ވާނުވާ ހައްލުކުރެވޭނީ ކޯޓުތަކަށް ކަމަށް ޕީޖީން ބުނުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް: ޑިޓެއިނީ ވޮޗް

މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް: އެ ޖަމިއްޔާއިން ބުނީ 'ވާނުވާ' ބަންދުގެ މައްސަލަ ހައްލުކުރުމަކީ ޕީޖީއަށް ހައްލުކުރެވޭނެ ކަމެއް ނޫން ޝަމީމް ވިދާޅުވި ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ޕްރެސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޖީ ޙުސައިން ޝަމީމް ވިދާޅުވި ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް، ގައިދީންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން މިރޭ ބުނެފިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް މީގެ ކުރިން ވިދާޅުވީ 'ވާނުވާ' ބަންދުގެ މައްސަލަ ހައްލުކުރެވޭނީ ޝަރުއީ ކޯޓުތަކަށް ކަމަށެވެ.

އެކަމާ ގުޅިގެން ޑިޓެއިނީ ވޮޗްއިން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ޕީޖީން ވަނީ އެ މައްސަލައިގެ ހައްސާސީކަން އޮޅުވާލުމަށް ވާހަކަދައްކަވާފައި ކަމަށެވެ.

އެގޮތުން މިހާރުވެސް 350އެއްހާ މީހުން އަނިޔާވެރި ވާނުވާ ބަންދުގައި ތިބިކަމަށް ރަސްމީ ހިސާބުތަކުން ދައްކާ ކަމަށާއި އޭގެތެރޭގައި ޝަރީއަތް ނިމޭނޭ ދުވަހެއް ނޭނގޭ ހަތަރު ފަސް އަހަރު ވެފައިވާ މީހުން ތިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕީޖީން އެއްބަސްވެފައިވާ ފަދައިން މިހާރުވެސް އެވްރެޖްކޮށް މަހަކު 16 މީހުން ވާނުވާ ބަންދަށް އިތުރުކުރެވޭކަމީ އިންތިހާއަށް ބިރުވެރި، އަނިޔާވެރިކަމެއް ކަމުގައި ދެކޭ ކަމަށް އެ ޖަމިއްޔާއިން ބުންނެވެ.

ޕީޖީން އެކަން މިހާރު ރައްދުކުރަނީ ކޯޓުތަކުގެ މައްޗަށްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ، ގިނަ އަދަދެއްގެ ބަޔަކު ބަންދުގައި ތިއްބާ، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ވަކި ހާލަތްތަކަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކެއް އޮންނަ ކަމަށެވެ. އަދި ހައްޔަރުކުރާ މީހުން ބަންދުކުރުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން ރިއާޔަތް ކުރުމެއް ނެތި ކަން ފަސޭހަކޮށްފައިވާ ކަމަށް ވެސް އެ ޖަމިއްޔާ ތުހުމަތުކުރިއެވެ.

އެގޮތުން ޝަރީއަތުގެ އެންމެ ފުރަތަމަ މަރުހަލާގައި ވެސް ޝަރީއަތް ނިމެންދެން ވާނުވާ ބަންދަށް ޖެހުމަށް ކަމާގުޅޭ ފަރާތްތަކުން ވަކާލާތު ކުރާތަން ފެންނަ ކަމަށް ޑީޓެއިނީ ވޮޗްއިން ބުންޏެވެ.

ހަމައެއާއެކު ގިނަފަހަރަށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ޕީޖީގެ ފަރާތުން އެދިފައިވަނީ ގާނޫނުގައި ބަޔާންކުރެވިފައިވާ ސަބަބުތަކަށްވުރެ ބޮޑަށް ޕީޖީއަށް އެ ދައުވާއެއްގައި ހާޒިރުކުރެވޭ ފަރާރްތަކަކީ ހުކުމް ކުރެވުމުގެ ކުރިންވެސް މުޖުރިމެއްގެ ގޮތުގައި ދެކޭ ފަރާތްތަކަށް ވެސް ޝަރީއަތްތަކުން ފެންނަމުންދަނީ.

މީގެ އިތުރުން ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި ތިބޭ ފަރާތްތަކުގެ ބަންދު މުރާޖާކުރުމަށް ހުށަހެޅުމުގެ ބާރު ގާނޫނީގޮތުން ލިބިދޭ ހަމައެކަނި ފަރާތަކީ ޕީޖީ ކަމުގައިވީ ހިނދު، މިފަދަ މައްސަލަތައް މުރާޖާކުރުމަށް ޕީޖީން މަސައްކަތް ކުރާތަނެއް ނުފެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ވަކިން ޚާއްސަކޮށް މިހުރިހާ ކަމެއްގެ މައްޗަށް އާންމުންގެ މެދުގައި އަޑުއުފުލަމުންދާ ދަނޑިވަޅެއްގައި މި މައްސަލައަށް ޕީޖީން އިހުމާލުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި ވާނުވާ ނޭނގޭ ގޮތަށް މީހުން ބަންދުގައި ނުތިބޭނެ ކަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމުގައި ވަނީ ބުނެފައެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ އާއިލާތަކަށް އެ ގައިދީން ޖަލުތަކުގައި ތިބެން ޖެހޭނީ ކިހާ ދުވަހެއްގައިތޯ އެ ގައިދީންގެ އާއިލާތަކަށް އަންގައި ދިނުމަށް ޑީޓެއިނީ ވޮޗްއިން ގޮވާލިއެވެ.

https://sun.mv/193841

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމެންދެން ކުށްކުރާ މީހުން ބަންދުކުރަނީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ހަމަތަކުގެ ތެރެއިން ކަމަށެވެ. އޭގެ ބޭރުން އެއްވެސް މީހަކު ބަންދުކުރަން އެ އޮފީހުން ނޭދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޯޓުތަކުން މުއްދަތަށް މައްސަލަތައް ނިންމާނަމަ، ވާނުވާގެ މައްސަލަ ނޯންނާނެ ކަމަށެވެ.

ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ވާނުވާ ހައްލުނުވެ ގިނަ ދުވަސްވާތީ، ޕީޖީ ޝަމީމްގެ އިސްތިއުފާއަށް ގޮވާލައި އާންމުން ވަނީ ނުރުހުން ފާޅުކޮށް، އިހުތިޖާޖު ވެސް ކޮށްފައެވެ.

comment ކޮމެންޓް