ގަވަރުނަރު ވަކިކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް

ގަވަރުނަރު އަލީ ހާޝިމް: އޭނާ ގަވަރުނަރު ކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ގަވަރުނަރު ޒިންމާއަދާނުކުރާ ކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކުރަން ލަފާދޭން ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އިއްޔެ ވަނީ ހާޝިމް އެ މަގާމުން ވަކިކުރަން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް ލަފާދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އޮތީ ގަވަރުނަރު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައެވެ.

މާލިއްޔަތު ކޮމިޓީން އެ މައްސަލައިގައި އެކުލަވައިލި ރިޕޯޓު މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވަނީ މަޖިލިސް ތަޅުމަށް ހުށަހަޅައިދެއްވާފައެވެ. އެ ރިޕޯޓުގައިވަނީ މަޖިލިސް ތަޅުމަށް ގަވަރުނަރު ހާޒިރުކުރުމަށް އިއުލާނުކޮށްދެއްވުމަށް މަޖިލިސް ރައީސަށް ދަންނަވާފައެވެ.

މަނިޓަރީ އޮތޯރިޓީގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރު ވަކިކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ ގޮތުން، ކޮމިޓީން ހާޝިމް ވަކިކުރަން ނިންމުމުން މަޖިލީހުގެ ރައީސް އެކަން ތަޅުމުގައި އިއުލާނުކުރައްވަން ޖެހޭނެއެވެ. އެއަށް ފަހު ޖަވާބުދާރީވުމުގެ ފުރުސަތެއް އަރުވައި، ފަސް ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.

ނާޒިމް އިއްޔެ ވިދާޅުވި ގޮތުގައި ގަވަރުނަރު މިހާރު ހުންނެވީ ޗުއްޓީގައި ސިންގަޕޫރުގައެވެ. އެނބުރި ވަޑައިގަންނަވަނީ ހަތްވަނަ ދުވަހުއެވެ. އެހެންވެ، މިއަދު މަޖިލީހުގެ ރައީސަށް އެކަން އިއުލާނުކުރެއްވިއްޖެ ނަމަ ޖުލައި 11 ގައި ގަވަރުނަރު ހާޒިރުކޮށް، ގޮތެއް ނިންމޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ވިދާޅުވި ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލީސް

މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު އަލުން އެ މައްސަލައިގައި ގޮތެއް ނިންމަން ޖެހޭނެއެވެ. އެއަށް ފަހު އެ ރިޕޯޓު ތަޅުމަށް ހުށަހަޅައިގެން ފާސްކުރާނީއެވެ.

އިއްޔެ ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ، އެމްއެމްއޭގެ ގަވަރުނަރު ޒިންމާތައް އަދާކުރައްވަމުން ގެންދަވާ ކަމަށް ނުފެންނާތީ، ހާޝިމް މަގާމުން ވަކިކުރަން ހުށަހަޅައިފައެވެ. އެ ގޮތަށް ހާޝިމް މަގާމުން ވަކިކުރަން މާލިއްޔަތު ކޮމިޓީގައި އިއްޔެ ބައިވެރިވެވަޑައިގެން އެއް މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ ތާއީދުކޮށްފައެވެ.

އޭނާ ވިދާޅުވީ، ބޭންކުތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ވެސް ނުސީދާ ގޮތެއްގައި ހިފަހައްޓައި، ބޭންކްތަކުގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓަން ހާޝިމް ލަފާދެއްވާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށެވެ. އަދި، ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/193802

ފާހަގަކޮށްލެވޭ ގޮތުގައި ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މާލީ ވަޒީރުކަން ވެސް ކުރައްވައިފައެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވެސް ވަނީ ވިދާޅުވެފައެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

comment ކޮމެންޓް