ގަވަރުނަރު ވަކިކުރުމުގެ މަސައްކަތް ފަށައިފި

ގަވަރުނަރު އަލީ ހާޝިމް: އޭނާ ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ވަނީ ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ގަވަރުނަރު ޒިންމާއަދާނުކުރާ ކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކުރަން ލަފާދޭން ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މަޖިލީހުގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ރިޔާސަތުގައި އިންނެވި އެ ކޮމިޓީގެ މުގައްރިރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއުލާނުކުރެއްވި ގޮތުގައި ހާޝިމް ވަކިކުރަން މަޖިލީހުގެ ރައީސަށް ލަފާދޭން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެޑައިގެން މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުންގެ ތާއީދާ އެކުއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް މިއަދު ވަނީ، އެމްއެމްއޭގެ ގަވަރުނަރު ޒިންމާތައް އަދާކުރައްވަމުން ގެންދަވާ ކަމަށް ނުފެންނާތީ، ހާޝިމް މަގާމުން ވަކިކުރަން ހުށަހަޅައިފައެވެ. ތަޅުމުގައި ވާހަކަދައްކަވަމުން ވެސް އޭނާ ވަނީ ހާޝިމް ޒިންމާ އަދާނުކުރައްވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

https://sun.mv/193796

ކޮމިޓީއަށް ނާޒިމް ހުށަހެޅުއްވި ކަރުދާހުގައި ފާހަގަކުރެއްވި ގޮތުގައި ގައުމެއް ކުރިއަށްގެންދަން އޮންނަނީ މައިގަނޑު ދެ ޕޮލިސީއެކެވެ. އެއީ، ފިސްކަލް ޕޮލިސީއާއި މަނިޓަރީ ޕޮލިސީއެވެ. އެ ތަނުން ފިސްކަލް ޕޮލިސީ ކަނޑައަޅަނީ ސަރުކާރުންނެވެ. މަނިޓަރީ ޕޮލިސީ ކަނޑައަޅާނީ ގަވަރުނަރެވެ.

"އެމްއެމްއޭއަށް ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުކުރެވިފައި ނެތްއިރު އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައި މަނިޓަރީ ޕޮލިސީ އެކަށިގެންވާ ގޮތެއްގައި ހިނގަމުން އަންނަ ކަމަކަށް ނުފެނޭ،" ނާޒިމް ކޮމިޓީގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބޭންކުތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ވެސް ނުސީދާ ގޮތެއްގައި ހިފަހައްޓައި، ބޭންކްތަކުގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓަން ހާޝިމް ލަފާދެއްވާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށެވެ. އަދި، ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް: އެ ކޮމިޓީން ވަނީ ގަވަރުނަރު ވަކިކުރުމުގެ މަސައްކަތް ފަށާފައި -- ފޮޓޯ/ މަޖިލިސް

ނާޒިމް ފާހަގަކުރެއްވި ގޮތުގައި ކުށްކުރުން ހުއްޓުވުމުގައި ވެސް އެމްއެމްއޭގެ ގަވާއިދުތައް އަދާހަމަކޮށްފައިނުވާތީ ގޮންޖެހުންތަކެއް ހުރި ކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން ވަނީ މަޖިލީހުގައި ބުނެފައެވެ.

އެހެންވެ، މަނިޓަރީ އޮތޯރިޓީގެ ގާނޫނުގައި ވާގޮތުގެ މަތިން ހާޝިމް މަގާމުން ވަކިކުރަން ލަފާދޭން ނާޒިމް ވަނީ ހުށަހަޅުއްވައިފައެވެ.

އެ ގާނޫނުގެ ހަވަނަ މާއްދާގެ ތިންވަނަ ނަންބަރުގައި ވާގޮތުން އެމްއެމްއޭގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، މަގާމުން ވަކިކުރާނީ ވެސް މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

އެ ގޮތުން، ކޮމިޓީން ހާޝިމް ވަކިކުރަން ނިންމުމުން މަޖިލީހުގެ ރައީސް އެކަން ތަޅުމުގައި އިއުލާނުކުރައްވަން ޖެހޭނެއެވެ. އެއަށް ފަހު ޖަވާބުދާރީވުމުގެ ފުރުސަތެއް އަރުވައި، ފަސް ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.

އެކަމަކު، ނާޒިމް ވިދާޅުވި ގޮތުގައި ގަވަރުނަރު މިހާރު ހުންނެވީ ޗުއްޓީގައި ސިންގަޕޫރުގައެވެ. އެނބުރި ވަޑައިގަންނަވަނީ ހަތްވަނަ ދުވަހުއެވެ. އެހެންވެ، މާދަމާ މަޖިލީހުގެ ރައީސަށް އެކަން އިއުލާނުކުރެއްވިއްޖެ ނަމަ ޖުލައި 11 ގައި ގަވަރުނަރު ހާޒިރުކޮށް، ގޮތެއް ނިންމޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ވިދާޅުވި ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: މެންބަރުން ވިދާޅުވީ އޭނާ މަގާމަށް ތަސައްރަފު ނުފުދޭ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާހަގަކޮށްލެވޭ ގޮތުގައި ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މާލީ ވަޒީރުކަން ވެސް ކުރައްވައިފައެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ހާޝިމް މަގާމަށް ތަސައްރަފު ނުފުދޭކަން މިދިޔަ ފަސް އަހަރާއި އޭނާ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ދުވަސްވަރުގައި ވެސް ސާފުވެފައިވާ ކަމަށެވެ.

"އޭނާއަށް ހިންގަން ހަވާލުކުރި ކުޑަކުޑަ ފިހާރަގަނޑެއް ވެސް އޭނާއަށް ނުހިންގިގެން ޖެހުނީ ބަންދުކުރަން،" ސަލީމް ވިދާޅުވިއެވެ.

"ގައުމު މިހާރު މި އޮތީ އާދައިގެ ހާލަތެއްގައެއް ނޫން. އެ ތަނުގައި [އެމްއެމްއޭގައި] ތިބެން ވާނީ ތަސައްރަފު ފުދޭ ކަން ކުރެވޭ، ގާބިލުކަން ހުރި އަދި ތަންކޮޅެއް ހަށިގަނޑުގައި ވެސް މަސައްކަތްކުރެވޭ ރޫފަ ވެސް ހަރުދަނާ މީހަކު އެ ތަނުގައި ހުންނަން ޖެހޭނީ،"

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް: އޭނާ ވިދާޅުވީ، ގަވަރުނަރު ހާޝިމަކީ ކުޑަކުޑަ ފިހާރައެއް ވެސް ނުހިންގުނު ބޭފުޅެއް ކަމަށް -- ފޮޓޯ/ މަޖިލިސް

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވެސް ވަނީ ވިދާޅުވެފައެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވޯލްޑް ބޭންކުގެ އިކޮނޮމިސްޓް ވިދާޅުވީ، ރާއްޖެއަށް މިހާރު ދިމާވެފައި އޮތް މާލީ ގޮންޖެހުންތަކަކީ އެއް އަހަރުން ދެ އަހަރުން ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި މިއީ ފާއިތުވި 10 އަހަރު ދަރަނި އިތުރުވުމާއި ބަޖެޓު ޑެފިސިޓާއި ކަރަންޓު އެކައުންޓް ޑެފިސިޓް އިތުރުވަމުންދިއުމުގެ ނަތީޖާ ކަމަށެވެ.

ރާއްޖެއިން އަބަދު ވެސް ލިބޭ އާމްދަނީއަށް ވުރެ މާ ގިނައިން ޚަރަދުކުރެއެވެ. އެ ފައިސާ ހޯދަނީ އެތެރެއިންނާއި ބޭރުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. މާލީ ނަންބަރުތަކަށް ބަލާއިރު މިހާރު ވެސް ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 100 އިންސައްތައަށް ވުރެ މަތީގައެވެ.

comment ކޮމެންޓް