ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނެވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބޫދާބީ ފަންޑުގެ ޑިރެކްޓާ ޖެނެރަލްއާއެކު ބޭއްވި ބައްދަލުވުމުގައި، އެ ފަންޑުގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އަބޫދާބީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ވެދީފައިވާ އެހީއަށް ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމީރު ޔޫއޭއީއަށް ވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ޝެއިހް އަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށެވެ.
އެ ދަތުރު ނިންމަވައިލެއްވުމަށް ފަހު މާދަމާ އެނބުރި ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ގައުމުތަކުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މާލީ ގޮތުން އެހީތެރިވެދޭ އަބޫދާބީ ފަންޑުން ރާއްޖޭގެ އެކި ދާއިރާތަކަށް އެހީ ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ދަތުރުފަތުރާއި ބޯހިޔާވަހިކަމާއި ހަކަތައާއި ތިމާވެއްޓާ ގުޅުންހުރި މަޝްރޫއުތައް ހިމެނެއެވެ.
އަބޫދާބީ ފަންޑުން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ މަޝްރޫއުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުން ހިމެނެއެވެ.
މިދިޔަ ފެބްރުއަރީ މަހު ދުބާއީގައި އޮތް ވޯލްޑް ގަވަމަންޓް ސަމިޓުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލާ ބައްދަލުކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި، އަބޫދާބީ ފަންޑުނ ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިއްހީ ދާއިރާގެ އިތުރުން އިގްތިސާދީ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވިއެވެ.