާއި ކަނޑު ކުކުޅު އަދި ހަނޑުލު ބޮނޑިބަތް ވެސް ކައްކައެވެ. އަދި ތަފާތު ބާވަތްތަކުގެ ހެދިކާ ވެސް ތައްޔާރުކުރެއެވެ.
ގެސްޓުންގެ މެދުގައި އެންމެ މަގުބޫލީ ގަރުދިޔައާއި ބަތް ނުވަތަ އަލަ ފަދަ ކެއުންތަކެވެ.
"ހަމަ ގެތަކުގައި އާންމުކޮށް ކައްކާ ކެއުންތައް ތައްޔާރުކުރާނީ. ބަތް، ރޮށި ކަހަލަ އެއްޗެހި. ބޭރުގެ އެއްވެސް އުފެއްދުމެއް މިތަނުގައި އަޅުގަނޑުމެން ބޭނުމެއް ނުކުރަން،" އަފީފް ވިދާޅުވިއެވެ.
މިފަދަ ތަޖުރިބާއަކަށް ގެސްޓުން ލޯބިކުރާ މިންވަރު ހާމަވަނީ، ކޮންމެ ހުކުރު ދުވަހަކު އަމާގެ ބަދިގެ ހުޅުވާއިރު، މި ތަޖުރިބާ ކުރަން ބޭނުންވާ ގެސްޓުންގެ ލިސްޓު ފުރިފައި ވުމުންނެވެ.
މީގެ އިތުރުން، ގެސްޓުން ވެސް މި ތަޖުރިބާ ކުރުމަށް ފަހު ޓްރިޕް އެޑްވައިޒަގައި އެ ވާހަކަތައް ލިޔެފައި ވެއެވެ. ގެސްޓުން ހަތް ދުވަސް ރިޒޯޓުގައި ހޭދަކުރާއިރު، މިއީ އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާކަން ވެސް ބައެއް ގެސްޓުން ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން ރާއްޖޭގެ އެހެން ރިސޯޓުތަކާ އަމާގެ ބަދިގެ މާބޮޑަށް ވެސް ތަފާތެވެ. މި ބަދިގެއިން އެހެން ޒަމާނަކަށް ފަތުރުވެރިން ގެންގޮސް އަނބުރާ އަންނައިރު، އެ މީހުންނަށް ލިބެނީ އެހެން ތަނަކުން ނުލިބޭފަދަ ތަފާތު ތަޖުރިބާއެކެވެ. މިއީ ތާއަބަދަށް ވެސް އެ މީހުންގެ ހިތުގައި ބިންވަޅު ނެގިފައި ހުންނާނެ ފަދަ ތަޖުރިބާއެކެވެ.
ލަކްސް ރިޒޯޓުން ތަފާތު ގޮތްގޮތަށް ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާ ގުޅޭ ތަޖުރިބާތައް ދިނުމަށް މަސައްކަތް ކުރާކަން އަފީފް ފާހަގަކުރެއްވިއެވެ.
"އަސްލު ރާއްޖޭގައި ވަރަށް މުއްސަނދި ސަގާފަތެއް އެބަ އޮތް. އެކަމަކު ސަގާފަތް ދިރުވައި އާލާކުރުމަށް އެހާ ގިނަ މަސައްކަތްތަކެއް ނުކުރެވޭ ހަގީގަތުގައި އެއްވެސް ބަޔަކަށް. އެހެންވީމަ މިފަހަރު ވިސްނީ ތަފާތު ގޮތަކަށް ވޯލްޑް ކްލާސް ޚިދުމަތާ އެއްވަރަށް ސަގާފަތް ވެސް ގެސްޓުންނަށް ދައްކާލުމަށް،" އަފީފް ވިދާޅުވިއެވެ.