ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލައެއްގައި ޒުވާން އަންހެނެއް ބަންދުކޮށްފި

ކްރިމިނަލް ކޯޓު: ތޫނު ހަތިޔާރުން ބިރުދައްކައި، މީހަކު ރަހީނު ކުރުމަށްފަހު ފޭރުނު މައްސަލައެއްގައި ދިވެހި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ވަނީ ބަންދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޫނު ހަތިޔާރުން ބިރުދައްކައި، މީހަކު ރަހީނު ކުރުމަށްފަހު ފޭރުނު މައްސަލައެއްގައި ދިވެހި ޒުވާން އަންހެނަކު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކޮށްފައިވަނީ ސ. މަރަދޫ، ކުންނާރުގޭ އުމުރުން 27 އަހަރުގެ އާއިޝަތު މަލްޖާ މޫސާ ދީދީއެވެ. އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މީހަކު ރަހީނުކުރުމަށްފަހު ފައިސާ ފޭރުނު މައްސަލައެއްގައި އެ އަންހެންމީހާ ހައްޔަރުކުރިއިރު، އޭނާއަކީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑު އޮތް މީހެކެވެ.

ކޯޓު އަމުރުގައިވަނީ އެ އަންހެންމީހާއަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރި ކަމަށް ކޮންމެ ވެސް ވަރެއްގެ ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެ ގޮތުން ސީނަށް ދިޔަ ފުލުހެއްގެ ހާދިސާ ރިޕޯޓާއި އަނިޔާ ލިބުނު މީހާގެ ބަޔާނާއި ފޮޓޯ ރިޕޯޓު ހުށަހަޅާފައިވާ ކަމަށް ކޯޓުން ބުނެއެވެ.

އޭނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައިވެއެވެ.

މި މައްސަލައިގައި ކޯޓު އަމުރު ނެރެދެއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ޣާޒީ އިބްރާހީމް އިޙްސާނެވެ.

https://sun.mv/196400

މި ފަހުން އައިސް ރާއްޖޭގައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަރަށް ގިނަވެފައެވެ. އެ ގޮތުން މާފަންނުގެ ގެއެއްގައި މިދިޔަ ބުދަ ދުވަހު ބަޔަކު ނިދާފައި ތިއްބައި އެ ގެއަށް ވަދެ، މަރާލާނެ ކަމުގެ އިންޒާރާއެކު ކަރަންޓު ސާމާނުތަކެެއް ފޭރުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކުވަނީ ކޯޓު އަމުރެއްގެ ދަށުން 15 ދުވަހަށް ބަންދުކޮށްފައެވެ.

comment ކޮމެންޓް