ހުސްވާހަކަ، އިސްލާހުކުރާކަށް ނޫޅޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ / ގޯޓުޓްރެވަލްގައިޑްސް.ނެޓު

އަބަދުވެސް ސަރުކާރުގެ މުއައްސަސާތަކުން ކުރާ ޢަމަލީ މަސައްކަތަށްވުރެ ގިނަވާނީ ހުސްވާހަކަ ދެއްކުމެވެ. މިހާރުނަމަ މީސްމީޑިއާގެ މަންސަތަކުގައި ޚިޔާލީ ކުރެހުންތަކާއި ފޮޓޯއާއި ވީޑިއޯ އާއްމުކޮށް ފޮނި ބައިސާ ކެނޑުމެވެ. ދެއިރު ދެދަޅައަށް ޓީވީތަކަށް އަރައި އިންޓަވިއު ދިނުމާއި ނޫސްތަކުގައި ސުރުޚީތައް ހެދުމެވެ. އަނގައިން ނުކުރާކަމެއް ނޯވެއެވެ. ނަމަވެސް ދާދި މަދުކަމެއްގައިނޫނީ އެކިޔާގޮތަށް ނަތީޖާއެއް ފެންނަ ތަނެއް ނާދެއެވެ.

ހައްލު ކުރާނެކަމަށް ބުނެ އެންމެ ގިނައިން ވާހަކަ ދައްކާ އެއްކަމަކީ އިޖުތިމާއީ މައްސަލަތައް ފުނިޖެހިފައިވާ މާލޭ ސަރަހައްދުގެ ވެހިކަލުގެ މައްސަލަތަކެވެ. ހައްލުކުރަނީ، އިސްލާހުކުރަނީ، އެހެންވާން ދޫކޮށެއްނުލާނަން ... ކިޔާ އަޑުއަހަން ތިއްބައި ކިތަންމެ ދައުރެއް ނިމިއްޖެއެވެ. ކޮންމެވެސް ބޭނުމަކަށްޓަކައި އިމެއްނެތި ދިން ލުއިތަކެއްގެ ސަބަބުން، އެ މައްސަލަ މިހާރު އެވަނީ އަތްނުފޯރާ ހިސާބަށް ގޯސްވެފައެވެ. އަދި އެކި ބަހަނާތައް ދައްކަމުން، އެކަށީގެންވާ ފިޔަވަޅެއް ނާޅައި ދިގު ދަންމަމުން ގެންދާ މި މައްސަލަ ހައްލުކުރުމުގެ ސިޔާސީ އިރާދަ (ޕޮލިޓިކަލް ވިލް) އެއް އޮތްކަމަކަށްވެސް ލަފައެއް ނުކުރެވެއެވެ.

މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާނެހެން، ހިތަށް އެރި ތަނެއްގައި ވެހިކަލު ޕާކު ކުރަނީއެވެ. ހަމަ އެގޮތަށް، މަގުމަތީގައި ބާއްވައިގެން ވެހިކަލު ދޮވެ ސާފުކުރުމާއި މަރާމާތުކޮށް އެއަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ދޭސީންނާއި ބިދޭސީން ބޭނުންގޮތަކަށް އުޅެނީއެވެ. ނުރައްކާތެރިކޮށް ވެހިކަލު ދުއްވާމީހުން އިންތިހާއަށް ގިނައެވެ. ނަތީޖާއެއްގެގޮތުން، އެކްސިޑެންޓުތަކުގައި ހާނީއްކަވާމީހުންނާއި ފުރާނަ ގެއްލޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

އަދަދުން ބަލާއިރު ދިހައަކުން އެކަކުވެސް، ކަފިހި ހުރަހުން ހިނގާމީހުންނަށް މަޑެއް ނުކުރެއޭ ބުނެވިދާނެއެވެ. މި ނުބައި އާދަ އޮތުމުން، ހިނގާ މީހާ ދަންދެން ފަހަރެއްގައި މަޑުކޮށްލާމީހާއަށްވެސް އޮތީ ނުރައްކަލެވެ. ދުންޖަހާފައި ފަހަތުން އަންނަ އެހެން އެއްޗެތި މަޑުނުކޮށް އައިސް ޖެހެނީ މަޑުކޮށްގެން އިންނަމީހާގެ ވެހިކަލުގައެވެ.

މިހާރު - ގަވާއިދުން ހުރަސްކުރަން ބޭނުންވާ މީހުން މަގު ހުރަސްކުރާ ރޮނގުގައި ހުއްޓިގެން އެ ތިބެނީ ކޮންމެހެން ދުއްވާމީހުން ތަންދޭނެކަމަށް އުއްމީދުކޮށްގެނެއްނޫނެވެ. އެއްވެސް މީހެއްގެ ހިތުގައި މިއަދަކު އެ އުއްމީދެއް ނޯންނާނެއެވެ. އެމީހުން އެ ތިބެނީ ކޮންމެވެސް އިރަކުން ވެހިކަލުތައް އެތަނުން ހުސްވެ ތަން ލިބުނީމައި ހުރަސްކުރުމުގެ ބޭނުމުގައެވެ. އެކެއް އަނެކެއްގެ ކިބައިން ހެޔޮކަމަށް އުއްމީދުކުރެވުނު ޒަމާން ފަސްދީ ހިނގައްޖެއެވެ.

ސައިލަންސަރުގެ އަޑުގަދަވާގޮތަށް ހަދައިގެން ސައިކަލާއި ކާރު ދުއްވުމާއި، ދުއްވާއިރު ބޭނުންކުރަންޖެހޭ ސިގުނަލުތައް އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރުމާއި، ދުއްވަމުން ކައިބޮއެ ހެދުމާއި ފޯނު ބޭނުންކުރުމާއި، ބޮޑު ވާހަކަ ދައްކަމުން ޑަބަލްކޮށްގެން ވެހިކަލު ދުއްވުން ވަރަށް އާއްމެވެ. ސައިކަލުގައި އުފުލަން އެކަށީގެންނުވާ މުދާ އޭގައި އުފުލުމާއި، މަގު މެދަށް ކާރު ހުއްޓައިގެން މީހުން އަރުވައި ބޭލުމާއި، ޖެހުނު ތަނަކަށް ވެހިކަލު މަޑުކޮށްގެން ވާހަކަ ދައްކައިލަން ތިބުމަކީވެސް ވަރަށް ގިނައިން ފެންނަ މަންޒަރުތަކެވެ.

އަދުލުވެރި ބުނުމަކުން ބުނާނަމަ، މި މަންޒަރުތައް ބަލައި ފިޔަވަޅު އަޅަން، ގަދަ އަތްވާއި ވާރޭގައި ރޭގަނޑާއި ދުވާލު ފުލުހުން ދޭތެރެދޭތެރެއިން ހަރަކާތްތެރިވެއެވެ. ނަމަވެސް އެމީހުން އެކުރާ ބުރަ މަސައްކަތް، މަތީ އޯޑަރުން ބާތިލުކޮށް އެއީ ބޭކާރު ކަމަކަށް ހަދައިލާނަމަ ނަތީޖާ ނިކުންނާނީ ކިހިނެއްކަން އެންމެންނަށްވެސް އެނގޭނެއެވެ.

އިސްވެ ބަޔާންކޮށްފައި އެވަނީ ރެއާއި ދުވާލު އެތައް ބަޔަކު ތަކުރާރުކޮށް ކުރަމުންދާ މަނާ ކަންތައްތަކެކެވެ. އޭގެ ސަބަބުން، އެފަދަ ކުށްވެރި ޢަމަލުތަކަށް އަރައިގަންނަން ބޭނުން ނުވާ ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަމާއި ބިރުވެރިކަން ގެނުވައެވެ. އަދި ބައެއް ފަހަރަށް ނުރައްކާތެރި ހާދިސާތައް ހިނގައި މީހުންނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.

ޕޮލިސް ކޯނާއި ޓޭޕަށް ނުބެލުމާއި، ޓޯ ކޮށްފާނެތީ ނުވަތަ އިސްޓިކާ ޖަހާފާނެތީ ޖެހިލުން ނުވެ ބިރުފަހަނައަޅައި ދިއުމަކީ ބޭރު ބަޔަކު ލައްވައި ދިރާސާ ކުރަންޖެހޭ ކަމެއްނޫނެވެ. ބަޔަކަށް ބޮޑު ނުވިޔަސް، އެތައް ރައްޔިތުންނެއްގެ ޝަކުވާއަކަށްވެފައިވާ މި މައްސަލަތައް ހައްލު ކުރުމުގައި މިހާރުން މިހާރަށްވެސް އެޅޭނެ ކިތަންމެ ފިޔަވަޅެއް ހުންނާނެއެވެ. ކަންކަން ކުރަން ނޭނގުނީމައި ނުވަތަ ކުރަން ނުކެރުނީމައި، އެއީ މިވެނި އެވެނި ބައެއްގެ ސަބަބުން ވީ ގޮތެކޭ ބުންޏަސް ތިމާމެން ހަވާލުވި ޒިންމާ އަދާކުރެވުނީކަމަކަށް ނުވާނެއެވެ.

ޤައުމު ހިންގަން ބޭނުންވާ ޤާނޫނާއި ގަވާއިދުތައް މިރާއްޖޭގައި އެބަހުއްޓެވެ. ބޭނުންވެއްޖެނަމަ މަދުވާ ޤާނޫނުތައް ހަދައި، އިސްލާހުކުރަން ބޭނުންވާ އެއްޗެއް އިސްލާހުކުރެވޭނެ މަގު ތަންމިނަށް ފަހިވެފައި އެބައޮތެވެ. ތަންފީޒީ އިދާރާތަކާއި ވަސީލަތްތައް އެބަހުއްޓެވެ. މުއައްސަސާތަކުގައި އިސްވެރިޔާގެ އިތުރުން، ތަނަށް ނުކަތާވަރަށް ތަފާތު ދަރަޖަތަކުގެ ވެރިން އައްޔަނުކޮށް، ދައުލަތުގެ ޚަޒާނާއިން އެމީހުންނަށް ބޮޑު މުސާރައާއި ޢިނާޔަތްތައްވެސް ބަރާބަރަށް ދެވެއެވެ.

އިސްވެ ބަޔާންކުރި ހުރިހާ އެއްޗަކާއެކު ނެތީ އިޚުލާސްތެރިކަމެވެ. ތެދުވެރިކަމެވެ. އަމާނާތްތެރިކަމެވެ. މަސްއޫލިއްޔަތަކީ އެއާމެދު ޤިޔާމަތް ދުވަހުގައި ޖަވާބުދާރީވާންޖެހޭނެ ކަމެއްކަން ނުދަނެ، ތިމާއާ އެކަށީގެންނުވާ މަޤާމުތައް ބޮލަރުވައިގެން ތިބި ގިނަ ސިޔާސީ ވެރިންގެ ކިބައިގައި މި ބުނި ސިފަތަކެއް ނެތެވެ. އަދި ޤައުމުގެ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ބޭނުންވާނެ ޢިލްމާއި ހުނަރާއި ތަޖުރިބާއާއި ކެރުންތެރިކަމެއްވެސް އެމީހުންގެ ނެތެވެ.

ސިޔާސީ މަޖުބޫރުކަމުގައި، މި ބުނިކަހަލަ ސޮހޮލުން ބަސްކިޔާ މަޤާމުތަކަށް ޢައްޔަނުކުރީމައި، އޭގެ ދަށުން މަސައްކަތް ކުރަން ތިބޭ ޤާބިލު މުވައްޒަފުންނަށް އެމީހުންގެ ޤާބިލުކަން ދައްކައިލުމުގެ ފުރުސަތެއް ނުލިބެއެވެ. އުފެއްދުންތެރިކަމާއެކު މަސައްކަތްކޮށް އީޖާބީ ނަތީޖާތަކެއް ނެރެވޭނެ މާހައުލެއް ނޯވެއެވެ. އެއީ ޢިލްމާއި ތަޖުރިބާ ލިބިގެން ތިބި އާއްމު މުވައްޒަފުންނަށް އޮތް ނިކަމެތިކަމެއްނަމަވެސް، ވެރިޔާގެ ކުރިމަތީގައި އާދެ އާދެ ކިޔައިގެން ތިބުންނޫންގޮތެއް އެމީހުންނަކަށް ނެތެވެ. އެހެންވީމައި، މުއައްސަސާތަކުގެ އެންމެންވެސް ކިޔާނީ އެއްލަވައެކެވެ. ކުރަނީއެވެ. ކުރެވޭނެއެވެ. ކުރާނަމެވެ. ނަމަވެސް އެއީ ހަމަ ހުސް ވާހަކައެވެ. އިސްލާހުކުރާކަށް ނޫޅެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް