ކޯޓުގައި ދޭވާންޏެއް ނެތް، ހައްދުޖެހުން ހުއްޓިފައި

ކްރިމިނަލް ކޯޓު: އެ ކޯޓުގައި ދޭވާނީއެއް ނެތުމުން ހައްދުޖެހުން އޮތީ ހުއްޓިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގައި ދޭވާންޏެއް ނެތުމުގެ ސަބަބުން ހައްދުޖެހުން ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ހައްދުޖަހާނެ ދޭވާންޏެއް ހޯދަން ކްރިމިނަލް ކޯޓުން ވަނީ އިއުލާނު ވެސް ކޮށްފައެވެ. އެ އިއުލާނުގެ މުއްދަތު މާދަމައަށް ހަމަވާނެއެވެ.

ކްރިމިނަލް ކޯޓުގައި ދޭވާންޏެއް ނެތިގެން ހައްދުޖެހުން ހުއްޓިފައި އޮތް ކަމަށް ޕީޖީ ޝަމީމް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައެވެ. އެ ކޮމިޓީގައި އިންނަވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ ދޭވާންޏެއް ހޯދައި، ހުކުމް ތަންފީޒުކުރުމުގެ ކަންކަން ކޯޓުން ކުރަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ، ހައްދުޖެހުމުގެ ކަންކަން ޒަމާނުއްސުރެ ކުރަމުން އަންނަނީ ކްރިމިނަލް ކޯޓުން ކަމަށެވެ.

"ސަގާފީ ގޮތުން އެކަން ކުރަމުން އައި ގޮތަކީ އެއީ. އެ މަގާމަކީ ވެސް ކްރިމިނަލް ކޯޓުގައި އޮންނަ މަގާމެއް،" އޭނާ ވިދާޅުވިއެވެ.

އެކަމަކު، ހަގީގަތުގައި އެ ކަމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަމީމް ވިދަޅުވިއެވެ. އޭނާ ވިދާޅުވީ، ކްރިމިނަލް ކޯޓުން އެކަން ކުރަމުން އަންނަނީ ސަގާފީ ގޮތުން ކަމަށެވެ.

އެ ވާހަކަތައް ހިއްސާކުރައްވަމުން ޝަމީމް ވިދާޅުވީ، އެ ކޯޓުގައި ދޭވާންޏެއް ނެތިގެން ހައްދުނުޖަހާތާ ވެސް ދުވަސްކޮޅެއްވެފައިވާ ކަމަށެވެ.

"ކްރިމިނަލް ކޯޓުގައި އެކަން ކުރައްވާނެ މީހަކު ނެތިގެން ހައްދު ނުޖަހާތާ ދުވަސްކޮޅެއް ވެސް ވެއްޖެ،" އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓަށް ދޭވާންޏެއް ހޯދަން އިއުލާނުކޮށްފައިވަނީ މުސާރައާއި އިނާޔަތުގެ ގޮތުގައި 8،000 ރުފިޔާއަށެވެ.

comment ކޮމެންޓް