ބޯޓުތަކުން ޑޮލަރުން ފީ ނެގުމުން ވިޔަފާރިވެރިންނަށް ގެއްލުންވާ ކަމަށް ރިޕޯޓެއްނުކުރޭ: އެމްޕީއެލް

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުން: އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ސްޓިވެޑޮރިން ޗާޖު ޑޮލަރުން ނެގުމަށް ނިންމީ އެމްޕީއެލްއަށް ލިބެންވާ އާމްދަނީއިން އެހެން ބަޔަކު މަންފާ ހޯދާތީ ކަމަށް -- ފޮޓޯ/ މަޖިލިސް

މުދާ އެތެރެކުރާ ބޯޓު ފަހަރުން ބޯޓަށް މުދާ އެރުވުމާއި ބޯޓުން މުދާ ބޭލުމަށް ނަގާ ސްޓީވްޑޯރިން ޗާޖު ޑޮލަރުން ނެގިޔަސް ވިޔަފާރިވެރިންނަށް އޭގެ ގެއްލުންވެގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަމަޔަށް އައިސްފައިނުވާ ކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ސްޓީވްޑޯރިން ޗާޖު ޑޮލަރުން ނަގަން ފެށުމާ ގުޅިގެން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސިޓީއެއް ފޮނުވާފައެވެ.

އެ ގޮތުން ވިޔަފާރިވެރިން ބްލެކް މާކެޓުގައި ޑޮލަރު ގަންނަންޖެހުމާއި ތަކެތީގެ އަގުބޮޑުވާ މައްސަލަ އެ ސިޓީގައި ފާހަގަކޮށްފައިވާ ކަމަށް ކޮމިޓީން ބުންޏެވެ.

މި މައްސަލައިގައި މިއަދު ބޭއްވި މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމަށް އެމްޕީއެލްގެ އިސް ބޭފުޅުންނާއި އިކޮނޮމިކް މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރިއެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުން: -- ފޮޓޯ/ މަޖިލިސް

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ، ސްޓީވްޑޯރިން ފީ ޑޮލަރުން ނެގުމަށް ނިންމީ، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން، ރާއްޖޭގެ ޝިޕިން އޭޖެންޓުން ކަމަށްވާ ޓޯޓަލް ސަޕްލައި ސޮލިއުޝަންސް (ޓީއެސްއެސް) އާއި ސަރުކާރުގެ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އާއި ވެސް މަޝްވަރާ ކުރުމަށް ފަހު، އެ ބޭފުޅުންގެ ރުހުމާ ވެސް އެކުގައި ކަމަށެވެ.

މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގައި ޑޮލަރުގެ ބްލެކް މާކެޓު އުފެދެމުންދާތީ އާއި، އެމްޕީއެލްއަށް ލިބެންޖެހޭ އާމްދަނީއެއް އެހެން ބޭރު ބަޔަކަށް ލިބޭތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ރާއްޖެއަށް މުދާ ގެންނަނީ ދެ ގޮތަކަށެވެ. އެއީ އެފްއޯބީ އާއި ސީއައިއެފް އެވެ. ވަޖީހު ވިދާޅުވި ގޮތުގައި އެފްއޯބީކޮށް ގެންނަ މުދަލަށްވާ ރުފިޔާ، ރާއްޖޭގައި ހުންނަ އޭޖެންޓު ބަލައިގަންނަނީ ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓުންނެވެ. އެހެން ނަމަވެސް ކަރަންސީ އެކްސްޗޭންޖު ރޭޓެއްގެ ގޮތުގައި އިތުރު 18 އިންސައްތަ ހިމަނާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

"އެ ބޭފުޅުންގެ އެ ޗާޖަކީ އެއީ ބްލެކް މާކެޓުން ތިމަންނާމެން ޑޮލަރު ގަންނަންޖެހޭތީވެ، ލާ އިތުރު ޕަސެންޓެކޭ ކިޔާފައި 18 ޕަސެންޓް އިތުރަށް އެޑް ކޮށްފައި އިންވޮއިސްކޮށްފައި އިންނާނީ. އެ ކަމަކީ ރިކޯޑުތަކުން ފެންނަން ހުންނާނެ ހަގީގަތެއް. ހަގީގަތުގައި މި ގެއްލުންވަނީ ދިވެހި ގައުމަށް. އެމްޕީއެލަށް ނުވަތަ ދިވެހި ސަރުކާރަށް ލިބެންޖެހޭ އާމްދަނީއެއް އެހެން ބަޔަކު ގެންދަނީ," ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން ޑޮލަރު ބޭނުންވަނީ މައިގަނޑު ގޮތެއްގައި ސްޕެޝަލައިޒްޑް ޕޯޓު މެޝިނަރީ ހޯދުމަށް ކަމަށެވެ. އެ ކަމަށް ބޭނުންވާ ޑޮލަރު މިދިޔަ ފަސް އަހަރެއްގެ ތެރޭގައި ތާށިވުމުގެ ސަބަބުން ސަރުކާރުގެ އެކި ވުޒާރާތަކާ އަދި މިނިސްޓްރީތަކާ ވެސް މަޝްވަރާކުރި ކަމަށް އެމްޕީއެލްގެ ފަރާތުން ބުންޏެވެ. ބެންކުތަކުން އެ ވަރަށް ޑޮލަރު ނުލިބޭތީ، ޑޮލަރުން އާމްދަނީ ލިބޭ ސަރުކާރުގެ ބައެއް ކުންފުނިތަކާ އެކު ވެސް އިންތިޒާމުތަކެއް ހަމަޖައްސައިގެން ވެސް، އެ ވަރަށް ޑޮލަރު ނުލިބުނު ކަމަށް އެމްޕީއެލުން ބުންޏެވެ.

ވަޖީހު ވިދާޅުވި ގޮތުގައި އެމްޕީއެލް އުފެދުނީއްސުރެން ޓެރިފުގައި ހިމެނިފައި އޮތީ ޕޭމެންޓް ދައްކަންޖެހެނީ ޔޫއެސްޑީން ކަމަށެވެ. ސަބަބަކީ އެމްޕީއެލުން އިންޓަނޭޝަނަލް ވެސެލްތަކާ ޑީލް ކުރުމެވެ.

އެގޮތަށް އެ ކަން ޕްރެކްޓިސް ކުރެވެމުން އައިސް، ޑޮލަރުން ނަގަމުން އައި ފީ ރުފިޔާއަށް ބަދަލު ކުރުމަށް ނިންމީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށް ވަޖީހު ވިދާޅުވިއެވެ. އެހެން ނަމަވެސް އޭރު ވެސް އަދި މިހާރު ވެސް އެމްޕީއެލްގެ ޓެރިފުގައި ހިމެނިފައިވަނީ ސްޓީވްޑޯރިން ޗާޖު ދައްކަން ޖެހެނީ ޑޮލަރުން ކަމަށެވެ. އެ ގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުން ފެށިގެން މި އަހަރުގެ އޭޕްރީލް މަސް ފެށުމާ ހަމަޔަށް ސްޓީވްޑޯރިން ޗާޖު ނަގަމުން އައީ ރުފިޔާއިންނެވެ.

އެ ކުންފުނިން ބުނީ އޭޕްރީލް އެކަކުން ފެށިގެން ސްޓީވްޑޯރިން ޗާޖު ޑޮލަރުން ނަގާނެ ކަމުގެ ނޯޓިސް، އޭގެ ދޮޅުމަސް ކުރިން ޝިޕިން އޭޖެންޓުންނަށް ދީފައިވާނެ ކަމަށެވެ. އެ ގޮތަށް ނިންމީ ޝިޕިން އޭޖެންޓުންނާއެކު ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އެމްޓީއޭއިން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މި މައްސަލަ ހުށަހެޅިއިރު، މި މައްސަލައިގައި ދިވެހި ވިޔަފާރިވެރިއަކަށް ގެއްލުމެއް ވެގެން އެމްޕީއެލާ ހަމަޔަށް އައިސްފައެއް ނެތް ކަމަށް އެ ކުންފުނީގެ ފަރާތުން ބުންޏެވެ. އަދި މި މައްސަލައިގައި އެމްޕީއެލާ ބައްދަލު ކުރަން އެދުނު އެއްވެސް ފަރާތަކާ ބައްދަލުނުކޮށް ނުހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނާ ގޮތުގައި ސްޓީވްޑޯރިން ޗާޖުގެ ގޮތުގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު ލިބޭނެއެވެ. ބާކީ ހުރި ހުރިހާ ޗާޖުތައް އެމްޕީއެލުން ނަގަނީ ރުފިޔާއިންނެވެ.

comment ކޮމެންޓް