ރައީސްގެ އދ. ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ، ކުރީ ސަރުކާރަށްވުރެ ދެ ގުނަ ޚަރަދު ކުޑަ

ރައީސް ޑރ. މުއިއްޒު އދ.ގެ ސަލާމަތީ މަޖިލިސް ވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވި ދަތުރުފުޅަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ޖުމުލަ 2.4 މިލިއަން ރުފިޔާކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެ މަނިކުފާނާއި ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލް ރައީސް އޮފީހުން އަންނަނީ އާންމުކުރަމުންނެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިދިޔަ މަހުގެ 20 އިން 29 އަށް ރައީސް ކުރެއްވި މި ދަތުރުފުޅަށް ޖުމްލަ 2،455،583.01 ޚަރަދުވިއެެވެ. ނަމަވެސް އެ އަދަދުން، ވަކިވަކި ކަންކަމަށް ހިނގި ޚަރަދުގެ ތަފުސީލް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ސަރުކާރުގައި ކުރީގެ ރަައީސް އިބްރާހިމް މުޙައްމަދު ޞާލިހު ޖުމްލަ ދެ ފަަހަރަކު ނިއުޔޯކަށް ވަޑައިގެންފައިވެއެވެ. އެއީ 2019ވަނަ އަހަރާއި 2021ވަނަ އަހަރެވެ.

އޭގެ ތެރެއިން 2019ވަނަ އަހަރުގެ ސެޕްޓެމްބަރު 21 އިން 30އަށް ކުރެއްވި ދަތުރުފުޅަށް 4،171،832.42 ރުފިޔާ ޚަރަދުވިއެވެ. އަދި 2021ވަނަ އަހަރުގެ ސެޕްޓެމްބަރު 18 އިން 29 އަށް ކުރެއްވި ދަތުރުފުޅަށް 5،349،505.88 ރުފިޔާ ޚަރަދުވިއެވެ.

ރައީސް ޞާލިހު އެއިރު ދަތުރުފުޅުތައް ކުރެއްވި ނަމަވެސް މާ ގިނަ ކަންކަމުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންފައެއްް ނުވެއެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ ދަތުރުފުޅުގެ ހަވާސާގެ ތެރެއިން ގިނަ ގައުމުތަކެއްގެ މަންދޫބުންނާއި ވެރިންނާ ބައްދަލުކުރައްވައިފައެވެ.

އަދި އދ.ގެ ސަލާމަތީ މަޖިލީހުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެ ތަގުރީރުކުރެއްވިއިރު، އދ.ގެ އާންމު މަޖިލީހުގައި ރައީސް ދެއްވި ތަގުރީރަށް ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަން ވެސް ލިބިފައިވެއެވެ.

މީގެ އިތުރުން ރާއްޖެއިން އިސްނަގައިގެން މޫސުމީ ކަންކަމާ ގުޅޭ ބައްދަލުވުންތައް ބާއްވައި، ސަމިޓް އޮފް ދި ފިއުޗާގައި ބައިވެރިވެވަޑައިގަންނަވާ މުހިންމު މަޝްވަރާތައް ރައީސް ކުރެއްވިއެވެ.

comment ކޮމެންޓް