އިންޑިއާގެ ކްރިކެޓު ޓީމަށް ރާއްޖެ އަންނަން ދައުވަތު ދީފި

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން މިއަހަރު ކްރިކެޓް ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ދިވެހިރާއްޖެއަށް އައުމަށް ހާއްސަ ދައުވަތެއް ދީފިއެވެ.

މި ދައުވަތު ދިނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެންނެވެ.

އެމްއެމްޕީއާރުސީން މިއަދު ބުނީ، އިންޑިއާގެ ގައުމީ ކްރިކެޓް ޓީމު ރާއްޖެ އަންނަން ފޮނުވި ރަސްމީ ދައުވަތުގައި، އެ ޓީމަށް ތަހުނިޔާ ކިޔައި، އެ ޓީމަށް ލިބުނު މި ފުރިހަމަ ކާމިޔާބީއަށް ތައުރީފުކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާއި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރް ވަނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމް ރާއްޖޭގައި ހޯސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރާއްޖެއަކީ މެހެމާންދަރީގެ ފުރިހަމަ މަންޒިލެއްކަން ފާހަަގަކޮށް އެ ކުންފުނިން ބުނީ ދައުވަތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ވަރުގަދަ ސަގާފީ އަދި ކުޅިވަރުގެ ގުޅުންތައް ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ދިވެހިރާއްޖެއަކީ އިންޑިއާގެ ކްރިކެޓް ޓީމުން މި ވަރުގަދަ ކާމިޔާބީ ފާހަގަކުރުމަށް އެންމެ ފުރިހަމަ މަންޒިލެވެ. އެ ގޮތުން އެމްއެމްޕީއާރުސީގެ ސީއީއޯ ޝިއުރީ ވިދާޅުވެފައިވަނީ "އިންޑިއާގެ ކްރިކެޓް ޓީމަށް މަރުހަބާ ކިޔައި، އެ ޓީމަށް ލިބުނު ކާމިޔާބީގެ އުފަލުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް،" ކަމަށެވެ. އަދި އެ ކާމިޔާބީ ފާހަގަކުރުމުގެ ހަނދާންތައް އާކުރުމަށް އެންމެ ފުރިހަމަ މަންޒިލު ފޯރުކޮށްދީ، އިންޑިއާގެ ކްރިކެޓް ޓީމް ހޯސްޓް ކުރުމުގެ ފުރުސަތަށް އިންތިޒާރު ކުރާކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ކުޑައިމީސް ކުރުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރުވެ، ރާއްޖެއާ ދެކޮޅަށް އިންޑިއާގައި ކެމްޕޭނެއް ވެސް ކުރިއެވެ. އެއާއެކު ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ވެސް ވަނީ ކުރިއާ އަޅައިބަލާއިރު ވަރަށް މަދުވެފައެވެ.

https://www.sun.mv/193685

އެ ގޮތުން އިންޑިއާގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެމްއެމްޕީއާރުސީ ގުޅިގެން ދަނީ އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެ ގޮތުން ވިޒިޓް މޯލްޑިވްސްއާއި މަންތާ އެއާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި ކުރިއަށް ގެންދިޔަ 'އެކްސްޕްލޯރާ މޯލްޑިވްސް ރޯޑްޝޯ' ނިންމައިލީ ކާމިޔާބުކަމާ އެކުގައި ކަމަށް އެމްއެމްޕީއާރުސީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް