އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދީ މިއަދު ހެނދުނު ޓެކްސަސްގެ ހިއުސްޓަންގައި ހުންނަ އެންއާރުޖީ ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އެކުއެޑޯއާ އެކު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިންނެވެ.
މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ނަމަވެސް، މެޗުގައި މެސީއަށް ވެސް އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތެއްނުވިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ އާޖެންޓީނާ އިންނެވެ. އެއީ، މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޑިފެންޑާ ލިސާންޑްރޯ މާޓިނޭޒް ޖަހައިދިން ލަނޑެކެވެ. މި ލަނޑާ އެކު އާޖެންޓީނާއިން ކޮންމެ ވެސް ވަރަކަށް ހަމަޖެހިލި ނަމަވެސް އެކުއެޑޯއިން ހިތްވަރު އެލުވައިނުލާ ދިޔައީ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެކުއެޑޯއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އާޖެންޓީނާއަށް އިތުރަށް ނުރައްކާ ކުރެވޭތޯ މަސައްކަތްކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ހަމަލާއެއްގައި ޕެނަލްޓީއެއް ލިބި މެޗުގެ ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިއުމެވެ.
ނަމަވެސް، އާޖެންޓީނާގެ ރޮޑްރިގޯ ޑި ޕޯލްގެ އަތުގައި ޖެހުމުގެ ސަބަބުން ލިބުނު މި ޕެނަލްޓީ ވަނީ އެކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާއަށް ކާމިޔާބު ކުރެވޭގޮތް ނުވިއެވެ. މެޗުގައި އެކުއެޑީއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ކެވިން ރޮޑްރިގޭޒެވެ. މި ލަނޑާ އެކު މެޗުން އެކުއެޑޯއަށް ނަތީޖާއެއް ނެރެވިދާނެކަމުގެ އުންމީދު އާވެގެންދިޔައެވެ.
އުންމީދުތަކަށް އިތުރު ދިރުމެއް ލިބިގެންދިޔައީ ޕެނަލްޓީ ޝޫޓް އައުޓްގެ ފުރަތަމަ ޕެނަލްޓީ މެސީއަށް ކާމިޔާބުކުރެވޭގޮތް ނުވުމުންނެވެ. އޭނާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ނަމަވެސް، އެކުއެޑޯއަށް ލިބުނު ފައިދާގެ ބޭނުން ހިފިގެން ނުދިޔައީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ ހުށިޔާރުކަމުންނެވެ.
މާޓިނޭޒްވަނީ އެހެން ފަހަރުތަކެކޭ އެއްގޮތަށް މި ފަހަރު ވެސް ޕެނަލްޓީ ޝޫޓް އައުޓްގައި އާޖެންޓީނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދީފައެވެ. މާޓިނޭޒް ވަނީ އެކުއެޑޯއިން ޖެހި ފުރަތަމަ ދެ ޕެނަލްޓީ މަތަކޮށްފައެވެ. އާޖެންޓިނާއިން ދެން ޖެހި ހަތަރު ޕެނަަލްޓީ ވެސް ވަނީ އެ ޓީމުން ކަމިޔާބުކޮށްފައެވެ. ފަހު ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ ތަޖުރިބާކާރު ޑިފެންޑާ ނިކޮލަސް އޮޓަމެންޑީއެވެ.
ސެމީފައިނަލްގައި އާޖެންޓީނާއަށް ބައްދަލުކުރަން ޖެހޭނީ މާދަމާ ހެނދުނު ވެނެޒުއޭލާއާއި ކެނެޑާގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. ހެނދުނުގެ މެޗުން ބަލިވުމާއެކު އެކުއެޑޯއިންވަނީ އެ ޓީމުގެ ކޯޗު ފީލިކްސް ސަންޗޭޒް މަގާމުން ވަކިކޮށްފައެވެ.
ބާކީ ތިން އަހަރު އޮއްވާ ފީލިކްސް މަގާމުން ވަކިކުރުމަށް ފަހު އެކުއެޑޯގެ ފުޓްބޯލް ފެޑެރޭޝަނުންވަނީ އޭނާއާއި އޭނާގެ ކޯޗިން ސްޓާފުން ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ.