އެމްއެމްޕީއާރުސީގެ ޗެއާޕާސަނަކަށް އަބްދުﷲ، ދެއްވީ ޔަގީންކަން

އެމްއެމްޕީއާރުސީގެ އާ ޗެއާޕާސަން އަބްދުﷲ ގިޔާސް: އޭނާއަކީ މާކެޓިން ދާއިރާގެ ތަޖުރިބާކާރެއް.- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަނަކަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އަބްދުﷲ ގިޔާސް މިއަދު އައްޔަންކުރައްވައިފިއެވެ.

މި ސަރުކާރުގައި އެމްއެމްޕީއާރުސީއަށް ފުރަތަމަ އައްޔަންކުރެއްވި ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވީ މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރުސީގެ އާ ޗެއާޕާސަން އަބްދުﷲ ވަނީ އޭނާ އެ މަގާމަށް މިއަދު އައްޔަންކުރެއްވިކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ޓޫރިޒަމް މާކެޓް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އަބްދުﷲ ވިދާޅުވީ، އޭނާގެ ހުރިހާ ވެސް އަމާޒެއް ހުރީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އެހެން ލެވަލްއަކަށް ގެންދިއުމަށް ކަމަށާއި އެކަން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް ބޯޑާއި ޓޫރިޒަމް ޕްރޮމޯޝަން އެހެން ލެވަލްއަކަށް ގެންދަން އަޅުގަނޑު މަސައްކަތް ކުރާނީ،" އަބްދުﷲ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައި އޮތް މައްސަލަތަކަށް އަލިއަޅުވާލައްވައި އަބްދުﷲ ވިދާޅުވީ، ކުރަން ޖެހިފައި އޮތް އެންމެ ބޮޑު މަސައްކަތަކީ ސަޕްލައިއާ އެއްވަރުގެ ޑިމާންޑެއް އުފެއްދުން ކަމަށެވެ. އެކަން ކުރުމަށްޓަކައި އެކި މާކެޓްތަކަށް އެކި ގޮތްގޮތަށް ފޯކަސްކޮށްގެން ޕްރޮމޯޝަންތައް ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑަށް ފަހު، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އިންޑިއާ މާކެޓް، ސިޔާސީ ސަބަބުތަކެއްގެ ސަބަބުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު އެ މާކެޓް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައި އެބަހުރި ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އެ ގޮތުން، މި މަހުގެ ފަހުކޮޅު އިންޑިއާގެ ބޮޑު ތިން ސިޓީކަމަށްވާ ބެންގަލޫރާއި މުމްބާއީގެ އިތުރުން ދިއްލީގައި ބޮޑު ރޯޑްޝޯތަކެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އިންޑިއާގެ ގިނަ އެއާލައިންތަކަކާ ވާހަކަދެކެވެމުން އަންނަ ކަމަށާއި ސެޕްޓެމްބަރު ހިސާބުގައި ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.

މިހާރު މަޓާޓޯގެ ރައީސަކަށް ހުންނެވި އަބްދުﷲއާ މަގާމާ އެކު ވެސް ހުންނަވާނީ މަޓާޓޯގެ ރައީސްގެ މަގާމުގައެވެ. އޭނާ މަޓާޓޯއާ ގުޅުނީ މީގެ 18 އަހަރު ކުރިން ސެކެޓްރީއެއްގެ ގޮތުގައެވެ. އަބްދުﷲ އަކީ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ދާއިިރާއިން ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރެއިން މީހެކެވެ.

މި ސަރުކާގައި އެންމެ ފުރަތަމަ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ފާތިމަތު ތައުފީގު ވަނީ ނޫރައިން އިސްތިއުފާ ދިންތާ މާ ގިނަ ދުވަސްތަކެއްނުވެ މަގާމުން ވަކިކޮށްފައެވެ. އެއަށް ފަހު އެ މަގާމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު އައްޔަން ކުރެއްވީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީއެވެ. އޭނާއަކީ ވެސް މާކެޓިން ދާއިރާގެ ތަޖުރިބާކާރެކެވެ.

comment ކޮމެންޓް