ކޮވިޑް-19ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި ރީއެޖެންޓްސް ހޯދުމުގައި، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައި ދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގެ ތަހުގީގު އަނެއްކާ ވެސް ފަށައިފިއެވެ.
މި މައްސަލައިގައި މިދިޔަ އަހަރުގެ އޯގަސްޓު 20ވަނަ ދުވަހު އައިޖީއެމްއެޗްގެ ކުރީގެ ތިން ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފައެވެ.
އޭސީސީން އެއިއިރު ބުނި ގޮތުގައި ދައުވާކޮށްދިނުމަށް އެދި ފޮނުވައިފައިވަނީ ކޮވިޑް ދުވަސްވަރު އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެންބަރު ޑރ. އަލީ އަބްދުލް ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމްގެ އިތުރުން އެ ހޮސްޕިޓަލުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހްސިންގެ މައްޗަށެވެ.
ނަމަވެސް "ސަން"އަށް މައުލޫމާތު ދެމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަަލައިގެ ތަހުގީގު އަނެއްކާ ވެސް މިހާރު ފަށައިފައިވާ ކަމަށެވެ. އަދި މިހާރު ތަހުގީގު ކުރިއަށް ގެންދަނީ ޕީޖީ އޮފީހާއި، ފުލުހުން ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މީގެ ކުރިން މި މައްސަލައިގައި ހޯދިހޯދުންތަކާއެކު ޑރ. އަލީ ލަތީފާއި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސްއިން މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ވަކި މައްސަލައެއްގެ ގޮތުގައި ޑރ. އަލީ ލަތީފާއި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފައިވާކަން އޭސީސީން ފާހަގަކުރިއެވެ.
ކޮވިޑް-19ގެ ދުވަސްވަރު ސިއްހީ ޚިދުމަތްތައް ކޮރަޕްޝަނުގެ ކުށްތައް ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް މީގެ ކުރިން ވެސް ބަލައިފައިވެއެވެ.
އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހާލުދެރަވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ލިބިފައިނުވާ މައްސަލަ ބަލައިފައިވެއެވެ.