އުޝާމް، އދ.އަށް: ރާއްޖޭގައި ހައްގުތައް ދެވޭނީ އިސްލާމީ އުސޫލުތަކުގެ މަތިން

ބަންޑާރަނައިބު އަހުމަދު އުޝާމް: ހައްގުތައް ދެވޭނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީގައި އޭނާ ވިދާޅުވި -- ފޮޓޯ/ ބަންޑާރަނައިބުގެ އޮފީސް

އ.ދގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު)ގެ ދަށުން ރާއްޖޭގައި ހައްގުތައް ދެވޭނީ އިސްލާމް ދީނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން ލިބިދިނުމަށް އެކުލަވައިލައިފައިވާ މުއާދަހާއެއް ކަމަށްވާ އައިސީސީޕީއާރަށް ރާއްޖެއިން އަމަލުކުރާ މިންވަރާ ގުޅޭ ރިޕޯޓެއް، އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ރާއްޖެއިން ވަނީ އިއްޔެ އާއި މިއަދު ހުށަހަޅައިފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރާއްޖެއިން ދެވަނަ ފަހަރަށް ހުށަހެޅި އެ ރިޕޯޓަކީ ޖުލައި 2012އިން މާޗު 2022ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކާގުޅޭ މައުލޫމާތު ހިމަނައިފައިވާ ރިޕޯޓެކެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ރައީސް އޮފީހާއި ޚާރިޖީ، ދާހިލީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބައިވެރިވިއެވެ. އެ ޑެލިގޭޝަންގައި އިސްކޮށް ހުންނެވީ އުޝާމެވެ.

އެ ރިވިއު ފެށުމުގެ ގޮތުން އުޝާމް ދެއްކެވި ވާހަކަފުޅުގައި، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަމަށާއި، އެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަސްލެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި، ރާއްޖޭގައި އައިސީސީޕީއާރުގެ ހައްގުތައް ލިބިދެވޭނީ، ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އޭނާ ވިދާޅުވި ކަމަށް ވެސް، ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ ރިޕޯޓާއެކު، އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އެ ކޮމިޓީއަށް ފާހަގަވާ ކަންތައްތަކާއި ރަނގަޅުކުރަން ޖެހޭ ކަންތައްތައް މިމަހުގެ 19ގައި ސަރުކާރާ ހިއްސާކުރާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ރާއްޖެއިން މިފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެއްބަސްވުމެއްގައި ބައިވެރިވާން ނިންމުމާ ގުޅިގެން، އެ އެއްބަސްވުމުން ކަށަވަރުކޮށްދޭ ހައްގުތަކުގެ ތެރޭގައި ދީނާ ޚިލާފު ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިއެވެ.

https://sun.mv/193807

ދިވެހި ސަރުކާރުން ވަނީ، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީއާ ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ހުށަހަޅާފައި ކަމަށް ބުނެފައެވެ.

comment ކޮމެންޓް