ލުބްނާނު ދިފާއުކޮށްދޭނެކަމުގެ ޔަގީންކަން އީރާނުން ދީފި

އީރާނުގެ އިންތިޚާބީ ރައީސް ޑރ. މަސްއޫދު ބަޒިޝްކިޔާން

ތެހެރާން (10 ޖުލައި 2024): އިސްރާއީލަކީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ޣައިރު ގާނޫނީ އެންޓިޓީ އެއް ކަމަށާއި ގައުމުތަކަށް އަރައިގަނެ ސަރަހައްދަށް އަތްގަދަކޮށް ހަންފެތުރުމުގެ ފުރުސަތު އިސްރާއީލަށް ނުދޭނެ ކަމަށް އީރާނުގެ އިންތިޚާބީ ރައީސް ޑރ. މަސްއޫދު ބިޒިޝްކިޔާން ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ އިސްތިއުމާރާއި އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތު އަމީންއާންމު ހަސަން ނަސްރުﷲއަށް ފޮނުއްވި ސިޓީފުޅެއްގައި ޑރ. ބިޒިޝްކިޔާން ވިދާޅުވީ، އިސްރާއީލުގެ އަނިޔާވެރިކަމުން ލުބްނާނު ދިފާއުކުރުމުގައި ވެސް އީރާން ކުރިއެކޭ އެއްގޮތަށް ދެމިއޮންނާނެ ކަމުގައެވެ. އަދި، އިސްރާއީލުގެ ޝިކާރައަކަށް ލުބްނާން ވާން ލުބްނާން އެކަނި ދޫކޮށްނުލާނެ ކަމަށް ވެސް މި ސިޓީގައި އީރާނުގެ އިންތިޚާބީ ރައީސް ވިދާޅުވެފައިވާކަމަށް އީރާނުގެ މަހްރު ނޫސް އެޖެންސީ ބުނެއެވެ.

މީގެ އިތުރުން، އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ހުރިހާ ޖަމާއަތްތަކަށް ވެސް ތާޢީދުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި އީރާން ދެމިއޮންނާނެ ކަމަށް ވެސް އީރާނުގެ އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އަރަބި ގިނަ ގައުމުތަކެއް އިސްރާއީލާ ގުޅުންތައް އުފައްދައި ފަލަސްތީނުގެ މައްސަލަ މިހާރުވަނީ ދޫކޮށްލާފައެވެ. އަދި، އިސްރާއީލާ ގުޅުން ނުއުފައްދާ އަރަބި ގައުމުތަކުގެ މެދުގައި ވެސް އިސްރާއީލާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މެކޭނިޒަމެއް ނެތެވެ. ކުރިން އަރަބި ގައުމުތަކުން އިސްރާއީލު ބޮއިކަޓްކޮށް އިސްރާއީލު އެކަހެރި ކުރުމަށް ހިންގި ކާމިޔާބު ނިޒާމު ފަދަ ނިޒާމެއް ވެސް އަރަބި ގައުމުތަކުން މިހާރު ނުހިންގައެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ބޮލަށް ކޮންމެ ދުވަހަކު ބޮންއަޅައި 60 އަދި 70 އިން މީހުން މަރައި ޣައްޒާގެ މުޅި ރައްޔިތުންގެ ގެދޮރު ހަލާކުކޮށް ހޮސްޕިޓަލްތަކަށް ބޮންއަޅައި އެންމެ ދެ ހޮސްޕިޓަލެއް ފިޔަވައި ހުރިހާ ހޮސްޕިޓަލްތަކެއް ހަލާކުކޮށްލާފައިވާއިރު އަދި އިސްރާއީލުން ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ޖަރީމާތައް ހިންގާއިރު ވެސް އެކަން ކުށްވެރިކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް އަރަބި ގައުމުތަކަށް ނުކުރެވެއެވެ.

ހިޒްބުﷲ ގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ އީރާނުގެ ކުރީގެ މަސްއީލުވެރިންނާ ތެހެރާންގައި ބައްދަލުކުރައްވަނީ (ފައިލް ފޮޓޯ)

މި ގޮތަށް، އިސްރާއީލުގެ ކުރިމަތީގައި އަރަބި ރަސްމީ ނިޒާމު ފެއިލްވެފައިވީ ނަމަވެސް އަރަބި އެތައް ޖަމާއަތަކުންވަނީ ފަލަސްތީނުގެ ދިފާއުގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. މި ޖަމާއަތްތަކުން ފަލަސްތީނުގެ މުޖާހިދުންނަށް ވާގިވެރިވުމަށްޓަކައި އިސްރާއީލަށް ކެނޑިނޭޅި ހަމަލާތައް ދެމުން ގެންދެއެވެ. އަދި، މި ހަމަލާތަކުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބެމުން ވެސް ދެއެވެ.

މީގެ ތެރޭގައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ޔަމަންގެ ހޫޘީ ޖަމާއަތާއި އިރާގުގެ އިސްލާމިކް ރެސިސްޓެންސް ޖަމާއަތްތައް ހިމެނެއެވެ. ހިޒްބުﷲއިން ސީދާ އިސްރާއީލުގެ އެތެރެއަށް ކޮންމެ ދުވަހަކު ރޮކެޓުންނާއި ޑްރޯން އަދި މިސައިލުން ހަމަލާތައްދީ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދެމުން ގެންދެއެވެ. އަދި، ޔަމަންގެ ހޫޘީ ޖަމާއަތުން ވެސް އިސްރާއީލާއި އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތަކަށް ވާގިވެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކަށް ހަމަލާތައް ދެމުން ގެންދެއެވެ. ހޫޘީން މިހާތަނަށް އެ ތިން ގައުމުގެ 200 އަށް ވުރެ ގިނަ އާގު ބޯޓުތަކަށް ހަމަލާދީ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން އެ ގައުމުތަކުގެ ކަމާބެހޭ ކުންފުނިތަކަށް ދީފައިވެއެވެ.

މީގެ އިތުރުން، އިރާގުގެ އެތައް ޖަމާއަތަކުން ވެސް ސީދާ އިރާގުން ސީދާ އިސްރާއީލުގެ އެ ތަންމިތަނަށް ޑްރޯންއާއި މިސައިލުން ހަމަލާތައް ދެއެވެ. ހަމަލާދޭ ތަންތަނުގެ ތެރޭގައި އިސްރާއީލުގެ ބަނދަރުތަކާއި އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ގުދަންތައް ހިމެނެއެވެ.

މި ޖަމާއަތްތަކަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކީ އީރާނެވެ. މި ޖަމާއަތްތަކަށް ހަތިޔާރާއި އަސްކަރީ ތަމުރީނާއި ޓެކްނޮލޮޖީ ފޯރުކޮށްދެނީ އީރާނުން ކަމަށް އިސްރާއީލާއި އެމެރިކާއިން ބުނެއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައިވަނީ އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ އަރަބި ޖަމާއަތްތަކަށް ވާގިވެރިވާތީއެވެ. އީރާނަކީ ޓެރަރިޒަމަށް އެހީތެރިވާ ގައުމެއްގެ ގޮތުގައި ހުޅަނގުން ސިފަކުރަނީ ވެސް މި ކަމުގެ ސަބަބުންނެވެ.

އިސްރާއީލާ އަސްކަރީ ގޮތުން ފައިހަމަކޮށް ބެލެންސް ކުރުމަށާއި އިސްރާއީލާ ދެކޮޅަށް މިލިޓްރީ ވަރުގަދަ ޑިޓަރެންސެއް ބިނާކުރުމަށްޓަކައި އީރާނުން ވަނީ ނިއުކްލިޔާ ރިއެކްޓަރުތަކާއި ޕްލާންޓްތަކާއި ލެބޯޓްރީތައް ގާއިމުކޮށް ފުޅާ ދާއިރާއެއްގައި ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކޮށްފައެވެ. ހަތިޔާރުގެ ވަރުގަދަ އިންޑަސްޓްރީއެއް ވެސް އީރާނުން ވަނީ ގާއިމުކޮށްފައެވެ.

އެމެރިކާގެ ބިރު ދެއްކުންތަކާއި އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރުން އަރަބި އެއްވެސް ގައުމަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކުރަންވަނީ ނުކެރިފައެވެ. އީރާނުގެ ކުރިން ނިއުކްލިޔާ ޕްރޮގްރާމު ފެށި މިސްރުން ވަނީ އެމެރިކާގެ ފިއްތުންތަކާ ގުޅިގެން އެ ޕްރްގްރާމު ތަރައްގީކުރުން ހުއްޓާލާފައެވެ. ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ކުރިއަށްދިޔަ އިރާގާއި ސޫރިޔާގެ ނިއުކްލިޔާ ރިއެކްޓަރުތަކަށް ހަމަލާދީ އިސްރާއީލުން ވަނީ އެ ތަންތަން ހަލާކުކޮށްލާފައެވެ. އިސްރާއީލުން އެ ތަންތަން ހަލާކުކޮށްލުމަށް ދިން ހަމަލާތަކަށް ރައްދު ވެސް އެ ގައުމުތަކަށް ދެވިފައެއްނުވެއެވެ.

އީރާނުގެ ނިއުކްލިޔާ ކާރުޚާނާތަކާއި ރިއެކްޓަރުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އެމެރިކާއާއި އިސްރާއީލުން ކިތަންމެ ވަރަކަށްދިން ނަމަވެސް އެފަދަ ހަމަލާއެއް ދޭން އެ ދެ ގައުމަށް ކެރިފައެއްނުވެއެވެ. އެއީ، އީރާނުން އޭގެ ރައްދުގައި އިސްރާއީލުގެ ނިއުކްލިޔާ ސައިޓްތަކަށާއި ސަރަހައްދުގައިވާ އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއްދޭނެކަން އެމެރިކާއާއި އިސްރާއީލަށް ޔަގީންވާތީއެވެ. އަނެއްކޮޅުން އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު ވެސް އިންތިހާއަށް ބޮޑުކަމާއި ވަރުގަދަކަން އެމެރިކާއާއި އިސްރާއީލަށް އެނގުމަކީ އީރާނާ ކުޅެން އެ ދެ ގައުމަށް ނުކެރޭ މައިގަނޑު ސަބަބެވެ.

އީރާނުން އިސްރާއީލަށް ރައްދުދޭނެކަން އެނގެނީ ދާދި ފަހުން އިސްރާއީލުން ސޫރިޔާގައިވާ އީރާނުގެ ޑިޕްލޮމެޓިކް މިޝަންއަކަށް ހަމަލާދިނުމުން އީރާނުން އިސްރާއީލަށް ދިން ވަރުގަދަ ރައްދުގެ ސަބަބުންނެވެ. އީރާނުން އިސްރާއީލަށް ރައްދުދިނީ 3،000 އަށް ވުރެ ގިނަ ހަތިޔާރު އެއް ފަހަރާ ބޭނުންކޮށްގެން އިސްރާއީލަށް އަމިއްލަ ނަފުސު ދިފާއު ވެސް ނުކުރެވޭހާ ވަރުގަދަކޮށެވެ. ހަމަލާދިނީ އެތައް ހާސް ބަލިސްޓިލް މިސައިލާއި ޑްރޯން އަދި ކްރޫޒް މިސައިލުންނެވެ.

މި ހަމަލާތަކުގެ ބޮޑުބައި ދިފާއުކުރީ ވެސް އެ ކަމަށް އިސްރާއީލު ނުކުޅެދުމުން އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތުންނެވެ. މިއާ އެކު ވެސް މީގެ ބައެއް ހަމަލާތައް އިސްރާއީލަށް އަރައި ގެއްލުންތަކެއްވެސްވަނީ ލިބިފައެވެ. އީރާނުގެ ނިއުކްލިޔާ ސައިޓަކަށް ހަމަލާދީފިނަމަ އިސްރާއީލުގެ މައި ނިއުކްލިޔާ ރިއެކްޓަރު ކަމަށްވާ ދައިމޫނާ ރިއެކްޓަރު ފުނޑާލާނެކަމުގެ އިންޒާރު އީރާނުންވަނީ ދީފައެވެ.

comment ކޮމެންޓް