އާސަންދައިން އައިވީއެފް ހަދައިދޭ ފުރަތަމަ 37 މީހުން ކަނޑައަޅައިފި

ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުންނަށް ދޭ އައިވީއެފް ފަރުވާ ހަދަން، އާސަންދައިގެ ދަށުން ހިލޭ ފަރުވާ ދެވޭ ފުރަތަމަ 37 މީހުން މިއަދު ކަނޑައަޅައިފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ގެޒެޓުކުރި އިއުލާނެއްގައިވަނީ މި 37 މީހުންގެ ލިސްޓު އާއްމުކޮށްފައެވެ.

ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަށް ހަމަޖެއްސުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.

އެގޮތުން, އައިޔޫޔައި އަދި އައިވީއެފްގެ އެހީއަށް އެދުމަށް މާޗު މަހުން މެއި މަހުގެ 15 އަށް ވަނީ ހުޅުވާލާފައެވެ. އެ މުއްދަތުގެ ތެރޭގައި 153 ފަރާތަކުން ވަނީ ފޯމު ހުށަަހަޅާފައި ކަމަށް އެންސްޕާއިން ބުންޏެވެ.

އޭގެ ތެރެއިން ޝަރުތު ހަމަވެފައިވާ 37 މީހުންނަށް ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ.

ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ޖުލައި 2024 ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭގޮތުން މި އެޖެންސީން އެ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭނެކަމުގައި ދަންނަވަން، އެންސްޕާ

އެންސްޕާއިން ބުނީ، މި އެހީއަށް ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވެފައިވާ މީހުންނަށް ވެސް، އެ މުއްދަތުގެ ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި، މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ މީހުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އުސޫލު ބައްޓަންކޮށްފައިވަނީ ދަރިމައިވުމަށް އެހީތެރިވެދޭ ފަރުވާތައް ކަމަށްވާ އައިވީއެފްއާއި އައިޔޫއައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގައުމުތަކުން ވެސް ހެދޭ ގޮތަށް ކަމަށެވެ.

https://sun.mv/189037

އެގޮތުން، އައިޔޫޔައި އަދި އައިވީއެފްގެ އެހީއަށް އެދުމަށް އަންނަ މަހު ހުޅުވާލުމަކީ އެ ކަމަށް ބޭނުންވެފައި ތިބި މީހުންނަށް ލިބޭނެ ވަރަށް ބޮޑު އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައިވީއެފްއަށް ފަރުވާ ހޯދުމަށް އާސަންދަ ހަމަޖައްސައިދެނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ތިން ބުރަކަށެވެ. އޭގެ ފަހުން ހިނގާ އެއްވެސް ޚަރަދަކަށް އާސަންދައެއް ނުލިބޭނެއެވެ. އެގޮތުން ފަރުވާ ތިން ބުރަކަށް ބަހާފައިވަނީ އައިވީއެފްގެ ފަރުވާއަށް ތައްޔާރުވާން ހަދާ ޓެސްޓުތަކާއި ބޭހާއި އަނބިމީހާގެ ދަރިމައިވާ ބިސްނެގުމާއި އެމްބްރިއޯ ތައްޔާރުކޮށް ޓްރާންސްފާ ކުރުމަށެވެ.

މީގެ ކުރިން ފަރުވާ ފަށާފައިވާނަމަ އާ ބުރެއް ފެށޭނީ އުސޫލުގައިވާ ގޮތަށް އަނބިމީހާގެ ދަރިމައިވާ ބިސް، އެމްބްރިއޯ ޓްރާންސްފާ ކޮށްފައިވާނަމައެވެ. އަދި، ކުރިން ފަރުވާގައި އެމްބްރިއޯ ރައްކާކޮށްފައިވާނަމަ އުސޫލުގައިވާގޮތުން ފުރަތަމަ ހަމަޖެހޭ އެހީގައި ބޭނުންކުރާނީ އެ އެމްބްރިއޯތަކެވެ.

އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. އެ ހޮސްޕިޓަލުން ދިން އައިވީއެފްގެ ފަރުވާއަށް ފަހު މިހާތަނަށް ދެ ކުއްޖަކު ވަނީ ވިހައިފައެވެ.

comment ކޮމެންޓް