އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލޭންޑުގެ ހޮސްޕިޓަލްތަކަކުން އާސަންދަ ހަމަޖެހިފައިވާއިރު އެ ދެ ގައުމުން ކަވަރުކޮށްދޭނެ ޚިދުމަތްތަކުގެ ތަފްސީލް ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށްވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ފަދައިން ޔޫއޭއީއާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް މިހާރު ވަނީ ހަމަޖައްސަވާފައެވެ.
އެގޮތުން ޔޫއޭއީއިން އާސަންދައިގެ ދަށުން ފަރުވާ ލިބިގަނެވޭނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށެވެ. މިހާރު އާއްމުގޮތެއްގައި އިންޑިއާއިން އެ ފަރުވާ ލިބޭ ނަމަވެސް، ފަސްޓް ޑޯނާއެއް ނުލިބި ތިބި ޕޭޝަންޓުންނަށް އެ ގައުމަކުން ޓްރާންސްޕްލާންޓެއް ނުހެދެއެވެ. ނަމަވެސް ޔޫއޭއީން އާސަންދަ ހަމަޖައްސާފައިވާ ހޮސްޕިޓަލުން ވަކި މިންގަނޑުތަކަކަށް ބެލުމަށްފަހު، ފޯތު ޑިގްރީ ޑޯނާއާ ހަމައަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ލިބެއެވެ.
ތައިލެންޑުން އާސަންދައިގެ ދަށުން ފަރުވާ ލިބިގަނެވޭނީ ގިނަ ދުވަހު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށެވެ.
މިހާރު އެ ދެ ގައުމުން ވެސް އާސަންދަ ހަމަޖައްސާފައި ވަނީ އެއް ހޮސްޕިޓަލުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ގިނަ ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސައިދިނުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުންޏެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުްން، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވީ، އެހެނިހެން ގައުމުތަކަށް މިހާރު ވެސް އާސަންދައިގެ ދަށުން ޚިދުމަތް ދެވޭ ގޮތަށް ޕޯޓަލް މެދުވެރިކޮށް، ރެފަރަލް ނިޒާމެއްގެ ދަށުން، ޔޫއޭއީއާއި ތައިލެންޑަށް ފަރުވާ ހޯދުމަށް އާސަންދައިގައި އެދެވޭނެ ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ފަސްޓް ޑިގްރީ ޑޯނާ ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުހެދި ތިބި ވަރަށް ގިނަ އަދަދެއްގެ މީހުން މިހާރު ވެސް އެބަތިއްބެވެ.
"އަވައްޓެރި ބައެއް ގައުމުތަކުގެ އުސޫލުތައް ހުންނަ ގޮތުން ފަސްޓް ޑިގްރީ ޑޯނާއެއް ނޫން ކަމަށް ވެއްޖިއްޔާ އެ މީހާއަށް އޯގަން ޓްރާންސްޕްލާންޓް ކުރަން އުނދަގޫވޭ. ނަމަވެސް ޔޫއޭއީން އާސަންދަ ހަމަޖައްސާފައިވާ ހޮސްޕިޓަލްގެ އުސޫލުތަކާ ގަވާއިދުތައް ހުންނަ ގޮތުން ފަސްޓް ޑިގްރީ ޑޯނާއެއް ނުލިބިއްޖެ ހިނދެއްގައި އެހެން ލެވަލެއްގެ ޑޯނާއެއް ލިބުނަސް، އެމީހުން އެބަލާ މިންގަނޑުތަކަކަށް ބަލާފައި ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުސަތު އެމީހަކަށް އެބަ ފަހިވޭ،" ހީނާ ވިދާޅުވިއެވެ.
އެގޮތުން ބަލާ މިންގަނޑުތަކުގެ ތެރޭގައި އެ ޑޮނޭޓުކުރާ މީހާއަކީ މުސްލިމަކަށް ވެފައި އެއީ ދިވެއްސަކަށް ވުމުން ޓްރާންސްޕްލާންޓް ހެދޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
ރިކުއެސްޓް ފޯމުތައް ލިބުނު ނަމަވެސް އާސަންދައިން ބަލާނެ ވަކި މިންގަނޑުތަކެއް ހުންނާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ޔޫއޭއީއަށާއި ތައިލެންޑަށް ބަލިމީހުން ފޮނުވާއިރު ވަކި ސެލެކްޝަނެއް ހަދައި ނުވަތަ ވަކި މީހަކަށް ޓާގެޓް ކުރުމެއް ނޯންނާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ޑޮކްޓަރުން ބައްލަވައި، އެންމެ އިސްކަންދޭ ތަރުތީބަކުން އެކަން ކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
"އެބޭފުޅެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށްފައި މިހާރު ވެސް އެ އިންނަ ނިޒާމުގެ ތެރެއިން ތައިލެންޑަށް ވެސް ފޮނުވާނީ. ދެ ތަނެއް އަޅުގަނޑުމެންގެ ޚިދުމަތަށް ގެނައުމުގެ ބޭނުމަކީ ބެޗް ބެޗަށް މީހުން ސެލެކްޓް ކޮށްފައި ފޮނުވުމެއް ނޫނޭ، އެ މީހެއްގެ އެ އަންނަ ރިކުއެސްޓަކަށް ރިއާޔަތްކޮށްފައި އެ ކަމަކަށް ބިނާކޮށްފައި އަޅުގަނޑުމެން އެ މީހުން ފޮނުވާނީ،" ހީނާ ވިދާޅުވިއެވެ.
"ދެ ތިން ހަތަރު މީހަކު ލާފައި އިނިއްޔާވެސް، އޭގެ ތެރޭގައި ވެސް ހަމަ ހުރެދާނެ އޭނާގެ މެޑިކަލް ކޮންޑިޝަން ހުންނަގޮތުން ނުކުރެވޭނެ މީހެއް ވެސް. އެހެންވީމަ އެ ހުރިހާ ކަމެއް ނިންމާނީ ޑޮކްޓަރުންގެ ޓީމަކާ ވާހަކަދައްކައިގެން ޓެކްނިކަލް ލަފާ ހޯދައިގެން،" ހީނާ ވިދާޅުވިއެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ -- ސަން ފޮޓޯ
މިކަމާ ގުޅޭގޮތުން އާސަންދައިގެން މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ، ގިނަ ދުވަސްވަންދެން ފަރުވާއަށް އެއްވެސް ކުރިމަގެއް ނުލިބި ތިބި ބަލިމީހުންނަށް އިތުރު ލަފައެއް ހޯދުމަށް ނުވަތަ އިތުރު ފަރުވާއެއް ފެއްޓުމަށް މިހާރު ވެސް އާސަންދައަށް ރިކުއެސްޓުތައް އަންނަ ކަމަށެވެ. އެހެންކަމުން ތައިލެންޑުން އާސަންދަ ހަމަޖައްސައިދިނުމުގައި އިސްކަން ދެއްވާނީ އެފަދަ ބޮޑެތި ބަލިތަކަށް، ގިނަ ދުވަސްވަންދެން ފަރުވާ ކުރަމުންދާ ބަލިމީހުންނަށް ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވާ މީހެއް ކަމަށްވާނަމަ އެ މީހަކަށް ފަހުން ބޭނުންވާ ފަރުވާ ހޯދުމަށް ވެސް އުސޫލުގެ ދަށުން ރިކުއެސްޓުކުރުމުން އެ ފަރުވާ ލިބޭނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ، މިވަގުތު ދެ ގައުމުގައި ވެސް އާސަންދަ ލިބޭނެ އެއް ހޮސްޕިޓަލް ހަމަޖައްސާފައިވީ ނަމަވެސް ވަރަށް އަވަހަށް ތައިލެންޑުން އިތުރު ހޮސްޕިޓަލަކުން އާސަންދަ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
ޔޫއޭއީއާއި ތައިލެންޑަށް ފޮނުވާ ބަލި މީހުންނަށް މިހާރު ވެސް އާސަންދައިގެ ދަށުން ފޮރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. އެގޮތުން ބަލިމީހާއާއި، އޭނާއާ އެކުގައި ދާ އެހީތެރިޔާގެ ޓިކެޓާއި، ފައިސާގެ އެހީ ބޭނުންވެއްޖެ ހާލަތެއްގައި އެކަން ވެސް ފޯރުކޮށްދެވޭނެ ކަމަށް އާސަންދައިން ބުންޏެވެ.
އަދި ކެއިން ބުއިމާއި ޒަރޫރީ އެހެނިހެން ކަންތައްތައް ވެސް ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ޚާއްސަގޮތެއްގައި ކިޑްނީ ޓްރާންސްޕްލާންޓް ހަދާ މީހެއް ކަމުގައިވާނަމަ އާސަންދައިގެ ދަށުން ޑޯނާގެ ޚަރަދު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.