ލާމަރުކަޒީ ނިޒާމު އޮތީ ވަރަށް ޅަފަތުގައި، ބަދަލުގެންނާނީ ދިރާސާއާއި ޚިޔާލު ހޯދައިގެން: މިނިސްޓަރު

ލޯކަލް ގަވާނަންްސް މިނިސްޓަރު އާދަމް ޝަރީފް: އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު އޮތީ ވަރަށް ޅަފަތުގައި ކަމަށާއި ބަދަލުގެންނާނީ ދިރާސާއާ ޚިޔާލު ހޯދައިގެން ކަމަށް -- ފޮޓޯ/ މިނިސްޓްރީ

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އޮތީ ވަރަށް ޅަފަތުގައި ކަމަށާއި، އެ ނިޒާމަށް ބަދަލުގެނެސް ހަރުދަނާ ކުރާނީ ދިރާސާކޮށް އޭގެ މައްޗަށް ތަޖުރިބާކާރުންނާއި އާންމުންގެ ޚިޔާލު ހޯދައިގެން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ، ލޯކަލް ކައުންސިލަރުން ތަމްރީނު ކުރުމަށް އެމްކިއުއޭ ގަބޫލުކުރާ ފެންވަރުގެ ކޯހެއް ހިންގައި ހުވާކުރުމުގެ ކުރިން ކައުންސިލަރުން ތަމްރީނުކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އޭނާ މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގައި ތިއްބަވާ ބައެއް ކައުންސިލަރުން އެބޭފުޅުންގެ ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ނުކުރާ ކަމުގެ ޝަކުވާތައް ލިބެމުން އަންނާތީއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަން ވާނީ އެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކަށް ހެޔޮ ބަދަލު ގެނެވޭ ގޮތަށް ކަމަށެވެ.

އަދި އެކަން ކުރާނީ ގައުމީ ޔުނިވަސިޓީން ހަދާ ރިސާޗްއާއި، މަޖިލީހާއި، އާންމުންގެ ޚިޔާލާއި، ތަޖުރިބާކާރުންގެ ލަފާ ހޯދައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ ވަރަށް ޅަފަތުގައި އޮތް، ހެޔޮ ބަދަލުތަކަކަށް ބޭނުންވެފައިވާ ނިޒާމެއް. އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިލްމީ ދިރާސާ އެމްއެންޔޫ އިން ދަނީ ހަދަމުން. އެ ދިރާސާއަށް ފަހު އިތުރަށް އާންމުންގެ ޚިޔާލު ހޯދާނަން. ލާމަރުކަޒީ ނިޒާމުގެ ތަފާތު މޮޑެލްތައް އެކި ގައުމުތަކުގައި އެބަހުރި. އެ ހުރިހާ ކަމަކަށް ރިއާޔަތްކުރުން ވަރަށް މުހިންމު، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު

މިނިސްޓަރު ވަނީ އެ ބަދަލުތައް މަޖިލީހުން ގެންނަން ދައްޗެއް ނުވާނެކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ.

ލާމަރުކަޒީ ކޮމިޓީގެ 4 ވަނަ ބައްދަލުވުން: އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވީ ހުވާކުރުމުގެ ކުރިން ކައުންސިލަރުން ތަމްރީނުކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަވަމުން ޒުލްފާ ވިދާޅުވީ ކައުންސިލަރުން ތަމްރީނު ކުރުމަކީ އަބަދު ވެސް ކުރިއަށްގެންދާކަމެއް ކަމަށެވެ. އެފަދަ ކޯސް ފުރިހަމަ ކުރުމަށްފަހުގައި ނޫނީ ހުވާ ނުކުރެވޭނެ ގޮތް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒުލްފާ ވިދާޅުވީ މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީތަކުގެ ކުލަ ދޫކޮށްފައި ގާނޫނުގައި ބުނާ ކަންތައްތައް ކުރުމުގެ ރޫހު ބައެއް ކައުންސިލަރުންގެ ނުހުންނަ މައްސަލަ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރާނެ ކަމަށް މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.

އެގޮތުން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ރަށްރަށުގައި ހިންގަންޖެހޭ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި "އެންމެ ފުރަތަމަ ޓަކިޖަހަން ޖެހޭ ދޮރަކީ" ކައުންސިލްތަކަށް ހެދުމުގެ މަސައްކަތް ކަމަށް އާދަމް ޝަރީފް މީގެ ކުރިން ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް