އެމެރިކާއިން ތުރުކީއަށް ދިޔަ ފްލައިޓެއްގެ ޕައިލެޓް ދަތުރުމަތީގައި މަރުވެއްޖެ

ޓާކިޝް އެއާލައިންގެ ބޯޓެއް. އެ އެއާލައިންގެ ބޯޓެއްގެ ޕައިލެޓް ވަނީ ދަތުރުމަތީގައި މަރުވެފައި. ފޮޓޯ/ޖެޓީ އިމޭޖަސް

އެމެރިކާގެ ހުޅަނގު އުތުރު އައްސޭރީގައި އޮންނަ ސީއެޓްލް އިން ތުރުކީވިލާތުގެ އިސްތަންބޫލަށް ދަތުރުކުރި ޓާކިޝް އެއާލައިންގެ ބޯޓެއްގެ ޕައިލެޓް ދަތުމަތީގައި މަރުވެއްޖެއެވެ.

އެ އެއާލައިންގެ ތަރުޖަމާނު ޔަހުޔާ ޔުސްތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 59 އަހަރުގެ ކެޕްޓަން އިލްޗެހިން ޕެލިވާން ދަތުރުމަތީގައި ވެއްޓުމުން ބޯޓުގެ ކޮންޓްރޯލާ ދެވަނަ ޕައިލެޓަކާއި ކޯ ޕައިލެޓު ހަވާލުވިއެވެ.

" ކެޕްޓަނަށް ބޯޓު ތެރޭގައި ދިން ފަސްޓް އެއިޑް ނާކާމިޔާބުވުމުން، ކޮކްޕިޓް ކްރޫއިން ނިންމީ އިމާޖެންސީކޮށް ބޯޓު ޖައްސަން. ނަމަވެސް އޭގެކުރިން ކެޕްޓަން މަރުވެއްޖެ." ޔަހުވާ ވިދާޅުވިއެވެ.

ބީބީސީން ބުނިގޮތުގައި އެއާބަސް އޭ350 އެ މަތިންދާބޯޓު ފަހުން ވަނީ ނިއު ޔޯކަށް ޖައްސާފައެވެ. އެއީ ފްލައިޓް ސިއެޓަލްއިން ނައްޓާލިތާ ގާތްގަޑަކަށް އަށް ގަޑިއިރު ފަހެވެ.

ޕެލިވާން އަކީ 2007 ވަނަ އަހަރުން ފެށިގެން ޓާކިޝް އެއާލައިންސްގައި މަސައްކަތް ކުރަމުން އައި މީހެއް ކަމަށާއި މާޗް މަހުގެ ކުރީކޮޅުވެސް ހެލްތު ޗެކް އަޕެއް ހަދާފައިވާ ކަމަށް އެ އާލައިނުން ބުނެއެވެ. އަދި އޭރު އޭނާގެ އެއްވެސް ސިއްހީ މައްސަލައެއް ފާހަގަވެފައި ނެތް ކަމަށް އެއާލައިނުން ވަނީ ބުނެފައެވެ.

ޕައިލެޓް މަރުވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

ޕައިލެޓުން ކޮންމެ 12 މަހަކުން މެޑިކަލް ޗެކްއަޕެއް ހަދަން ޖެހޭއިރު، އުމުރުން 40 އަހަރުން މަތީގެ ޕައިލެޓުން ކޮންމެ ހަ މަހަކުން މެޑިކަލް ސެޓްފިކެޓް އާކުރަން ޖެހެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެމެރިކަން އެއާލައިންސްގެ އުމުރުން 57 އަހަރުގެ ޕައިލެޓަކުވެސް ވަނީ ދަތުރުމަތީގައި މަރުވެފައެވެ.

comment ކޮމެންޓް