އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް އޮތް ގޮތަށް ފާސްކުރުމުން ދަތިތައް ދިމާވެދާނެ: އުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް: ރައީސްގެ ގަރާރަކުން އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ ސަރުކާރު

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ ދަތިތައް ދިމާވެދާނެ ކަމަށާއި ބިލަށް އިސްލާހު ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އެ ބިލަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ތާއިދުކޮށް، މިދިޔަ ހޯމަ ދުވަހު ބިލް ބަލައިގަތުމަށްފަހު ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފޮނުވާފައެވެ.

https://sun.mv/193052

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތަށް ގާނޫނު އިސްލާހުކުރުން ލަސްވަމުންދާތީ، އާންމުންގެ ފާޑުކިޔުންތައް ވެސް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭ ގޮތުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު މިހާރު ހުށަހެޅިފައި އޮތް ގޮތަށް ފާސްކޮށްފިނަމަ، ބައެއް ކަހަލަ "ކޮމްޕްލިކޭޝަންސް" އައުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، ބަންޑާރަނައިބުގެ ފަރާތުން ވެސް އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިޔަކު ކުރި އެހެން ސުވާލަކަށް ދެއްވި ޖަވާބުގައި އުޝާމް ވިދާޅުވީ ރައީސްގެ ގަރާރަކުން އިޒްރޭލު ޕާސްޕޯޓު މަނާނުކުރެވޭނެ ކަމަށާއި، އެއީ ރައީސަށް ގާނޫނުގެ ތެރެއިން ލިބިދީފައި އޮންނަ ބާރެއް ނޫން ކަމަށެވެ.

ބަންޑާރަނައިބު އަޙުމަދު އުޝާމް-- ސަންފޮޓޯ/ ނާއިލް ހުސައިން

"....އަޅުގަނޑަކަށް ނޭނގޭ ކޮން ބޭފުޅަކު ވިދާޅުވާ ވާހަކައެއް ކަމެއް، ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމަށް އެ ކަން ކަނޑައެޅުމަކީ. ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން އެ ފަދަ ބާރެއް ލިބިދީފައެއް ނުވޭ. އެކަން ކުރަންޖެހޭނީ ހަމަ ގާނޫނު އިސްލާހުކޮށްގެން،" އުޝާމް ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް މިދިޔަ މެއިމަހުގެ 30ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.

އެ ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިޒްރޭލުގެ ޕާސްޕޯޓު ނުވަތަ އެހެން ގައުމަކާއެކު ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.

ރާއްޖެއަށް އިޒްރޭލް މީހުން އެތެރެވުން ހުއްޓުވުމަށް ގޮވާލައި މަޖިލީހުގެ މިދިޔަ ދައުރުގައި ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރެއް، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރިއެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި މީގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުން މުޒާހަރާކޮށްފައިވެއެވެ. އަދި އިޒްރޭލު ފަތުރުވެރިން ރަށަށް އެރުމުން، އަނބުރާ ފޮނުވާލައިފައި ވެސްވެއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައި، ގާނޫނަށް ބަދަލެއް ގެންނައިރު ގައުމަށް ލިބިދާނެ އިގްތިސޯދީ ގެއްލުމަށާއި ގައުމުގެ ސަލާމަތަށް ބަލަން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ މީގެ ކުރިން ގޮވާލައްވާފައެވެ.

https://sun.mv/193046

ހަމައެއާއެކު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ވަނީ ބިލާ މެދު ހިތްހަމަނުޖެހޭފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން، ގާސިމް ވިދާޅުވީ އެމްޑީޕީން މި މައްސަލަ ހުށަހެޅިއިރު ވިސްނަންވާ ވަރަށް ވިސްނާފައިނުވާ ކަމަށެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި އިސްރާއީލުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 37,124އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ހަމަލާތަކުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 84,712 އަށް އުފުލިފައެވެ. އދއިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ މީހުންގެ އަދަދު ވަނީ މިލިޔަނަކަށް އުފުލިފައެވެ.

comment ކޮމެންޓް