ޔޫރޯ 2024: ސްޕެއިންއާއި ޖަރުމަނު މެޗަށް ޓޭލާ، ޕޯޗުގަލް އާއި ފްރާންސް މެޗަށް އޮލިވާ

ޔޫރޯ މެޗުތަކުގެ ރެފްރީން: ސްޕެއިންއާއި ޖަރުމަނު މެޗަށް ޓޭލާ، ޕޯޗުގަލް އާއި ފްރާންސް މެޗަށް އޮލިވާ --

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ރެފްރީންނަށް، އިނގިރޭސި ދެ ރެފްރީން ކަމަށްވާ މައިކަލް އޮލިވާ އާއި އެންތަނީ ޓޭލާ ހަމަޖައްސައިފިއެވެ.

އުމުރުން 45 އަހަރުގެ އެންތަނީ ޓޭލާ ހަމަޖައްސާފައިވަނީ މުބާރާތުގެ ދެ ފޭވަރިޓުން ކަމަށްވާ ސްޕެއިނާއި ޖަރުމަނާ ބައްދަލުކުރާ މެޗުގެ ރެފްރީއަކަށެވެ. މި މެޗުގައި އޭނާގެ ރެފްރީން ޓީމުގައި ހިމެނެނީ ގެރީ ބެސްވިކް، އެޑަމް ނަން އަދި ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ގޮތުގައި ސްޓުއާޓް އަޓްވެލް އެވެ.

ފްރާންސް އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ހަވާލުކޮށްފައިވަނީ އުމުރުން 39 އަހަރުގެ އޮލިވާ އަށެވެ. މި މެޗުގައި އޭނާގެ ރެފްރީން ޓީމުގައި ހިމެނެނީ ސްޓުއާޓް ބާޓް، ޑޭން ކުކް އަދި ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ގޮތުގައި ޑޭވިޑް ކޫޓް އެވެ.

އެންތަނީ ޓޭލާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯގައި އޮފިޝަލުކަން ކޮށްފައެވެ. އަދި މިއީ ޔޫރޯ މުބާރާތުގައި އޭނާ ރެފްރީކަންކުރާ ދެވަނަ ފަހަރެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ރެފްރީން ޓީމުގައިވެސް އޭނާ ހިމެނެއެވެ.

ޔުއެފާގެ އެލީޓް ރެފްރީންގެ ތެރޭގައި ހިމެނިފައިވާ، ޓޭލާ ވަނީ ބޮޑެތި މެޗުތައް ކަމަށްވާ، 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލާއި، މިދިޔަ އަހަރުގެ ޔުރޮޕާ ލީގުގެ ފައިނަލްގައި ވެސް އޮފިޝަލްކަން ކޮށްފައެވެ.

އޮލިވާ ވަނީ މިފަހަރުގެ ޔޫރޯގައި ގަދަ 16 ބުރުގައި ޖަރުމަނުން 2-0ގެ ނަތީޖާއަކުން ޑެންމާކު ބަލިކުރި މެޗުގައި ރެފްރީކަން ކޮށްފައެވެ. މި ދެ ރެފްރީން ވަނީ މި މުބާރާތުގައި ރަނގަޅު ޕާފޯމަންސެއް ދައްކާފައެވެ. އެއާއެކު މުބާރާތުގެ ސެމީ ފައިނަލުންވެސް މި ދެ ރެފްރީން ފެނުން ގާތެވެ.

comment ކޮމެންޓް