119 ކިލޯގެ ޑުރަގު މައްސަލަ: ދައުވާ ސާބިތުނުވި އެކަކުގެ މައްސަލަ އިސްތިއުނާފުކުރަނީ

ހައިކޯޓު: 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުނުވި އެކަކުގެ މައްސަލަ އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް އެކާވީސް ވަނަ އަހަރު އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ސަލާމަތްވި އެކަކުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ 12 ޑިސެންބަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ދައުވާކުރީ ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، ޢަލީ ޒުބެއިރާއި، ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަޙްމަދު ސުނައިނާއި، ގދ. ހޯނޑެއްދޫ، އަލޯރާ، އަޙްމަދު މުޖާހިދުގެ މައްޗަށެވެ.

މައްސަލައިގައި ދައުވާ ކުރި ތިން މީހުން -- ފޮޓޯ/ ޕޮލިސް

މިދިޔަ މާޗުމަހުގެ 20ގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައި ނިންމިއިރު، ހުކުމްކޮށްފައިވަނީ ޒުބެއިރުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި އެއް ލައްކަ ރުފިޔާގެ ޖޫރިމަނާގެ ހުކުމެކެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ މި މައްސަލައިގައި ޒުބެއިރުގެ މައްޗަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އެހެން ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު ހުކުމުން އުނިކޮށް، ތަންފީޒު ކުރަންޖެހެނީ 22 އަހަރާއި އަށް މަހާއި 22 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި ދައުވާކުރި އަނެއް ދެ މީހުން އެ ކޯޓުން މިނިވަންކުރީއެވެ. ކޯޓު ހުކުމްގެ އެ ބައިގައިވަނީ އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

https://sun.mv/190075

ޕީޖީ އޮފީހުން ބުނީ ދައުވާއިން ސަލާމަތްވި ސުނައިނުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލައިގެ ދައުވާއިން ސަލާމަތްވި މުޖާހިދުގެ މައްސަލަ އިސްތިއުނާފުކޮށްގެން، ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެނެވިދާނެކަމަށް ނުފެންނާތީ، އޭނާގެ ބައި އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވަނީ އަންނަ ބުދަ ދުވަހަށް ކަމުން، އެ ތާރީޚުގެ ކުރިން އިސްތިއުނާފު، ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 802 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައި އޮތް އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލައެވެ. ކުރިޔަށް އޮތް ހަތަރު އަހަރަށް އެކުލަވައިލައިފައިވާ ފުލުހުންގެ އައު ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް ވަނީ އެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ.

comment ކޮމެންޓް