ޑެވިލް ވެއާސް ޕްރާޑާގެ ސީކުއެލްއެއް

ހޮލީވުޑް ޕޮޕް ކަލްޗާގައި އެންމެ ނުފޫޒު ގަދަ އަދި އެންމެ ގިނަ ދުވަހެއް ވަންދެއް އޭގެ ވާހަކަދެކެވޭ ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ "ޑެވިލް ވެއާސް ޕްރާޑާ"ގެ ސީކުއެލް އެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އޭ-ލިސްޓު ތަރީންނާ އެކު އުފައްދާފައިވާ 2006 ވަނަ އަހަރުގެ ޑެވިލް ވެއާސް ޕްރާޑާއަކީ ވަގުތުން ބޮޑު ހިޓަކަށް ވެފައިވާ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ އަދިވެސް ދައްކާއިރު ފިލްމުގެ ތީމްތަކާއި ކޮސްޓިއުމްތަކުގެ ނުފޫޒު އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިގެންދެއެވެ.

މެރިލް ސްޓްރީޕްއާއި އޭން ހެތަވޭގެ އިތުރުން އެމިލީ ބްލަންޓް އަދި ސްޓެންލީ ޓޫޗީ ލީޑުން ފެންނަ މި ފިލްމަކީ ފެޝަން މެގަޒިންއެއްގެ ތެރޭގައި ހިނގާ ތަފާތު އެކި ކަހަލަ ވާހަކަތައް ކިޔައިދޭ ޑްރާމާ ފިލްމެކެވެ.

ފިލްމުގެ ސީކުއެލްގެ މަސައްކަތް ފަށާފައިވާއިރު މި ފިލްމުގައި ފެނިގެންދާނީ ފުރަތަމަ ފިލްމަށް ފަހު ކަންތައް ވެގެން ދާ ގޮތެވެ. އެ ގޮތުން, އެސިސްޓެންޓެއްގެ ރޯލުން ފެނިގެންދާ އެމިލީ ބްލަންޓްގެ ކެރެކްޓާ މި ފިލްމުގައި ފެންނާނީ ކާމިޔާބު ގިނަ ވިޔަފާރިތަކެއްގެ ވެރިއެއްގެ ގޮތުގައެވެ. އަދި, އެއާ ހިލާފަށް އެންމެ ނުފޫޒު ގަދަ ކެރެކްޓަރު (މެރީލް ސްޓްރީޕް ކުޅެފައިވާ ރޯލު) ފެންނާނީ ބަނގުރޫޓުވެ އާ ދިރިއުޅުމެއް ފެށުމަށް މަސައްކަތްކުރާ ތަނެވެ.

ދެ މީހުން އެކުގައި މަސައްކަތް ކުރަންޖެހޭ ގޮތް އާ ފިލްމުން ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެއާ އެކު މި ފިލްމުގައި މެރީލްއާއި އެމިލީ ލީޑުން ފެނިގެންދާނެއެވެ. ނަމަވެސް, އޭންގެ ކެރެކްޓަރު މި ފިލްމުން ފެނިގެންދާނެ ކަމާ މެދު އެއްޗެއް ނުބުނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތްކުރަނީ ފުރަތަމަ ފިލްމުގެ މަސައްކަތް ވެސް ކޮށްފައިވާ އެލީން ބްރޮޝްއާއެވެ.

ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވި ނަމަވެސް ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި ނޭނގެއެވެ.

comment ކޮމެންޓް