އީރާނުން އިސްރާއީލަށް ދިން ހަމަލާތައް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް ކުށްވެރި ކުރައްވައިފިއެވެ.
ގުޓަރޭސް އެކަން ކުއްވެރިކުރެއްވީ އިރާނުން އިސްރާއީލަށް ދިން ވައިގެ ހަމަލާތައް ކުށްވެރި ނުކުރައްވާ ކަމަށް ބުނެ، އިސްރާއީލަށް އެތެރެނުވެވޭ ގޮތަށް ބްލެކްލިސްޓު ކުރުމުންނެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ގުޓަރޭސް ވިދާޅުވީ މެދުއިރުމަތީގައި މިހާރު ދައުރުވަމުންދާ ބަދަލަށް ބަދަލު ހިފުމުގެ އަނިޔާވެރިކަން ހުއްޓާލުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ.
މީގެ ކުރިން ނެރުނު ބަޔާނެއްގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތައް ފާޅުގައި، ކެރިގެން ކުށްވެރި ކުރަން ގުޓެރޭސް ނުކުޅެދިފައިވާ ކަމަށެވެ.
އިސްރާއީލުން އެގޮތަށް ބުނެފައި ވަނީ ފުރަތަމަ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލި ނަމަވެސް އޭރު އީރާނުގެ ހަމަލާ ފާހަގަކޮށް ކުށްވެރިކުރައްވައިފައިނުވާތީއެވެ.
ކައުންސިލުގައި ވާހަކަފުޅު ދައްކަވަމުން ގުޓަރޭސް ވަނީ އީރާނުން އޭޕްރީލް މަހު ދިން ހަމަލާވެސް ކުށްވެރި ކުރައްވައިފައެވެ.
"އެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނުވަތަ އެމީހުން އެ އުފުލާ ތަކުލީފު ކުޑަވާނެހެން ހިޔެއް ނުވޭ." ގުޓަރޭސް ވިދާޅުވިއެވެ.
އަދި މެދުއިރުމަތީ ސަރަހައްދުގައި އިސްރާއީލުން ހިންގާ އަމަލުތައްވެސް ގުޓަރޭސް ވަނީ ކުށްވެރިކުރައްވައިފައެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ހިންގާ އެންމެ އަނިޔާވެރި ލޭއޮހުރުވުން ކަމުގައި ކަމަށްވެސް ވިދާޅުވިއެވެ.
އަންގާރަ ދުވަހު އީރާނުން ގާތްގަނޑަކަށް 180 ބެލިސްޓިކް މިސައިލް އިސްރާއީލަށް ފޮނުވާލިއިރު، އޭގެ ތެރެއިން ގިނަ މިސައިލްތައް ހުއްޓުވާފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
އިރާނުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާއަކީ އީރާނުގެ ތާއީދު އޮންނަ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ޙަސަން ނަޞްރުﷲ އާއި ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ބަދަލުގައި ދިން ހަމަލާއެއް ކަމަށެވެ.
އިރާނުން ދިން ވައިގެ ހަމަލާތަކުގެ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދެއްވައިފައެވެ.
އިސްރާއީލުން އެއްވެސް ރައްދެއް ދީފި ނަމަ އިސްރާއީލު ސުންނާފަތި ވާ ފަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ވެސް ވަނީ ދީފައެވެ.