ގައުމު ބަނގުރޫޓުވާން ފެށީމާ، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: އޭނާ ވިދާޅުވީ ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމައި، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މާވީ

ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމާ، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސައިޒު ކުޑަކޮށް، ކައުންސިލަރުންގެ އަދަދު ވެސް މަދުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެފައި ވަނިކޮށެވެ.

ރައީސްގެ ވާހަކަތަކަށް ރައްދުދެއްވައި، ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންކަން ހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު ގައުމަށް ކަތާވަރުގެ ގޮތަކަށް ނިޒާމު ބައްޓަން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން، ކައުންސިލްތަކުގެ އަދަދު ކުޑަކުރަން ޖެހޭކަމަށް ވެސް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށްފި ނަމަ، ރައްޔިތުންގެ އަޑު ކެނޑިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި މި ހޮވަނީ އެންމެ މީހެއް. އެހެންވީމައި ރަށެއްގެ 300 މީހުން 500 މީހުން 1000ހާ މީހުންގެ ރަށެއްގައި ފަސް މީހުން ހަތް މީހުން ހޮވުމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް،" ރައީސް ވިދާޅުވިއެވެ.

https://sun.mv/194049

މީގެ އިތުރުން، މަޖިލީހުގެ "ސައިޒު" ކުޑަކުރުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއާއެކު، މަޖިލީސް ރައްޔިތުންގެ އަދަދު ގިނަނުވާގޮތަށް އިސްލާހު ގެނައުމުން، މަޖިލީހުގެ ޚަރަދު ރިކަރަންޓު ބަޖެޓުން ކުޑަވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް