ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް އަލުން ފަށަނީ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަނގުރާމައާހެދި ފަލަސްތީނު ބަޔަކު މެދު ތެރޭ ޣައްޒާ ދޫކޮށް ދަނީ. ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް އަލުން ފަށަން ނިންމައިފިއެވެ.

ޤަތަރުގެ ދޯހާގައި މިއަދު ފަށަން ހަމަޖެހިފައިވާ އެ މަޝްވަރާތަކުގައި މިސްރާއި އެމެރިކާގެ ޖާސޫސީ ވެރިންނާއެކު ގަތަރާއި އިސްރާއީލުގެ ވަފުދުތައް ބައިވެރިވާނެ ކަމަށް މިސްރުގެ ދައުލަތާ ގުޅުން ހުރި އަލް ގާހިރާ ނިއުސް ޓީވީން ވަނީ ބުނެފައެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓަރު ވިލިއަމް ބާންސް އާދިއްތަ ދުވަހު ޤާހިރާގައި ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ. ސީސީ ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ މިސްރު ދެކޮޅުކަން ކަށަވަރުކޮށްދެއްވާފައެވެ.

ބާންސްއާއެކު ބޭއްވި ބައްދަލުވުމުގައި ސީސީ ވަނީ ޣައްޒާގެ ހަމަނުޖެހުން އިތުރަށް ފުޅާވެ، ސަރަހައްދީ ހަމަނުޖެހުމަކަށް ދިއުން ހުއްޓުވުމަށް އަވަސް އަދި ފައިދާހުރި ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވައިފައެވެ.

އިސްރާއީލާއި ޣައްޒާގެ ވެރިކަންކުރާ ހަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމައަށް ނުވަ މަސް ދުވަސްވެފައިވާއިރު، މިސްރާއި ޤަތަރު މެދުވެރިވެގެން ހަނގުރާމައި ހުއްޓައިލުމުގެ މަޝްވަރާތައް އެތައް ފަހަރަކު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނަމަވެސް މަޝްވަރާތަކަށް މިހާތަނަށް ވެސް މާ ބޮޑު ކުރިއެރުމެއް އައިސްފައެއް ނުވެއެވެ. ހަނގުރާމަ ހުއްޓައިލައި ދެ ފަރާތުން ހިފަހައްޓަފައިވާ ރަހީނުން ދޫކޮށްލުމަކީ ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމެކެވެ.

މިދިޔަ ހަފުތާގައި ހަމާސްއިން ލުއިތަކެއް ދިނުމުން ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމަށް އެމެރިކާގެ އިސް އޮފިޝަލުން އެ ސަރަހައްދުގައި ތިބި ނަމަވެސް ހޯމަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއަކާ ގުޅިގެން އެކަމަށް ވަނީ ހުރަސް އެޅިފައެވެ.

comment ކޮމެންޓް