އެމެރިކާއާ އެކު ވިޔަފާރީގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި

އެމެރިކާގެ ވިޔަފާރިވެރިންނާއެކު ރާއްޖެއިން މަޝްވަރާކުރުން ބާއްވާފައިވާ ބައްދަލުވުމުގެ ތެރެއިން: އިކޮނޮމިކް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް ކުރިއެރުވުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރު ސައިދު ވަނީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސްއިން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި އިންވެސްޓްމަންޓް ދާއިރާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީން ބުނީ، ދަތުރުފުޅަށް ފަހު މިނިސްޓަރު ރާއްޖެ ވަޑައިގެން މި ބައްދަލުކުރެއްވުންތަކުގައި ކުރެއްވި މަޝްވަރާތަކުގެ ތަފުސީލުދެއްވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ދަތުރުފުޅުގެ މަގުސަދަކީ ވިޔަފާރީގެ މަޝްވަރާތައް ކުރުމާއި އިންވެސްޓްމަންޓުތައް އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ވަނީ ދިވެހިރާއްޖެއާއި އެމެރިކާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ މަޝްވަރާ ކުރައްވާފައެވެ.

ދެ މިނިސްޓަރުން ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެންފައިވާއިރު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަނީ ރާއްޖެއަށްދޭ އެހީތައް އެއްކޮށް ކަނޑާލަން ގޮވާލައި އެ ގައުމުގެ ސެނެޓަށް ބިލެއް ހުށަހަޅާފައެވެ. އެގޮތަށް ނިންމީ، އިޒްރޭލު މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރާނެކަން ދިވެހި ސަރުކާރުން އިއުލާނުކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް