އަނިޔާވެރިކޮށް މީހަކު ހައްޔަރުކުރި މައްސަލާގައި އަދި ފިޔަވަޅެއް ނާޅާ

ފުވައްމުލަކުގައި މީހަކު ހައްޔަރު ކުރަން ފުލުހުންތަކެއް އަނިޔާވެރިކޮށް އަމަލުކުރި ގޮތް: އެ މައްސަލާގައި އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވޭ

ފުލުހުން އަނިޔާވެރި ގޮތަކަށް މީހަކު ހައްޔަރުކުރި މައްސަލައިގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް މިއަދު ފުލުހުން ބުނެފިއެވެ.

އަނިޔާވެރި ގޮތަކަށް ފުލުހުންގެ ދެ އޮފިސަރަކު ވެގެން މީހަކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ބިންމައްޗަށް މީހަކު ވައްޓާލާ ހައްޔަރުކުރަން މަސައްކަތް ކުރުމުގެ ތެރެއިން، އެއް ފުލުހަކު އޭނާގެ މޭމައްޗާއި ކަރާ ހިސާބުގައި ކަކޫ އަޅުވައިގެން ހުންނަ މަންޒަރެވެ. އިތުރު ފުލުހަކު އޭނާގެ އަތް ލަންބަން މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

އެ މައްސަލައާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަން އަދިވެސް ދަނީ ތަހުގީގުކުރަމުން ކަމަށެވެ. އެހެންކަމުން މިހާތަނަށް އެ އޮފިސަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/193945

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އަޙުމަދު ޝިފާން މީގެ ކުރިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަނިޔާވެރި އެއްވެސް އަމަލަކަށް އެ ޚިދުމަތުން ހިތްވަރު ނުދޭނެ ކަމަށެވެ.

އޭގެއިތުރުން، މި ހާދިސާ ތަހުގީގު ކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުން މިހާރު އެދިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

އެ ހާދިސާ ހިނގީ ފުވައްމުލަކު ސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޑުރަގު އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.

comment ކޮމެންޓް