ތުރުކީގެ ފުރަތަމަ އަމިއްލަ މުވާސަލާތީ ސެޓެލައިޓް ކާމިޔާބުކަމާއެކު ދަތުރު ފަށައިފި

ސްޕޭސް އެކްސްގެ ސެޓެލައިޓް ސްޓޭޝަން --- ފޮޓޯ: އަނަޑޯލު

ތުރުކީގެ ފުރަތަމަ އަމިއްލަ މުވާސަލާތީ ސެޓެލައިޓް، ޓަރކްސެޓް 6އޭ، ވަނީ އެމެރިކާގެ ފްލޮރިޑާ އިން ސްޕޭސްއެކްސްގެ ފޯލްކަން 9 ރޮކެޓުން ކާމިޔާބުކަމާއެކު ދަތުރު ފަށައިފިއެވެ.

މި ސެޓެލައިޓް ދަތުރު ފެށީ ހޯމަ ދުވަހުގެ ރޭ ޖީއެމްޓީ ގަޑިން 11:30 ގައި ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަނުންނެވެ.

ސްޕޭސްއެކްސްއިން ބުނާ ގޮތުގައި ގާތްގަނޑަކަށް 35 މިނެޓު ފަހުން ސެޓެލައިޓް ވަކިވާނެ ކަމަށް ލަފާކުރެވެއެވެ.

ބަރުދަނުގައި 4.25 ޓަނު ހުންނަ މި ސެޓެލައިޓް ހަރަކާތްތެރިވާނީ 42 ޑިގްރީ އިރުމަތީ އޯބިޓަލް ޕޮޒިޝަންގައެވެ. އަދި މީގެ ޚިދުމަތުގެ މުއްދަތަކީ އޯބިޓްގައި 15 އަހަރެވެ.

މި ސެޓެލައިޓް ޚިދުމަތް ދޭނީ ތުރުކީ، ޔޫރަޕް، އުތުރު އެފްރިކާ، މެދުއިރުމަތި އަދި އޭޝިއާގެ ސަރަހައްދުތަކަށެވެ. އަދި 4.5 ބިލިއަން މީހުންނަށް ޓީވީ، ރޭޑިއޯ އަދި ކުއްލި ހާލަތުގެ މުވާސަލާތީ ޚިދުމަތްތައް މި ސެޓެލައިޓް މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ.

ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ އަނަޑޯލު ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސެޓެލައިޓަކީ 10 އަހަރުގެ މަސައްކަތުގެ ނަތީޖާއެކެވެ. ޓަރކްސެޓް 6އޭ ޕްރޮޖެކްޓް ފެށުނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު 15 ގައެވެ.

މީގެ ކުރިން ތުރުކީން ވަނީ ޓަރކްސެޓް 1ސީ (1996)، ޓަރކްސެޓް 2އޭ (2001)، ޓަރކްސެޓް 3އޭ (2008)، ޓަރކްސެޓް 4އޭ (2014)، ޓަރކްސެޓް 4ބީ (2015) އަދި ޓަރކްސެޓް 5އޭ އާއި 5ބީ (2021) ދަތުރު ފަށާފައެވެ.

ތުރުކީގެ އިންޖިނިއަރުން ވަނީ ޓަރކްސެޓް 4އޭ އާއި 4ބީ ގެ އިތުރުން 5އޭ އާއި 5ބީ ގެ ޑިޒައިން، އުފެއްދުން އަދި ޓެސްޓް ކުރުމުގެ މަރުހަލާތަކުގައި ބައިވެރިވެފައެވެ. އަދި ޓަރކްސެޓް 6އޭ އަކީ ތުރުކީގެ އަމިއްލަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ފުރަތަމަ މުވާސަލާތީ ސެޓެލައިޓެވެ.

comment ކޮމެންޓް