އެމެރިކާގެ ދެމަފިރިންނަށް އުއްޗުގެ ސަޕްރައިސް ހަދިޔާއެއް!

ޑރ. މަރީނޯގެ ދެމަފިރިންނަށް އުއްޗު މަރްޙަބާ ދަންނަވަނީ - ފޮޓޯ: ހުރަވަޅި

އެމެރިކާގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ. ޑޭވިޑް މަރީނޯ އާއި އޭނާގެ އަންހެނުން ސަބީނާ މިޝިޔެވާ ރާއްޖެއަށް ޒިޔާރަތްކުރީ މި ޤައުމުގެ ޤުދުރަތީ ރީތިކަމުގައި އަރާމުކޮށް، ހިތްހަމަޖެހުން ހޯދުމަށެވެ. ދެމަފިރިން ތިބީ ވަރަށް ރީތި ރިސޯޓެއްކަމަށްވާ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްގައެވެ. އެތަނުގައި އުފާވެރިކަމާއެކު ވަގުތު ހޭދަކުރަމުންދަނިކޮށް، އެ ރަށާ ކައިރީގައިވާ ޗަމްޕާ ގިރީގެ މަޢުލޫމާތު ލިބި، އެރަށަށް ދިއުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އެއީ އެރަށުގައި އޮންނަ މިޔަރު ޕޮއިންޓް ބަލައިލުމަށެވެ.

ޗަމްޕާ ގިރި (މިހާރުގެ ނަމުންނަމަ ޗަމްޕާ ރޮމެންޓިކް އައިލަންޑް) އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އަމިއްލަފުޅަށް ހިއްކަވައިގެން ތަރައްޤީކުރައްވަމުން ގެންދަވާ އަމިއްލަ ރަށެކެވެ. އެރަށް ހިއްކަމުންދިޔަ ދުވަސްވަރުން ފެށިގެން ގިނަ އަދަދެއްގެ ނިދަން މިޔަރު އެރަށަށް ޖަމާވެއެވެ. އެ މިޔަރުތައް އޯގާތެރިކަމާއެކު ބެލެހެއްޓުމަކީ އުއްޗުގެ އުފަލެކެވެ.

މިހާރު ކައިރި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، މިޔަރު ޕޮއިންޓް ބަލައި މިޔަރުތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު އުއްޗު ވަނީ ހުޅުވާލައްވާފައެވެ. މި މިޔަރު ޕޮއިންޓް ބަލައިލުން މިހާރު ވެފައި މިވަނީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު އަދި ޝައުޤުވެރިކަން ބޮޑު ޙަރަކާތަކަށެވެ.

ޑރ. މަރީނޯ އާއި ސަބީނާ މިދިޔަ ޖޫން މަހު ޗުއްޓީގައި ޗަމްޕާ ގިރިއަށް ދިޔައީ މިޔަރުތަކާއެކު އެ ތަޖުރިބާ ހޯދާލުމަށެވެ. އެ ދެމަފިރިން ޗަމްޕާ ގިރިއަށް ދަތުރުކުރި މަގުމަތީގައި، ރިޓްޒް ކާލްޓަން ރިސޯޓުގެ ގައިޑުގެ ގާތުން އެ ރަށާއި ރަށުގެ ވެރިފަރާތާ ގުޅޭ ގިނަ މަޢުލޫމާތު ލިބިގަތެވެ.

ޑރ. މަރީނޯގެ ދެމަފިރިން ފުރަތަމަ ފަހަރަށް ޗަމްޕާ ގިރީގެ ކެފޭގައި ބައްދަލުކުރައްވަނީ

މި ބައްދަލުވުމުގައި އުއްޗު ވަނީ ޗަމްޕާ ގިރި ވުޖޫދުވެގެން އައި ގޮތާއި، އެ ރަށާ ބެހޭ ގިނަ މަޢުލޫމާތު، އަދި އުއްޗުގެ އެހެން ރިސޯޓުތަކާއި ވިޔަފާރީގެ ވާހަކަތައް ޙިއްސާކުރައްވާފައެވެ. މި ވާހަކަތަކުން އެ ދެމަފިރިންގެ ކިބައިގައި އުއްޗުއާ މެދު އުފެދުނު އާދަޔާ ޚިލާފު ޝައުޤުވެރިކަން ފާހަގަކުރެއްވި އުއްޗު، ޅ. އަތޮޅުގައި އޮންނަ އުއްޗުގެ ހުރަވަޅި ރިސޯޓުގެ މޫދުއަޑީގެ ރެސްޓޯރަންޓުގައި ކެއުމަކަށް ދަޢުވަތު ދެއްވިއެވެ. އަދި އެހިސާބުން އެ ދެމަފިރިންނަކީ އުއްޗުގެ މެހުމާނުންގެ ގޮތުގައި ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ.

މަރީނޯ އާއި ސަބީނާ ރާއްޖެ އައީ ރިޓްޒް ކާލްޓަން ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި އެމެރިކާއަށް އެނބުރި ދިޔުމުގެ ގަސްދުގައެވެ. އެހެންކަމުން، އެ ދެމަފިރިންގެ ޗުއްޓީ ދަތުރުގެ ޕްލޭން ބަދަލުކުރުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އަދި އެ ދެމަފިރިންނަށް ލިބުނު ކުއްލި ދަޢުވަތު ޤަބޫލުކުރަން ބޭނުންވި ނަމަވެސް، އެއީ ޤަބޫލުކުރެވޭ ވަރަށްވުރެ ބޮޑު ހަދިޔާއެއް ކަމަށް ދެކި، އެކަމާ ސީރިއަސް ވާކަށް ނޭނގުނެވެ.

ނަމަވެސް، ރިސޯޓަށް ދިޔުމަށްފަހުވެސް އެ ޚިޔާލުތަކާ އެ ދެމަފިރިންނަށް ދުރެއް ނުވެވުނެވެ. ސަބީނާގެ ހިތުގައި ހުރަވަޅީގެ އަންޑަސީ ރެސްޓޯރަންޓް ބަލައިލުމުގެ ޝައުޤުވެރިކަން އިންތިހާއަށް އޮތުމާއެކު، އުއްޗުގެ ދަޢުވަތަކީ ސީރިއަސް ދަޢުވަތެއްތޯ އެ ދެމީހުން ގޮވައިގެން ދިޔަ ގައިޑުގެ ގާތުން އަލުން އެހިއެވެ. އެކަން ކަށަވަރުކުރުމަށް އުއްޗުގެ މުވައްޒަފަކާ ގުޅުމުން، އެއީ އަދިވެސް ހުޅުވިފައިވާ ވަރަށް ސީރިއަސް ދަޢުވަތެއްކަމުގެ މެސެޖް އުއްޗު ދެއްވިއެވެ.

މިހިސާބުން މަރީނޯ އާއި ސަބީނާ ނިންމީ ރިޓްޒް ކާލްޓަންގައި ހޭދަކުރާ ޗުއްޓީ ކުރުކޮށްލާފައި އުއްޗުގެ ދަޢުވަތު ޤަބޫލުކޮށް، ހުރަވަޅި ރިސޯޓަށް ދިޔުމަށެވެ. މި ނިންމުން އުއްޗުއަށް އެނގިވަޑައިގަތުމާއެކު، ސީޕްލޭނެއް ޗާޓަރުކުރައްވައި، އެ ދެމަފިރިން ފާދިއްޕޮޅު ހުރަވަޅި ރިސޯޓަށް ގެންދިއުމުގެ ދަތުރު ފެއްޓެވިއެވެ.

ހުރަވަޅިން މަރީނޯ އާއި ސަބީނާއަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ. 5.8 މީޓަރު އަޑީގައި ބިނާކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު އަންޑަސީ ރެސްޓޯރަންޓުގައި އެ ދެމަފިރިންގެ ރޭގަނޑުގެ ކެއުމުގެ ވަގުތު ހޭދަކުރީ ވަރަށް އުފަލާއި ހިތްހަމަޖެހުމާ އެކުއެވެ. ބޭރުން ފެންނަމުންދިޔަ ކަނޑުއަޑީގެ ދިރުންތަކާމެދު އާޝޯޚުވެ ތިބެއެވެ. މިއީ އެ ދެމަފިރިން އޭގެ ކުރިން އުއްމީދުކޮށްފައި ނުވާފަދަ އުފާވެރި ތަޖުރިބާއެކެވެ.

ސަބީނާ ހުރަވަޅި 5.8 އަންޑަސީ ރެސްޓޯރަންޓްގައި - ފޮޓޯ ހުރަވަޅި

އެއަށްފަހު އެ ދެމަފިރިންނަށް ޚާއްޞަ ފޮޓޯ ސެޝަނެއް ރަށުގެ ރީތި މަންޒަރުތައް ހިމެނޭގޮތަށް ބޭއްވުނެވެ. ހުރަވަޅީގައި އެއް ރޭ ހޭދަކުރުމަށްފަހު، އެ ދެމަފިރިން ސީޕްލޭންގައި އެއާޕޯޓަށް ފުރަން ދިޔައިރު، އަލްވަދާއު ކިޔުއްވީ ރިސޯޓުގެ ވެރިފަރާތް އުއްޗުއެވެ. އެ ދެމަފިރިން އުއްޗުއަށް، އެމަނިކުފާނު ދެއްވި ކުއްލި ސަޕްރައިސް ހަދިޔާއާއި މެހުމާންދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ.

ޑރ. މަރީނޯ އާއި ސަބީނާ ހުރަވަޅިގައި - ފޮޓޯ: ހުރަވަޅި

ފުރަން ބޯޓަށް އެރުމުގެ ކުރިން، އުއްޗުގެ ޚާއްޞަ ހަދިޔާއެއްގެ ގޮތުން އެ ދެމަފިރިން ހުރަވަޅީގައި ހޭދަކުރި އުފާވެރި ވަގުތުތައް ހިމެނޭ ޚާއްޞަ ފޮޓޯ އަލްބަމެއްވެސް އުއްޗު ހަދިޔާކުރެއްވިއެވެ. މިކަމަކީ އެ ދެމަފިރިންނަށް އާދަޔާ ޚިލާފު އުފަލެއް ލިބުނު ކަމެކެވެ. ޑރ. މަރީނޯ އާއި ސަބީނާ ހުރަވަޅިން ފުރައިގެން ދިޔައީ ރާއްޖެއާމެދު ވަރަށް ހިތްހަމަޖެހި، އުފާވެރި ޝުޢޫރުތައް ފާޅުކުރަމުންނެވެ. އަދި އުއްޗުގެ ސަޕްރައިސްއާއި މެހުމާންދާރީ ދުވަހަކުވެސް ހަނދާން ނުނެތޭނެކަން ހާމަކުރަމުންނެވެ.

އުއްޗުގެ މި ޢަމަލުފުޅު ތަފާތުވީ އެއް ގޮތަކުން ނުވަތަ ދެ ގޮތަކުން ނޫނެވެ. އުއްޗުއަކީ މިފަދަ ކުއްލި ސަޕްރައިސްތައް ދެއްވުމާއި މެހުމާންދާރީ އަދާކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެމަނިކުފާނުގެ ރިސޯޓްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހާލު ބެއްލެވުމާއި، އެމަނިކުފާނުގެ މެހުމާންދާރީގައި ހޭދަކުރާ ވަގުތަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ވަގުތަކަށް ހެދުމަށް އުއްޗު އަބަދުވެސް އިސްކަންދެއްވައެވެ.

އެމެރިކާގެ އެ ދެމަފިރިންނަށް މެހުމާންދާރީ އަދާކުރެއްވުމަށްފަހު، އުއްޗު އެނބުރި ވަޑައިގެންނެވީ ޗަމްޕާ ގިރިއަށެވެ. އަދި ދެން އަންނަ ފަތުރުވެރިންނަށް އާދަޔާ ޚިލާފު ޚިދުމަތެއް ފޯރުކޮށްދިނުމާ މެދު ވިސްނަވައި، އެކަމަށް މަސައްކަތްކުރެއްވުމަށެވެ. ޑރ. މަރީނޯ އާއި ސަބީނާ އެމެރިކާއަށް އެނބުރި ދިޔުމަށްފަހުވެސް އުއްޗުއަށް ގުޅައި، ދެން ރާއްޖެ އަންނާނީ އުއްޗުއާ ގާތުގައި ތިބުމަށް ކަމަށް ބުނެ، ޝުކުރު ތަކުރާރުކުރިއެވެ. ތަހުޒީބު މުޖުތަމަޢެއްގައި ދިރިއުޅޭ ރައްޔިތުންނަށް، މި ކުޑަކުޑަ ރާއްޖެއިން ދިން މި ޚާއްޞަ މެހުމާންދާރީއަކީ، ދިވެހީންގެ ކިބައިގައި ހުރި މެހުމާނުންނަށް ކަމޭހިތުމުގެ ރީތި ސިފަ ފުރިހަމައަށް ދައްކުވައިދިން ކަމަކަށް ވެގެންދާނެއެވެ.

comment ކޮމެންޓް