ޔަހޫދީން ނުވަތަ ޒަޔަނިސްޓުންނާ ބެހޭ ގޮތުން ކުރެވޭ ޕޯސްޓުތައް ފޭސްބުކުގައި ކުރުން މަނާކޮށް އެފަދަ ޕޯސްޓްތައް ނަގަން މެޓާއިން ނިންމައިފިއެވެ.
މެޓާ ޕްލެޓްފޯމްސް އިން ބުދަ ދުވަހު ވަނީ "ޒަޔަނިސްޓުން" ނަށް އަމާޒުކޮށް ކުރެވޭ ޕޯސްޓުތައް އިތުރަށް ނައްތާލާނެ ކަމަށް ބުނެފައެވެ.
މިގޮތުން ޒަޔަނިސްޓުންގެ ގޮތުގައި ޔަހޫދީންނާއި އިސްރާއީލު މީހުންނަށް އަމާޒުކޮށް ކުރެވޭ ޕޯސްޓުތައް ނައްތާލާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައިވެއެވެ.
ފޭސްބުކާއި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާއިން ބުނެފައިވަނީ "ޒަޔަނިސްޓުން" ނާ ބެހޭގޮތުން ކުރެވޭ އެއްވެސް ޕޯސްޓެއް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނޫން ގޮތަކަށް ބޭނުންކުރާ ނަމަ، އެފަދަ ޕޯސްޓުތައް ނައްތާލާނެ ކަމަށެވެ.
އަދި ޔަހޫދީންނާއި އިސްރާއީލީންނާ ދެކޮޅަށް ކުރެވޭ ބިރުދެއްކުމާއި އަނިޔާވެރިކަމުގެ ޕޯސްޓުތައް ވެސް ނައްތާލާނެ ކަމަށް ބުނެފައިވެއެވެ.
މެޓާގެ ނަފްރަތުގެ ވާހަކަތަކާ ބެހޭ ސިޔާސަތުގައި ވަކި ބަޔަކަށް އަމާޒުކޮށް ކުރެވޭ ޕޯސްޓުތައް މަނާކުރެއެވެ. މީގެ ތެރޭގައި ނަސްލާއި، ދީނީ ތަފާތު ކުރުންތަކާއި، ނުކުޅެދުންތެރިކަން އަދި ޖިންސީ ކަންކަން ހިމެނެއެވެ.
ސޯޝަލް މީޑިއާގެ އެންމެ ވަރުގަދަ ކުންފުނި މެޓާއިން ބުނެފައިވަނީ މިހާރު އޮތް ސިޔާސަތުގައި "ޒަޔަނިސްޓުން" މި ލަފުޒު ބޭނުންކުރެވެނީ ދެ ހާލަތެއްގައި ކަމަށާއި، މިއީ އެއްވެސް ގޮތަކުން ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.
މި ސިޔާސަތު އައު ކުރުމުގެ ކުރިން މެޓާއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 145 ފަރާތަކާ މަޝްވަރާކޮށްފައެވެ. މި ބަދަލު ގެނެވެނީ އިސްރާއީލް-ހަމާސް ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.
މެދުއިރުމަތީގެ ކަންކަމާ ގުޅޭ ގޮތުން ކުރެވޭ ޕޯސްޓުތަކާ މެދު މެޓާއިން ގެންގުޅޭ އުޞޫލުތަކާ މެދު މެޓާއަށް އަމާޒުކޮށް އަންނަނީ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.
ޚާއްޞަކޮށް ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނު މީހުންނަށް ތާއީދުކޮށް ކުރެވޭ ޕޯސްޓުތައް ފޭސްބުކާއި އިންސްޓަގްރާމުން ނައްތާލަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒު ވެފައެވެ.
މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ނަފްރަތުގެ ވާހަކަތަކާއި ތަފާތުކުރުންތައް އިތުރަށް ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށް މެޓާއިން ބުނެފައިވެއެވެ. އެހެންނަމަވެސް، މި ބަދަލުތަކުގެ ސަބަބުން ފަލަސްތީނު މީހުންނަށް ތާއީދުކޮށް ކުރެވޭ ޕޯސްޓުތަކަށް އަސަރުކުރާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މެޓާއިން ބުނެފައިވަނީ މި ބަދަލުތައް ތަންފީޒުކުރުމުގައި ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތްކުރާނެ ކަމަށާއި، ސިޔާސީ ބަހުސްތަކަށް ހުރަސްއެޅުމުގެ ނިޔަތެއް ނެތް ކަމަށެވެ.