ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރާ ދެމެދު ހަދާފައިވާ މުއާހަދާއަށް އަމަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
އެއީ "ޓްރީޓީ ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ޑިމޮކްރަޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް"އަށް ދިވެހިރާއްޖެއިން އަމަލުކުރުމާ ބެހޭ ގޮތުން މަޖިލީހުގެ ރުހުން ހޯއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފޮނުއްވާފައިވާ މައްސަލައެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ.
ގާނޫނުގައި އޮންނަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށެވެ.
އެހެންކަމުން އެ މައްސަލަ އިތުރަށް ބަލައި ދިރާސާ ކުރުމަށް ވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
މި މުއާހަދާއަށް އަމަލުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައި ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ވަނީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއި، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމަކީ މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށެވެ.
އެ ގައުމެއްގެ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށާއި ޝަރީއަތްތައް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ދެވޭނެ ކަމަށް ސިޓީގައިވެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރެވެ.