ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން މޯދީ ފުރަތަމަ ފަހަރަށް ރަޝިއާއަށް

މޯދީއާއި ޕޫޓިން: ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި -- ފޮޓޯ/ އިންޑިއާ ސަރުކާރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރަޝިއާއަށް ޒިޔާރަތްކުރައްވައިފިއެވެ.

އެ ދަތުރުފުޅަކީ ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން މޯދީ ރަޝިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

"އަޅުގަނޑުގެ އެކުވެރިޔާ ރައީސް ވްލަޑިމިއާ ޕޫޓިނާ އެކު ދެ ގައުމުގެ އެއްބާރުލުމުގެ ހުރިހާ ކަމެއް މުރާޖައާކޮށް، ސަރަހައްދީ އަދި ދުނިޔޭގެ އެކި މައްސަލަތަކުގެ ނަޒަރިއްޔާތުތައް ހިއްސާކުރާނަން،" ދަތުރުފުޅާ ގުޅިގެން މޯދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ އަސްކަރީ އެއްބާރުލުމާ ގުޅޭ މަޝްވަރާތަކުގެ އިތުރުން ވިޔަފާރި ތަރައްގީކުރުމާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި، ޚާއްސަކޮށް އިންޑިއާގެ ޗެންނާއީގައި އޮންނަ އެ ގައުމުގެ މައިގަނޑު އެއް ބަނދަރާއި ރަޝިޔާގެ ވްލަޑިވޮސްޓޮކްއާ ދެމެދު މެރިޓައިމް ކޯރިޑޯއެއް ތަރައްގީކުރުމުގެ މަޝްވަރާތައް ވެސް ކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނާއީ މޯހަން ކުވަތްރާ ވިދާޅުވި ގޮތުގައި 2023-24 ވަނަ އަހަރުގެ މާލީ އަހަރު އިންޑިއާއާއި ރަޝިޔާގެ ވިޔަފާރި ގާތްގަނޑަކަށް 65 ބިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. އޭނާ ވިދާޅުވީ، އިންޑިއާއިން މަސައްކަތް ކުރަނީ އެ ގައުމުގެ އެކްސްޕޯޓް އިތުރުކުރުމަށް ކަމަށެވެ.

އިންޑިއާއިން ރަޝިޔާއަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ މުދަލުގެ ތެރޭގައި ބޭހާއި ބޭހުގެ އުފެއްދުންތަކާއި، ޓެލެކޮމް އިންސްޓްރޫމެންޓްތަކާއި، ދަގަނޑާއި، މެޝިނަރީތައް ހިމެނެއެވެ. ރަޝިޔާއިން އެންމެ ގިނައިން އިންޑިއާއަށް އެތެރެކުރާ ބާވަތްތަކުގެ ތެރޭގައި ސާފުނުކުރާ ތެލާއި ޕެޓްރޯލިއަމް އުފެއްދުންތަކާއި، ކޯލްއާއި ކޯކާއި، މުތް، އަދި ސެމީޕްރިޝިއަސް ހިލައާއި، ގަސްކާނާއާއި، ތަރުކާރީ ތެލާއި، ރަން އަދި ރިހި ހިމެނެއެވެ.

މޯދީ އެންމެ ފަހުން ރަޝިޔާއަށް ޒިޔާރަތްކުރައްވައިފައިވަނީ 2019 ވަނަ އަހަރު އިރުމަތީގެ ވްލަޑިވޮސްޓޮކް ބަނދަރުގައި ބޭއްވި ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުޒްބެކިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ސަމިޓްގައި ވެސް ދެ ލީޑަރުން ވަނީ ބައްދަލުވެފައެވެ.

ރަޝިއާއަކީ އިންޑިއާއަށް އަގު ހެޔޮކޮށް ތެލާއި ހަތިޔާރު ފޯރުކޮށްދޭ ގައުމެކެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާއަށް މިހާރު އެތެރެކުރާ ތެލުގެ 40 ޕަސެންޓަށް ވުރެ ގިނަ ތެޔޮ އެތެރެކުރަނީ ރަޝިއާއިންނެވެ.

ނަމަވެސް، ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހުޅަނގާ އެކު ރަޝިއާއިން އޮތް ގުޅުން ކެނޑުމާއި، ޗައިނާއާއި ރަޝިއާގެ ގުޅުން ރަނގަޅުވުމުގެ ސަބަބުން އިންޑިއާއި ރަޝިއާގެ ގުޅުމަށް ވަނީ ކޮންމެ ވެސް ވަރެއްގެ އަސަރުތަކެއް ކޮށްފައެވެ.

ޖޫން، 2020 ގައި ޗައިނާއާއި އިންޑިއާގެ ބޯޑަރުގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ރަޝިއާއާއި އިންޑިއާގެ ގުޅުމަށް ވަނީ އަސަރުކޮށްފައެވެ. އެ ހަނގުރާމައިގައި އިންޑިއާގެ ސިފައިންގެ 20 މީހުންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ. އެ މައްސަލައިގައި މަޝްވަރާތައް ކުރި ނަމަވެސް އިންޑިއާއި ޗައިނާއާ ދެމެދު އަދިވެސް އޮތީ ނުތަނަވަސްކަމެވެ.

comment ކޮމެންޓް