ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހިންގި މާރާމާރީގެ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ މި މާރާމާރީ ހިންގާފައި ވަނީ ވޯކް ވިޒާގައި ރާއްޖޭގައި އުޅޭ ސްރީ ލަންކާގެ ބައެއްގެ މެދުގައި ކަމަށާއި މި މާރާމާރީ ހިނގާފައި ވަނީ ޓެކްސީ ޑްރޮޕް އޮފް ޕޮއިންޓުގައި ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
އެއާޕޯޓުގައި ޒުވާން ބަޔެއްގެ މެދުގައި ތަޅާފޮޅުމެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން، އެ ހަމަނުޖެހުން ހުއްޓުވަން ބަޔަކު މަސައްކަތް ކުރާ މަންޒަރު ވެސް ފެނެއެވެ. އޭގެ ތެރޭގައި އެއާޕޯޓުގެ މުވައްޒަފުން ވެސް ހިމެނެއެވެ.
އެ ވީޑިއޯ ހިއްސާކުރަމުން ބުނެފައި ވަނީ މާރާމާރީ ހިނގައިފައިވަނީ ބިދޭސީންތަކެއްގެ މެދުގައި ކަމަށެވެ.
މީގެ ކުރިން ވެސް އެއާޕޯޓުގައި މާރާމާރީ ހިންގި މައްސަލައެއްގައި ވަނީ މީހަކު ހައްޔަރުކޮށްފައެވެ.