ފުލުހުން އަނިޔާވެރި ގޮތަކަށް މީހަކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ބިންމައްޗަށް ވެއްޓިފައި އޮތް މީހަކު ހައްޔަރުކުރިއިރު އެއް ފުލުހަކު އޭނާގެ މޭމައްޗާއި ކަރާ ހިސާބުގައި ކަކޫ އަރުވައިގެން ހުންނަ މަންޒަރެވެ. އިތުރު ފުލުހަކު އޭނާގެ އަތް ލަންބާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
އެ ހާދިސާ ހިނގީ ފުވައްމުލަކު ސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޑުރަގު އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އަޙުމަދު ޝިފާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަކަށް އެ ޚިދުމަތުން ހިތްވަރު ނުދޭނެ ކަމަށެވެ.
އޭގެއިތުރުން، މި ހާދިސާ ތަހުގީގު ކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުން މިހާރު އެދިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
ފުލުހުން މީހުން ހައްޔަރުކުރާއިރު، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މައްސަލަތައް މީގެ ކުރިން ވެސް ބަލައިފައިވެއެވެ.